ގދ. ފަރެސްމާތޮޑާ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ 63 އިންސައްތަ ނިމިއްޖެ
ގދ. ފަރެސްމާތޮޑާ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ ބޮޑު މަޝްރޫޢުގެ މަސައްކަތުގެ 63 އިންސައްތަ މިހާރު ނިމިއްޖެ ކަމަށް، މި މަޝްރޫޢުގެ މަސައްކަތް ހަވާލުވެގެން ކުރިއަށް ގެންދާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން މިއަދު ހާމަކޮށްފިއެވެ.
އެމްޓީސީސީން މައުލޫމާތު ދެއްވި ގޮތުގައި، މި މަޝްރޫޢުގެ ދަށުން ކުރިއަށްދާ ބިން ހިއްކުމުގެ މަސައްކަތުގެ 77 އިންސައްތަ ވަނީ މިހާރު ނިމިފައެވެ. ގދ. ފަރެސްމާތޮޑާ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރ މަހުގެ 25 ވަނަ ދުވަހުއެވެ. އެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށީ މި އަހަރުގެ މާރިޗު މަހުގެ ތެރޭގައެވެ.
270 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް އެމްޓީސީސީއާ ހަވާލުކުރި މި މަޝްރޫޢުގެ ޖުމްލަ އަގަކީ 142.67 މިލިއަން ރުފިޔާއެވެ.
މި މަޝްރޫޢުގެ ދަށުން 18 ހެކްޓަރުގެ ސަރަހައްދެއްގެ ބިން ހިއްކުމަށް ހަމަޖެހިފައިވާއިރު، 465,726 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ފަޅާއި ނެރު ފުންކުރުމުގެ މަސައްކަތް ކުރިއަށް ދާނެއެވެ. ގޮނޑުދޮށް ހިމާޔަތްކުރުމުގެ ގޮތުން 620 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ވެސް މި މަޝްރޫޢުގައި ހިމެނެއެވެ.
މީގެ އިތުރުން 1416 މީޓަރުގެ ސަރަހައްދެއްގައި 4 މީޓަރުގެ އެއްގަމު ތޮށި ޖެހުމާއި، 46 މީޓަރުގެ ސަރަހައްދެއްގައި 3 މީޓަރުގެ އެއްގަމު ތޮށި ޖެހުމާއި، 733 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 133 މީޓަރުގެ ސަރަހައްދެއްގައި ޖިއޯބޭގް ރިވެޓްމެންޓް ޖެހުން ހިމެނެއެވެ. އަދި 329 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމުގެ މަސައްކަތް ވެސް މި މަޝްރޫޢުގެ ދަށުން ކުރިއަށްދާނެއެވެ.
ފަރެސްމާތޮޑާ ރައްޔިތުންނަށް ދިގު މުއްދަތަކަށް ފައިދާކުރަނިވި ގޮތަކަށް ތަރައްގީކުރުމަށް ހަމަޖެހިފައިވާ މި މަޝްރޫޢުގައި 9,206 އަކަ މީޓަރުގެ ޕޭވްމަންޓް ހެދުމާއި، 6 މީޓަރު ދިގު އަދި 36 މީޓަރު ފުޅާ ކޮންކްރީޓް ބްރިޖެއް ހެދުމުގެ މަސައްކަތް ވެސް ހިމެނޭ ކަމަށް އެމްޓީސީސީން މައުލޫމާތުދެއްވައެވެ.
ރިއެކްޝަންސް





