މިނިވަން ވިޔަފާރީގެ އެއްބަސްވުމާއެކު ޗައިނާ އިމްޕޯޓް ރެކޯޑު މިންވަރަކަށް އިތުރުވެއްޖެ

މިނިވަން ވިޔަފާރީގެ އެއްބަސްވުމާއެކު ޗައިނާ އިމްޕޯޓް ރެކޯޑު މިންވަރަކަށް އިތުރުވެއްޖެ

46 minutes ago - 13:59
Advertisement
Advertisement

ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު ޤާއިމުކުރި މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް ޢަމަލުކުރަން ފެށިފަހުން، ޗައިނާއިން ރާއްޖެއަށް އިމްޕޯޓުކުރާ މުދަލުގެ މިންވަރު ވަރަށް ބޮޑަށް އިތުރުވެ، ރާއްޖޭގެ ޖުމްލަ އިމްޕޯޓުގައި ޗައިނާގެ ހިއްސާ 15 އިންސައްތައަށް މަތިވެފައިވާކަން މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.


އެމްއެމްއޭއިން ޢާންމުކޮށްފައިވާ އިޤްތިޞާދީ ހިސާބުތަކަށް ބަލާއިރު، 2024 ވަނަ އަހަރު ޗައިނާއިން ރާއްޖެއަށް އެތެރެކޮށްފައިވަނީ 485.8 މިލިއަން ޑޮލަރުގެ މުދަލެވެ. ނަމަވެސް، 2025 ވަނަ އަހަރުގެ ޖަނަވަރީ މަހު މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް ޢަމަލުކުރަން ފެށުމާއެކު، އެ އަހަރު ޗައިނާއިން އިމްޕޯޓުކުރި މުދާ 9.6 އިންސައްތައިން އިތުރުވެ، އެ އަދަދު ވަނީ 532.2 މިލިއަން ޑޮލަރަށް އަރާފައެވެ.


ފާއިތުވި އަހަރުތަކުގެ ހިސާބުތަކަށް ބަލާއިރު، 2020 ވަނަ އަހަރު ޗައިނާއިން ރާއްޖެއަށް އެތެރެކުރީ 267.6 މިލިއަން ޑޮލަރުގެ މުދަލެވެ. އެހެންކަމުން، 2020 ވަނަ އަހަރާ އަޅާބަލާއިރު ނިމިދިޔަ އަހަރު އެ ޤައުމުން ކުރި އިމްޕޯޓް ވަނީ 98.9 އިންސައްތައިގެ ބޮޑު ކުރިއެރުމެއް ހޯދާފައެވެ. މީގެއިތުރުން، 2022 އަދި 2023 ވަނަ އަހަރު ރާއްޖޭގެ ޖުމްލަ އިމްޕޯޓުގައި ޗައިނާގެ ހިއްސާއަކީ 11 އިންސައްތަ ކަމުގައި ވީނަމަވެސް، 2025 ވަނަ އަހަރު އެ ނިސްބަތް ވަނީ 14.7 އިންސައްތައަށް މަތިވެފައެވެ.


މަސްތަކަށް ބަލާއިރު، ފާއިތުވި ތިން އަހަރުގެ ތެރޭގައި ޗައިނާއިން އެންމެ ގިނައިން މުދާ އެތެރެކޮށްފައިވަނީ އެއްބަސްވުމަށް ޢަމަލުކުރަން ފެށި 2025 ވަނަ އަހަރުގެ ޖަނަވަރީ މަހުއެވެ. އެ މަހު 67.9 މިލިއަން ޑޮލަރުގެ މުދާ އެތެރެކޮށްފައިވެއެވެ. އަދި ދެވަނައަށް އެންމެ ގިނަ މުދާ އިމްޕޯޓުކޮށްފައިވަނީ 2026 ވަނަ އަހަރުގެ ޖަނަވަރީ މަހުއެވެ. އެއީ 62.3 މިލިއަން ޑޮލަރުގެ މުދަލެވެ.


މަރުކަޒީ ބޭންކުގެ ހިސާބުތައް ދައްކާގޮތުން، މި އަހަރުގެ މިހާތަނަށް ޗައިނާއިން ކުރާ އިމްޕޯޓު 2025 ވަނަ އަހަރަށްވުރެ އިތުރުވާނެ ކަމަށް ވަނީ ލަފާކުރެވިފައެވެ. އެގޮތުން، މިއަހަރުގެ ޖަނަވަރީ މަހުން ފެށިގެން ޖުލައި މަހުގެ ނިޔަލަށް 381.9 މިލިއަން ޑޮލަރުގެ މުދާ އިމްޕޯޓުކޮށްފައިވާއިރު، 2025 ވަނަ އަހަރުގެ އެ މުއްދަތުގައި އެތެރެކުރީ 297.4 މިލިއަން ޑޮލަރުގެ މުދަލެވެ. މިއީ 28.4 އިންސައްތައިގެ ބޮޑު އިތުރުވުމެކެވެ.


ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމުގައި އެންމެ ފުރަތަމަ ސޮއިކުރެވުނީ 2017 ވަނަ އަހަރުއެވެ. ނަމަވެސް 2018 ވަނަ އަހަރު ވެރިކަމަށް އައި އެމްޑީޕީ ސަރުކާރުން އެ އެއްބަސްވުމަށް ޢަމަލުނުކުރުމަށް ނިންމިއެވެ. އެހެންނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ޙަވާލުވެވަޑައިގަތުމަށްފަހު، ރާއްޖޭގެ އިޤްތިޞާދަށް ފައިދާވާނެހެން އެ އެއްބަސްވުމަށް ޢަމަލުކުރެއްވުމަށް ނިންމެވިއެވެ.


2025 ވަނަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެން މި އެއްބަސްވުމަށް ފުރިހަމައަށް ޢަމަލުކުރަން ފެށުމާއެކު، ޗައިނާގައި އުފައްދާ މުދާ ހެޔޮ އަގުގައި ރާއްޖެއަށް އެތެރެކުރުމުގެ ފުރުޞަތު ފަހިވެގެން ގޮސްފައިވާއިރު، އެއްވެސް ޓެރިފަކާ ނުލައި ދިވެހިރާއްޖޭގެ އުފެއްދުންތައް ޗައިނާގެ ބާޒާރަށް އެކްސްޕޯޓު ކުރުމުގެ ދޮރުވެސް ވަނީ ހުޅވިގެން ގޮސްފައެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement