އައު މަޝްރޫޢުތަކަށް 2.5 ބިލިއަން ރުފިޔާގެ ބަޖެޓެއް: ޕްރޮޕޯސަލް ހުށަހެޅުމަށް އަންގައިފި

އައު މަޝްރޫޢުތަކަށް 2.5 ބިލިއަން ރުފިޔާގެ ބަޖެޓެއް: ޕްރޮޕޯސަލް ހުށަހެޅުމަށް އަންގައިފި

2 months ago - 12:44
Advertisement
Advertisement

ކުރިއަށް އޮތް ތިން އަހަރު ދުވަހުގެ ތެރޭގައި ހިންގުމަށް ރާވާފައިވާ އައު މަޝްރޫޢުތަކަށް 2.5 ބިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅައި، އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި ހިމެނުމަށް ބޭނުންވާ އައު ކަންކަން ހުށަހެޅުމަށް މިނިސްޓްރީ އޮފް ފައިނޭންސްއިން ދައުލަތުގެ ވުޒާރާތަކާއި އޮފީސްތަކަށް އަންގައިފިއެވެ.


މާލީ ކަންކަމާއި ސަރުކާރުގެ ކުންފުނިތަކާ ބެހޭ ވުޒާރާއިން ނެރުނު ސާކިއުލާއެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، 2027 އިން 2029 އަށް ލަފާކުރާ މެދުރާސްތާގެ ބަޖެޓަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯއާއި ވައުދުފުޅުތަކުގެ މައްޗަށް ބިނާކޮށް އެކުލަވާލެވޭ "ޕްރޮގްރާމް ބަޖެޓެކެވެ". މި ބަޖެޓުގެ ތެރެއިން އުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކަށް 2 ބިލިއަން ރުފިޔާ ޚާއްޞަކޮށްފައިވާއިރު، އެކިއެކި ހަރަކާތްތަކަށް (އެކްޓިވިޓީސް) ކަނޑައަޅާފައިވަނީ 500 މިލިއަން ރުފިޔާގެ ސީލިންއެކެވެ.


މި ބަޖެޓުގައި ހިމެނުމަށްޓަކައި "ނިއު ޕޮލިސީ އިނިޝިއޭޓިވްސް" ނުވަތަ އައު ސިޔާސަތުތަކުގެ ދަށުން ހިންގަން ބޭނުންވާ މަޝްރޫޢުތަކުގެ ޕްރޮޕޯސަލްތައް ހުށަހެޅުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލާފައެވެ. މިގޮތުން ހުށަހަޅާ ކަންކަމަކީ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމަށް މަގުފަހިވާ، އަދި ޤާނޫނީ ގޮތުން ނުވަތަ އެއްބަސްވުމެއްގެ ދަށުން ކުރުން ލާޒިމުކުރާ ކަންކަމަށް ވާންޖެހޭނެ ކަމަށް މާލީ ވުޒާރާއިން ބުނެއެވެ.


މި ފަހަރުގެ ބަޖެޓުގައި އަލަށް ތަޢާރަފުކުރާ މުހިންމު ބައިތަކުގެ ތެރޭގައި "ޖެންޑާ އީކުއަލިޓީ އެންޑް ސޯޝަލް އިންކްލޫޝަން (ޖެސީ) ބަޖެޓިން" ޕައިލެޓް ކުރުން ހިމެނެއެވެ. މިއީ މިންތީގެ ހަމަހަމަކަމާއި އިޖުތިމާއީ ބައިވެރިވުމަށް ކުރާ އަސަރު ދެނެގަތުމަށް ކުރެވޭ މަސައްކަތެކެވެ. މީގެ އިތުރުން، މޫސުމީ ބަދަލުތަކަށް ތައްޔާރުވުމަށް އިސްކަންދޭ ބަޖެޓެއް އެކުލަވާލުމަށްޓަކައި، ހުށަހަޅާ މަޝްރޫޢުތަކަކީ މޫސުމީ ކަންކަމާ ގުޅުންހުރި ކަންކަން ނަމަ އެކަން ސާފުކޮށް ބަޔާންކުރަންޖެހޭނެއެވެ.


ދައުލަތުގެ އޮފީސްތަކުން މި ޕްރޮޕޯސަލްތަކާއި އާމްދަނީ އިތުރުކުރެވިދާނެ ގޮތްތަކުގެ ތަފުސީލު ހުށަހެޅުމަށް ކަނޑައަޅާފައިވާ ސުންގަޑިއަކީ އަންނަ އޯގަސްޓް މަހުގެ 18 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހު 14:00 އެވެ.


މި ބަޖެޓަކީ ސަރުކާރުގެ މެދުކާލީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށާއި، ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމަށް ބޭނުންވާ ފައިސާ ހަމަޖެއްސުމަށްޓަކައި އެކުލަވާލެވޭ މުހިންމު ލިޔުމެއްކަމަށް މާލީ ވުޒާރާއިން ފާހަގަކުރެއެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement