އެމްޕީއެލްގެ ޑެޕިއުޓީ ސީއީއޯގެ މަގާމުން އިބްރާހީމް ޒިޔާތު އިސްތިއުފާ ދެއްވައިފި
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ޑެޕިއުޓީ ސީއީއޯގެ މަގާމުގައި ހުންނެވި އިބްރާހީމް ޒިޔާތު އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
މިކަން ކަށަވަރުކޮށްދެމުން އެމްޕީއެލް އިން އާދީއްތަ ދުވަހުގެ ހެނދުނު ބުނީ، ޒިޔާތު މަގާމުން އިސްތިއުފާ ދެއްވާފައިވަނީ މީގެ ދުވަސްކޮޅެއް ކުރިން ކަމަށެވެ. ނަމަވެސް، އޭނާ މަގާމުން އިސްތިއުފާ ދެއްވަން ނިންމެވި ވަކި ސަބަބެއް އެ ކުންފުނިން ހާމަކޮށްފައެއް ނުވެއެވެ.
ޒިޔާތު އެމްޕީއެލްގެ ޑެޕިއުޓީ ސީއީއޯގެ މަގާމަށް އައްޔަންކުރެއްވީ މިއަހަރުގެ މާރިޗު މަހުގެ 16 ވަނަ ދުވަހުއެވެ. މަގާމަށް އައްޔަންކުރެއްވިއިރު އޭނާއަކީ އެ ކުންފުނީގެ ބޯޑުގެ އެގްޒެކެޓިވް ޑިރެކްޓަރެއްގެ މަގާމުވެސް ފުރުއްވަމުން ގެންދެވި ބޭފުޅެކެވެ. އެހެންނަމަވެސް، މިދިޔަ މެއި މަހުގެ 1 ވަނަ ދުވަހު ޒިޔާތު ވަނީ ކުންފުނީގެ ބޯޑުން ވަކިކުރައްވާފައެވެ. އޭނާ ބޯޑުން ވަކިކުރެއްވުމަށްފަހު، އެ މަގާމަށް އައްޔަންކުރެއްވީ އަލަށް އައްޔަންކުރެއްވި ޑެޕިއުޓީ ސީއީއޯ މުޙައްމަދު ލައްމާންއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ޒިޔާތު މަގާމުން އިސްތިއުފާ ދެއްވީ ބޯޑުން ވަކިކުރެއްވިތާ މާގިނަ ދުވަސްތަކެއް ނުވަނީހެވެ.
ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލްކުރައްވާފައިވާ ޒިޔާތަކީ މީގެ ކުރިންވެސް ސަރުކާރުގެ މަތީ މަގާމުތަކެއް ފުރުއްވާފައިވާ ބޭފުޅެކެވެ. އެގޮތުން، ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ސަރުކާރުގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) ގެ ސީއީއޯގެ މަގާމު އޭނާ ވަނީ ފުރުއްވާފައެވެ. މީގެ އިތުރުން، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) ގައި 15 އަހަރު ދުވަހު އޭނާ ވަނީ ޚިދުމަތް ކުރައްވާފައެވެ.
ޒިޔާތަކީ ކުރީގެ އޮޑިޓަރ ޖެނެރަލް ޙަސަން ޒިޔާތާއި، އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޢަބްދުﷲ ޒިޔާތުގެ ކޮއްކޮއެވެ. ފާހަގަކޮށްލެވޭ ގޮތުގައި، ރާއްޖޭގެ ތާރީޚުގައި ހިނގި އެންމެ ބޮޑު ޚިޔާނާތުގެ މައްސަލައިގައި ކޮރަޕްޝަނާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދިޔަ ޢަބްދުﷲ ޒިޔާތަށް، 2023 ވަނަ އަހަރު ވަނީ މާފު ދީފައެވެ.
އިބްރާހީމް ޒިޔާތު އެމްޓީސީސީގެ ސީއީއޯގެ މަގާމުގައި ހުންނެވިއިރު، އޭނާގެ މައްޗަށްވެސް ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ކުރެވުނެވެ. އެމްޓީސީސީގެ މަޝްރޫއުތަކަށް ބޭރުގެ މަސައްކަތްތެރިން ހޯދުމުގައި ކޮރަޕްޝަން ހިންގާފައިވާ ކަމަށް ބުނާ މައްސަލައެއް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަހުގީގުކޮށް، 2021 ވަނަ އަހަރުގެ އޮކްޓޫބަރު މަހު އޭނާގެ މައްޗަށް ޖިނާއީ ދައުވާ ކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވާފައެވެ. ޒިޔާތުގެ އިސްތިއުފާއާއެކު، އެމްޕީއެލްގެ ޑެޕިއުޓީ ސީއީއޯގެ މަގާމުގައި މިހާރު ތިއްބަވާނީ ތިން ބޭފުޅުންނެވެ. އެއީ މުޙައްމަދު ލައްމާންގެ އިތުރުން މުޙައްމަދު މުޢީން އަދި ޢަލީ ހާޝިމެވެ.
ރިއެކްޝަންސް

