 
                                    އުޞޫލާ އެއްގޮތަށް ބޭނުން ނުކުރާތީ މީޑިޔާ ފެންޑާ އުވާލައިފި
އުޞޫލާ އެއްގޮތަށް ބޭނުން ނުކުރާތީ މީޑިޔާ ފެންޑާ އުވާލައިފިއެވެ. މީޑިޔާތަކަށް ޚާއްޞަކޮށް ރައީސުލްޖުމްހޫރިއްޔާގެ އޮފީސް ކުރިމަތީގައި, އެއޮފީހުގެ ބައެއްގެ ގޮތުގައި ހުޅުވި މީޑިޔާ ފެންޑާ އުވާލީ މިރެއެޗެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވީ ކަނޑައަޅާފައިވާ އުސޫލާ އެއްގޮތަށް މީޑިއާ ފެންޑާގެ ބޭނުން ހިފަމުން ނުދާތީ، މިއަދުން ފެށިގެން، މީޑިއާ ފެންޑާ އުވާލީ ކަމަށެވެ. 
މީޑިޔާ ފެންޑާ ހުޅުވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ހިނގާ ކަންކަމާއި، އެ ސަރަޙައްދުގައި ހިނގާ ކަންކަމުގެ ޚަބަރާއި މަޢުލޫމާތު ހޯދައި، މީޑިއާ ކަވަރޭޖް ހަދަން ނޫސްވެރީން ތިބުމަށް ޚާއްޞަކޮށްގެންނެވެ. އެތަން ހުޅުބީ މއަހަރުގެ މެއި މަހުގެ 29 ވަނަ ދުވަހުއެވެ. ރައީސް އޮފީހުން ވިދާޅުވީ އެތަން ހުޅުވީއްސުރެ މި ފާއިތުވީ 3 މަހެއްހާ ދުވަހުވެސް، ކަނޑައަޅާފައިވާ އުސޫލާ އެއްގޮތަށް އެތަނުގެ ބޭނުން ހިފަމުން ނުގެންދާކަމަށެވެ.
އުޞޫލުގެ ދަށުން، މީޑިއާ ފެންޑާ ބޭނުން ކުރަން ރާއްޖޭގެ މީޑިއާތަކުން ކަނޑައެޅި ނޫސްވެރީންނަށް އެތަން ބޭނުންކުރުމުގެ ރަސްމީ ހުއްދަ ދޫކޮށްފައިވީ ނަމަވެސް، އެ ހުއްދަ ހޯދާފައި ނުވާ ބަޔަކު، ނޫސްވެރީންގެ ނަމުގައި މީޑިއާ ފެންޑާއަށް ވަދެ، އެ ތަން ބޭނުންކުރުމުގެ އުޞޫލުތަކާ ޚިލާފު ޢަމަލުތައް ތަކުރާރުކޮށް ހިންގަމުން ގެންދާކަމަށްވެސް ރައީސް އޮފީހުން ވިދާޅުވިއެވެ. އެ ކަމުގެ ސަބަބުން، އެ ތަނުގައި ތިބެ ޚަބަރާއި މަޢުލޫމާތު ހޯދުމުގެ މަސައްކަތް އެއްގޮތަކަށްވެސް ނުކުރެވޭކަމުގެ ޝަކުވާ، އެތަން ބޭނުންކުރުމުގެ ހުއްދަ ނަގާފައިވާ ބައެއް ނޫސްވެރީން ކޮށްފައިވާކަމަށްވެސް ރައީސް އޮފީހުން ނެރުނު ބަޔާނުގައިވެއެވެ.
ގްރީން ޒޯންގައި ހުންނަ މީޑިޔާ ފެންޑާގައި ޢާންމު މަޞްލަޙަތު ގެއްލޭ، އަދި ޢާންމު އިޖުތިމާޢީ މިންގަނޑުތަކާ ޚިލާފު ޢަމަލުތައް ތަކުރާރުކޮށް ކުރަމުން ދިއުމުގެ ސަބަބުން، އެސަރަޙައްދުގައި ހުންނަ ސަރުކާރުގެ އޮފީސްތަކަށް ޚިދުމަތް ހޯދަން އަންނަ ފަރާތްތަކަށް ދަތިތަކާ ކުރިމަތިވަމުންދާކަމަށްވެސް ބަޔާނުގައި ފާހަގަކުރައްވާފައިވެއެވެ.
ހުއްދަ ނުނަގާ ބަޔަކު މީޑިއާ ފެންޑާއަށް ވަދެ، އެ ތަނުގައި ޚަބަރާއި މަޢުލޫމާތު ހޯދުމުގެ މަސައްކަތް ކުރަން ހުރަސް އަޅައި، ގްރީންޒޯންގެ ނިޒާމު ގެއްލޭގޮތަށް ޢަމަލުކުރަމުން ދިއުމަކީ، މީޑިއާ ފެންޑާ ބޭނުންކުރުމަށް ކަނޑައަޅައި ޢާއްމުކޮށްފައިވާ އުޞޫލުގެ ބައެއް މާއްދާތަކާ ޚިލާފު ޤާނޫނީ ކުށެއް ކަންވެސް އެ ބަޔާނުގައި ފާހަގަކުރައްވާފައިވެއެވެ.
މީޑިއާ ފެންޑާ އުވާލެއްވި ކަމުގައިވިޔަސް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި އެ ސަރަޙައްދުގައި ހިނގާ ކަންކަމުގެ ޚަބަރާއި މަޢުލޫމާތު ކަވަރުކުރުމުގެ އިންތިޒާމު، އެ ކަމަށް ބޭނުންވާ ނޫސްވެރީންނަށް އެހެން ގޮތަކަށް ހަމަޖައްސައިދެއްވާނޭކަމަށްވެސް ނޫސްބަޔާނުގައި ވެއެވެ.
ރިއެކްޝަންސް
 
                    
                
 
                    
                
 
                    
                
 
                    
                
 
                    
                
 
                    
                
 
                    
                


 
         
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
     
                                
                                                                    





 
                                                                                                                                             
                                                                                                                                             
                                                                                                                                            
