
މިހާރު ފެންނަނީ މުއައްސަސާތަކުގެ އިސްވެރިން ނުހައްގު މުއްސަނދިކަން ހޯދާ އެމުއްސަނދިކަން ފޮރުވާތަން- ނާޒިމް
މިހާރު ފެންނަނީ މުއައްސަސާތަކުގެ އިސްވެރިންނާއި, މިނިވަން މުސްތަޤިއްލު މަގާމްތަކުގައި ތިއްބަވާ ބޭފުޅުންވެސް ނުހައްގު މުއަސަނދިކަން ހޯދާ, ފަށަލަކޮށް ފޮރުވާތަން ކަމަށް ރައްޔިތުންގެ މަޖިލިހުގެ ނައިބުރައީސް އަހުމަދު ނާޒިމް ވިދާޅުވެއްޖެއެވެ. ދިއްގަރު ދާއިރާގެ މެމްބަރު ނާޒިމް މިފަދައިން ވިދާޅުވީ މިއަދު ރައްޔިތުންގެ މަޖިލިހުގައި ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ވާހަކަ ދައްކަވަމުންނެވެ.
ނާޒިމް ވިދާޅުވީ އެފަދަ ނުހައްގު މުއްސަނދިކަން ހޯދައިގެން އާއިލާގެ މެމްބަރުންގެ މައްޗަށްވެސް ދަނީ އެ މުއްސަނދިކަން ފަތުރަމުން ކަމަށެވެ. އެހެންވީމަ މިނިވަން މުސްތަޤިއްލު މުއައްސަސާތަކުގައި ތިއްބެވި ބޭފުޅުންގެ މާލީ ބަޔާންތައް ހުށަހަޅަންވީ ގޮތްވެސް ހިމެނޭ ގޮތަށް އިސްލާހު ހުށަހެޅުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށް ވިދާޅުވިއެވެ. އެފަދަ އިސްލާހެއް ހުށަހެޅުމަކީ ކޮންމެހެން ކުރަން ޖެހިއްޖެ ކަމެއްއްކަމަށް ނާޒިމް ވިދާޅުވިއެވެ.
"ނުހައްގު މުއްސަނދިކަން ހޯދާ އެޕާރޔްމަންޓްތައް ގަނެ, އެކި މީހުންގެ ނަމުގައި ރަޖިސްޓްރީކޮށް, ފޮރުވަން މަސައްކަތްކުރޭ." ނާޒިމް ވިދާޅުވިއެވެ.
ބިލަށް ވާހަކަދައްކަވަމުން ނާޒިމް ވިދާޅުވީ ބިލްގެ ސަބަބުން ޓެކްސް ދައްކާ ފަރާތްތަކަށްވެސް ވަރަށްބޮޑު ހިތްހަމަޖެހުމެއް ލިބޭނެ ކަމަށެވެ. އެއީ ޓެކްސް ދައްކަންވީ ކޮންއިރަކުން, ކިހާވަރެއްކަން އަދި ދެއްކުމުގައި އަމަލުކުރަންވީ އުސޫލުތައްވެސް ބަޔާންކޮށްފައިވުމުން ކަމަށް ވިދާޅުވިއެވެ. މީގެއިތުރުން ޓެކްސް ނުދެއްކީމަ ވާނެގޮތް ވެސް ކަޅާ ހުދުން ބަޔާންކޮށްފައިވާކަން ފާހަގަކުރެއްވިއެވެ.
ރިއެކްޝަންސް






