އެމްއެމްޕީއާރުސީގެ ފައިސާ ލޯންޑާކުރި މައްސަލާގައި ޕޮޕިއުލާ މޯލްޑިވްސްގެ މައްޗަށް ދައުވާކުރަން ފޮނުވައިފި

އެމްއެމްޕީއާރުސީގެ ފައިސާ ލޯންޑާކުރި މައްސަލާގައި ޕޮޕިއުލާ މޯލްޑިވްސްގެ މައްޗަށް ދައުވާކުރަން ފޮނުވައިފި

13 hours ago - 07:44

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް ހިންގި ބޮޑު ޚިޔާނާތުގެ ފައިސާ ލޯންޑާކުރި މައްސަލާގައި، ޕޮޕިއުލާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ދައުވާކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.


މި މައްސަލަ ޕީޖީ އޮފީހަށް ހުށަހަޅާފައިވަނީ މިއަހަރުގެ ފެބްރުވަރީ މަހުގެ 10 ވަނަ ދުވަހުއެވެ. އޭސީސީން ހިންގި ތަހުގީގަށް ހާމަވެފައިވާ ގޮތުގައި، 2014 ފެބްރުވަރީން ފެށިގެން 2015 އޮކްޓޫބަރު މަހުގެ ނިޔަލަށް ފަތުރުވެރިކަމުގެ ބޭނުމަށް ރަށްތަކާއި ފަޅުތައް ކުއްޔަށް ދޫކޮށްގެން ދައުލަތަށް ލިބެންޖެހޭ ފައިސާގެ ތެރެއިން ބައެއް، އެސް.އޯ.އެފް ޕްރައިވެޓް ލިމިޓެޑް މެދުވެރިކޮށް ޕޮޕިއުލާ މޯލްޑިވްސްގެ އެކައުންޓަށް ވަނީ ޖަމާކޮށްފައެވެ.


ތަހުގީގުން ހޯދާފައިވާ މައުލޫމާތުތަކަށް ބަލާއިރު، 13 ޖުލައި 2015 ގައި އެސް.އޯ.އެފްގެ ޗެކެއް މެދުވެރިކޮށް 150,000 (އެއްލައްކަ ފަންސާސް ހާސް) އެމެރިކާ ޑޮލަރު ޕޮޕިއުލާ މޯލްޑިވްސްގެ ބޭންކް އެކައުންޓަށް ޖަމާކޮށްފައިވެއެވެ. އޭސީސީން ބުނި ގޮތުގައި އެ ކުންފުނިން މަސައްކަތް ކޮށްފައިވަނީ އެ ފައިސާއަކީ ޑޮލަރު ގަނެވިއްކުމުގެ މުއާމަލާތަކުން ލިބުނު ފައިސާކަމަށް ދެއްކުމަށެވެ. އަދި ފައިސާގެ އަސްލު އޮޅުވާލައި، އެއާ ގުޅޭ ހައްގުތައް ސިއްރުކުރުމަށް އެ ކުންފުނިން މަސައްކަތް ކޮށްފައިވާކަން ތަހުގީގަށް ވަނީ ސާބިތުވެފައެވެ.


މީގެ އިތުރުން، ތ. އޮޅުގިރި ކުއްޔަށް ދިނުމުގެ އެކުއިޒިޝަން ކޮސްޓްގެ ގޮތުގައި ދައްކާފައިވާ ފައިސާއަކީ ވެސް ކުށްކޮށްގެން ހޯދާފައިވާ ފައިސާކަން ވަނީ ހާމަވެފައެވެ. އެ ރަށް ކުއްޔަށް ދިނުމުގެ އެއްބަސްވުމުގައިވާ ގޮތުން، 36 މަސްދުވަހުގެ ތެރޭގައި ރިޒޯޓެއް ތަރައްގީކުރަން ޖެހޭނެއެވެ. ނަމަވެސް އެ މުއްދަތުގައި އެ މަސައްކަތް ނިމިފައި ނުވާތީ، އެއްބަސްވުން ބާތިލުކޮށް ރަށް އަނބުރާ ދައުލަތަށް ނެގުމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާއަށް ފޮނުވުމަށް އޭސީސީން ވަނީ ނިންމާފައެވެ.


މި މައްސަލާގައި ޕޮޕިއުލާ މޯލްޑިވްސްގެ މައްޗަށް ދައުވާކުރަން އެދިފައިވަނީ މަނީ ލޯންޑަރިން އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުންނެވެ. އަދި އެ ކުންފުނިން ހޯދާފައިވާ 150,000 ޑޮލަރު އަނބުރާ ހޯދުމަށް ވެސް އޭސީސީން ވަނީ އެދިފައެވެ.


އޭސީސީން އިތުރަށް ބުނެފައިވަނީ އެމް.އެމް.ޕީ.އާރު.ސީ އާ ގުޅޭ ގިނަ ސީރިއަސް މައްސަލަތަކެއްގައި ދައުވާކުރުމާ މެދު ގޮތެއް ނިންމުމަށް ޕީޖީ އޮފީހާ އެކު މިހާރު ވެސް މަޝްވަރާ ކުރަމުންދާ ކަމަށެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow