ރައީސް ޑރ. މުއިއްޒު މިމަހު ޕާކިސްތާނަށް ރަސްމީ ދަތުރުފުޅެއް ކުރައްވަނީ!
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، މި ހިނގާ އޮކްޓޫބަރު މަހުގެ ފަހުކޮޅު ޕާކިސްތާނަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް ހަމަޖެހިއްޖެއެވެ. މިއީ ފާއިތުވި ގާތްގަނޑަކަށް 11 އަހަރާއި ފަސް މަސް ދުވަހުގެ ތެރޭގައި ރާއްޖޭގެ ރައީސަކު އެ ގައުމަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް ޑރ. މުއިއްޒު ޕާކިސްތާނަށް ވަޑައިގަންނަވާނީ މި މަހުގެ 20 އިން 23 އަށެވެ. ނަމަވެސް މި ދަތުރުފުޅާ ގުޅޭ ރަސްމީ ތަފުސީލެއް ދިވެހި ސަރުކާރުން އަދި މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.
ޕާކިސްތާނުގެ ސަރުކާރުން ބުނެފައިވާ ގޮތުގައި، ރައީސްގެ މި ދަތުރުފުޅުގެ ތައްޔާރީތަކާ ގުޅޭގޮތުން އެ ގައުމުގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރު އަދި ހާރިޖީ ވަޒީރު، ސެނެޓާ މުހައްމަދު އިސްހާގު ދާރު ވަނީ ރާއްޖޭގެ ފޮރިން މިނިސްޓަރާ ފޯނުން ގުޅުއްވައި މަޝްވަރާ ކުރައްވާފައެވެ. މި މަޝްވަރާތަކުގައި، ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ އެކުވެރި ގުޅުން އިތުރަށް ހަރުދަނާކޮށް ބަދަހިކުރުމަށް ދެ ފަރާތުންވެސް ވަނީ އެއްބަސްވެފައެވެ.
ރާއްޖޭގެ ރައީސަކު އެންމެ ފަހުން ޕާކިސްތާނަށް ފުރަމާނަ ދަތުރުފުޅެއް ކުރައްވާފައިވަނީ 2015 ވަނަ އަހަރުގެ މެއި މަހުގެ 6 އިން 7 އަށެވެ. އެއީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައެވެ. އެ ދަތުރުފުޅުގައި ކުޅިވަރާއި، ސިއްހަތާއި، ތައުލީމުގެ އިތުރުން މަސްތުވާތަކެތީގެ ވިޔަފާރި ހުއްޓުވުމުގެ ދާއިރާއިން ދެ ގައުމުގެ ދެމެދުގައި މުހިންމު ހަތަރު އެއްބަސްވުމެއްގައި ސޮއިކުރެވުނެވެ.
ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު ހާރިޖީ ގުޅުން ގާއިމުކޮށްފައިވަނީ 26 ޖުލައި 1966 ގައެވެ. ރައީސް ޑރ. މުއިއްޒު ޕާކިސްތާނަށް ކުރައްވާ މި ދަތުރުފުޅަކީ، ދެ ގައުމުގެ ދެމެދުގައި މިހާރު އޮތް ގުޅުމާއި އެއްބާރުލުން މުރާޖައާކޮށް، އާ ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް ލިބިގެންދާނެ މުހިންމު ފުރުސަތެއް ކަމަށް ސަރުކާރުގެ އޮފިޝަލުން ދެކެވަޑައިގަންނަވައެވެ.
ރިއެކްޝަންސް





