އަންހެންކުދިން މުސްތަގުބަލުގެ ލީޑަރުންގެ ގޮތުގައި ބިނާކުރުމަށް ސަރުކާރުން ފުރުސަތުތައް ފަހިކޮށްދޭނެ: ރައީސް
އަންހެންކުދިންނަކީ މުސްތަގުބަލުގެ ލީޑަރުންގެ ގޮތުގައި ބައްޓަންކުރުމަށް ބޭނުންވާ ފުރުސަތުތައް ސަރުކާރުން ފަހިކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ކޮންމެ އަހަރެއްގެ ވެސް އޮކްޓޯބަރު މަހުގެ 11 ވަނަ ދުވަހު ފާހަގަކުރާ ބައިނަލްއަގުވާމީ އަންހެންކުދިންގެ ދުވަހާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އެކްސްގައި ހިއްސާކުރެއްވި މެސެޖެއްގައި ވިދާޅުވީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވާ އަންހެންކުދިންގެ ހައްގުތައް ރައްކާތެރިކޮށް، އެ ހައްގުތައް ކުރިއެރުވުމަށް ބައިނަލްއަގުވާމީ މުޖުތަމައާ އެކު ދިވެހިރާއްޖެއިން ސާބިތުކަމާއެކު ދެމިއޮންނާނެ ކަމަށެވެ.
ރައީސް ވިދާޅުވީ، އަންހެންކުދިންނާއި ޒުވާން އަންހެނުންގެ ފުރިހަމަ ގާބިލުކަން ހާމަކުރުމަށް މަގުފަހިކޮށްދިނުމަށާއި، މުސްތަގުބަލުގެ ލީޑަރުންގެ ގޮތުގައި އެކުދިން ތައްޔާރުކުރުމަށް ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނެ ކަމަށެވެ. އަދި ރައްކާތެރި، އެހީތެރިކަން ލިބޭ މާހައުލެއްގެ ތެރެއިން ގައުމީ ތަރައްގީގައި މާނަހުރި ގޮތެއްގައި ބައިވެރިވުމުގެ ފުރުސަތު އެކުދިންނަށް ފަހިކޮށްދިނުމަށް ސިޔާސަތުތައް އެކަށައަޅައި ކުރިއެރުވުމުގައި ސަރުކާރު ދެމިއޮންނާނެ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، މި އަމާޒަށް ވާސިލުވުމަށްޓަކައި އާއިލާތަކާއި މުޖުތަމައު އަދި ކަމާބެހޭ ހުރިހާ ފަރާތްތަކެއް އެކުގައި މަސައްކަތްކުރަން ޖެހޭކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި މިއަދު އަޅުގަނޑުމެންގެ އަންހެން ދަރިންނަށް ކުރެވޭ އިންވެސްޓްމަންޓަކީ، އެންމެންނަށްވެސް ހަމަހަމަކަމާއި އިންސާފު އަދި ތަނަވަސްކަން ލިބިގެންދާނެ މުސްތަގުބަލެއް ބިނާކުރުމަށް އެޅޭ ވަރަށް މުހިންމު ބިންގަލެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މި ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އަންހެންކުދިންނަކީ މުޖުތަމައު ބަދަލުކޮށްދޭ ލީޑަރުންނާއި އީޖާދީ ވިސްނުންތައް ގެނެސްދޭ ބައެއް ކަމަށެވެ. އަދި އެކުދިންގެ އަޑާއި ހުނަރަކީ މުޖުތަމައުތައް އިތުރަށް ވަރުގަދަކޮށް، ހަރުދަނާކުރުމުގައި މުހިންމު ދައުރެއް އަދާކުރާ ކަންކަން ކަމަށް އެކަމަނާ ވިދާޅުވިއެވެ.
މެޑަމް ސާޖިދާ އިތުރަށް ވިދާޅުވީ، އަންހެންކުދިން ބާރުވެރިކުރުވުމަކީ ހަމައެކަނި އެކުދިންގެ ދިރިއުޅުން ބަދަލުކޮށްލާ ކަމެއް ނޫން ކަމަށާއި، އެއީ މުޅި ގައުމުގެ މުސްތަގުބަލާ ގުޅިފައިވާ ކަމެއް ކަމަށެވެ. އަދި ތައުލީމާއި، އާންމު ޚިދުމަތްތަކާއި، ވިޔަފާރިއާއި، ކުޅިވަރުގެ އިތުރުން މުޖުތަމައުގެ ލީޑަޝިޕްގައިވެސް ރާއްޖޭގެ އަންހެންކުދިންނާއި ޒުވާން އަންހެނުން ފާހަގަކޮށްލެވޭ ފަދަ ބޮޑެތި ކުރިއެރުންތަކާއި ކާމިޔާބީތައް ހޯދަމުން އަންނަކަން އެކަމަނާ ވަނީ ފާހަގަކުރައްވާފައެވެ.
ރިއެކްޝަންސް





