މަހެއްގެ މައްޗަށް 63 ޓަނުގެ މޫދުވިނަ ރާއްޖެއިން ބޭރަށް އެކްސްޕޯޓް ކުރޭ!
ދިވެހިރާއްޖޭގެ ކަނޑުފަޅުގެ ވަސީލަތްތަކުން ލިބޭ ނަފާ އިތުރުކުރުމަށް ސަރުކާރުން ފައްޓަވާފައިވާ މަސައްކަތްތަކުގެ ތެރެއިން، މިހާރުވެސް މަހެއްގެ މައްޗަށް 63 ޓަނުގެ ސީވީޑް ނުވަތަ މޫދުވިނަ ރާއްޖެއިން ބޭރަށް އެކްސްޕޯޓް ކުރަމުންދާކަން މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު މުއްތަލިބް ވިދާޅުވީ، ރާއްޖޭގައި މޫދުވިނަ އާލާކުރުމުގެ މަސައްކަތް ކުންފުންޏަކުން ތަޖުރިބާކޮށް، ކާމިޔާބު ނަތީޖާތަކެއް ހޯދާފައިވާ ކަމަށެވެ. އެގޮތުން ބ. ފެހެންދޫގައި ކުރިއަށްގެންދާ މި މަސައްކަތް ފުރަތަމަ ފެށީ ގާތްގަނޑަކަށް 100 ކިލޯގެ މޫދުވިނައިން ނަމަވެސް، މިހާރު މަހެއްގެ މައްޗަށް 63 ޓަނުގެ ހިއްކި މޫދުވިނަ ބޭރަށް ފޮނުވަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
"63 ޓަނުގެ ޑްރައިޑް ސީވީޑަކީ އެއީ ގާތްގަނޑަކަށް ބަލާނަމަ ފަސް ކޮންޓެއިނަރުގެ ސީވީޑް އެކްސްޕޯޓްކުރެވިގެން އެދަނީ މަހެއްގެ މައްޗަށް. އެހެންވީމަ މިއީ ހަމަ ރަނގަޅު އިންވެސްޓްމަންޓެއްގެ ގޮތުގައި އަޅުގަނޑުމެންނަށް ފެނިގެން މިދިޔައީ،" މުއްތަލިބް ވިދާޅުވިއެވެ.
ސްޓޭޓް މިނިސްޓަރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ގއ. އަތޮޅުގައިވެސް ދިވެހި އިންވެސްޓަރުންތަކެއް މި މަސައްކަތް ފަށާފައިވާ އިރު، މި ދާއިރާއަށް ވަނުމަށް ގިނަ ޕްރޮޕޯސަލްތަކެއް ސަރުކާރަށް ލިބެމުންދެއެވެ. ސަރުކާރުގެ އަމާޒަކީ މި މަސައްކަތް މުޅި ރާއްޖެއަށް ފުޅާކުރުމެވެ.
މެރިކަލްޗާ ވަކި ސިނާއަތެއްގެ ގޮތުގައި ތަރައްގީކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ވަނީ ރާއްޖޭގެ ފަސް ސަރަހައްދެއް ކަނޑައަޅާފައެވެ. އެއީ ބޮޑު ތިލަދުންމައްޗާއި، ރ. އަތޮޅާއި، މ. އަތޮޅާއި، ތ. އަތޮޅުގެ އިތުރުން މަނިޔަފުއްޓާ ކައިރި ފަޅެކެވެ.
މޫދުވިނަ އާލާކުރުމަކީ އޭޝިއާގެ ގައުމުތަކުގައި ވަރަށް ބާރަށް ކުރިއަރަމުން އަންނަ ސިނާއަތެކެވެ. ދުނިޔޭގައި މިހާރު އުފައްދާ މޫދުވިނައިގެ 98 އިންސައްތަ ހިއްސާކުރަނީ ޗައިނާ، އިންޑޮނޭޝިއާ، ދެކުނު ކޮރެއާ އަދި ފިލިޕީންސް ފަދަ ގައުމުތަކުންނެވެ. ތަފާސްހިސާބުތަކުން ދައްކާގޮތުގައި 2023 ވަނަ އަހަރު މޫދުވިނައިގެ ދުނިޔޭގެ މާކެޓް އަގު 17.14 ބިލިއަން ޑޮލަރުގައި ހުރިއިރު، 2032 ވަނަ އަހަރާ ހަމައަށް މި އަދަދު ދެގުނަވާނެ ކަމަށް މާހިރުން ލަފާކުރެއެވެ.
ރިއެކްޝަންސް





