ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް ހުޅަނގު މޫސުން ފެށިއްޖެ

ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް ހުޅަނގު މޫސުން ފެށިއްޖެ

13 hours ago - 07:48
Advertisement
Advertisement

ދިވެހިރާއްޖޭގެ ދެކުނުގެ ހިސާބުތަކަށް މިއަހަރުގެ ހުޅަނގު މޫސުން ފެށިއްޖެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ހާމަކޮށްފިއެވެ.


މެޓް އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ދެކުނުގެ އަތޮޅުތަކަށް ހުޅަނގު މޫސުން ފެށިފައިވަނީ މި މަހުގެ 8 ވަނަ ދުވަހު ކަމަށެވެ. އާންމު ގޮތެއްގައި ހުޅަނގު މޫސުމުގެ އަސަރުތައް މެއި މަހުގެ ފުރަތަމަ ނުވަތަ ދެވަނަ ހަފުތާގެ ތެރޭގައި ރާއްޖޭގެ ދެކުނަށް ފެށޭއިރު، މި މަސް ނިމުމުގެ ކުރިން މުޅި ރާއްޖެއަށް ހުޅަނގު މޫސުން ފެށޭނެ ކަމަށް އެ އިދާރާއިން ލަފާކުރެއެވެ.


ހުޅަނގު މޫސުން ފެށުނުކަން ކަނޑައަޅާ މިންގަނޑުތަކާ ގުޅޭގޮތުން މެޓް އޮފީހުން ބުނީ، މެއި މަހުގެ 1 ވަނަ ދުވަހުގެ ފަހުން ދެކުނުގެ އަތޮޅުތަކުގެ މަދުވެގެން 60 އިންސައްތަ ސްޓޭޝަންތަކަށް ދުވާލެއްގެ މައްޗަށް 2.5 މިލިމީޓަރަށް ވުރެ ގިނައިން ވާރޭ ވެހުމާއެކު، ވައިގެ މިސްރާބު ހުޅަނގު ދެކުނާއި ހުޅަނގާ ދެމެދު ހުރެފައި، ގަޑިއަކު 10 ނޯޓިކަލް މޭލަށް ވުރެ ބާރުމިނުގައި ވައިޖެހެން ޖެހޭނެ ކަމަށެވެ. އަދި މި ހާލަތު ވިދިވިދިގެން ދެ ދުވަހަށް ވުރެ އިތުރަށް ދެމިގެން ދިއުމަކީވެސް މޫސުން ބަދަލުވިކަން ކަނޑައަޅާ މިންގަނޑެކެވެ.


ރާއްޖޭގެ މޫސުން ބެހިފައިވާ ގޮތަށް ބަލާއިރު، އިރުވައި މޫސުމަކީ މީލާދީ ގޮތުން ޖެނުއަރީ މަހުން ފެށިގެން މާޗު މަހުގެ ނިޔަލަށެވެ. އެއަށްފަހު އޭޕްރީލް މަހަކީ މޫސުން ބަދަލުވާ ދުވަސްވަރުގެ ގޮތުގައި ބެލެވޭ މަހެކެވެ.


މެޓް އޮފީހުން އިތުރަށް ހާމަކުރި ގޮތުގައި، ދެކުނަށް ފެށުނު ހުޅަނގު މޫސުމުގެ އަސަރުތައް ކުރިއަށް އޮތް ދުވަސްތަކުގައި މެދުރާއްޖެތެރެއަށް ފޯރައި، މުޅި ރާއްޖެއަށް މި މޫސުން ފެތުރިގެންދާނެއެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement