މަޖިލީހުގެ ނައިބު ރައީސް ނާޒިމް ވަކިކުރުމުގެ މައްސަލަ މާދަމާގެ ޖަލްސާއަށް ތާވަލުކޮށްފި
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް އެ މަޤާމުން ވަކިކުރުމާ ގުޅޭގޮތުން ހުށަހަޅާފައިވާ މައްސަލައިގައި ގޮތެއް ނިންމުމަށް ބާއްވާ ޚާއްޞަ ޖަލްސާ މާދަމާ ހެނދުނު 09:00 އަށް ތާވަލުކޮށްފިއެވެ.
މާދަމާ ބާއްވާ މި ޖަލްސާގެ އެޖެންޑާގައި ހިމަނާފައިވާ ހަމައެކަނި ކަމަކީ ނައިބު ރައީސް ނާޒިމް މަޤާމުން ވަކިކުރުމަށް ހުށަހަޅާފައިވާ ޤަރާރުގެ މަސައްކަތް ކުރިއަށް ގެންދިއުމެވެ. މި ޤަރާރަކީ ވެރިކަން ކުރާ ޕީއެންސީގެ 73 މެންބަރުންގެ ސޮޔާއެކު މި މަހުގެ 14 ވަނަ ދުވަހު މަޖިލީހަށް ހުށަހެޅި މައްސަލައެކެވެ.
މާދަމާގެ ޖަލްސާ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ގޮތަށް ބަލާއިރު، މައްސަލައިގެ ބަހުސް ކުރިއަށްދާނީ ޖުމުލަ އެއް ގަޑިއިރަށެވެ. މެންބަރުން ބަހުސް ފެއްޓެވުމުގެ ކުރިން، މަޤާމުން ވަކިކުރުމަށް ހުށަހަޅާފައިވާ މެންބަރު އަޙްމަދު ނާޒިމަށް ތުހުމަތުތަކުން ދިފާޢުވުމަށް 10 މިނެޓުގެ ފުރުޞަތެއް ދިނުމަށް ވަނީ ނިންމާފައެވެ. އަދި އެއަށްފަހު މެންބަރުން ބަހުސް ކުރެއްވުމަށް 50 މިނެޓު ލިބޭނެއެވެ. ބަހުސް ނިމުމާއެކު މި ޤަރާރަށް ވޯޓަށް އެހުން އޮންނާނެއެވެ.
ޕީއެންސީން ހުށަހެޅި މި ޤަރާރުގައި ނާޒިމްގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ވަނީ ކޮށްފައެވެ. އޭގެ ތެރޭގައި މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ނެގުމާއި، މަޖިލިސް ތެރޭގައި ފިތުނަ އުފައްދައި މަސްލަހަތު ގެއްލުވާލަން ތަކުރާރުކޮށް މަސައްކަތް ކުރެއްވި ކަމުގެ ތުހުމަތު ހިމެނެއެވެ. މީގެ އިތުރުން، މަޖިލީހުގެ މަސައްކަތްތަކުގައި ވަކި ސިޔާސީ ފިކުރަކަށް ބުރަވެ، މެންބަރުންގެ ޙައްޤުތަކާއި އިމްތިޔާޒުތައް ޙިމާޔަތްކޮށްދިނުމުގައި އިހުމާލުވެފައިވާ ކަމަށްވެސް ޤަރާރުގައި ބުނެފައިވެއެވެ.
ނާޒިމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މަންމާފުޅުގެ ފަރާތުން އެމަނިކުފާނާ ދެބެންގެ ދެދަރި ބޭފުޅެއް ނަމަވެސް، މަޖިލީހުގެ މެޖޯރިޓީ އޮތް ޕީއެންސީން މިހާރު ވަނީ އޭނާ މަޤާމުން ވަކިކުރުމަށް ރަސްމީކޮށް ނިންމާފައެވެ. މާދަމާގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވާނީ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ އެވެ.
ރިއެކްޝަންސް

