އައްޑޫ ސިޓީ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގެ ވޯޓު ފޮށިތައް ބުދަ ދުވަހު ފޮނުވަނީ
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ވޯޓުލުމަށް ބޭނުންވާ ފޮށިތަކާއި އިދާރީ ސާމާނުތައް އަންނަ ބުދަ ދުވަހު ފޮނުވުމަށް ތައްޔާރުވަމުންދާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.
އިލެކްޝަންސް ކޮމިޝަނުން ހާމަކުރައްވާފައިވާ ގޮތުގައި، ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވުމާ ގުޅިގެން ބާއްވާ މި އިންތިޚާބުގައި ވާދަކުރުމަށް ހުޅުވާލި މުއްދަތު ހަމަވިއިރު ކުރިމަތިލާފައިވަނީ ދެ ކެންޑިޑޭޓުންނެވެ. އެއީ ސަރުކާރު ހިންގާ ޕީއެންސީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓް އަޙްމަދު ސަޢީދާއި، އިދިކޮޅު އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓް ޢަބްދުﷲ ޞާދިޤު (ސޯބެ) އެވެ.
މި ބައި-އިލެކްޝަންގެ ވޯޓުލުން ކުރިއަށްގެންދިއުމަށްޓަކައި ޖުމްލަ 7 ވޯޓު ފޮއްޓެއް ބެހެއްޓުމަށް ވަނީ ނިންމާފައެވެ. އެގޮތުން އައްޑޫ ސިޓީގައި 5 ވޯޓު ފޮށި ބެހެއްޓުމަށް ހަމަޖެހިފައިވާއިރު، މާލޭގައި ދިރިއުޅޭ އެ ދާއިރާގެ ރައްޔިތުން ވޯޓުލުމަށްޓަކައި މާލޭގައި 2 ވޯޓު ފޮށި ބަހައްޓާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން މަޢުލޫމާތު ދެއެވެ.
އިލެކްޝަންސް ކޮމިޝަނުން ދަނީ މި އިންތިޚާބަށް ބޭނުންވާ އެންމެހާ ތައްޔާރީތައް ވަމުންނެވެ. އެގޮތުން ވޯޓުލާ މަރުކަޒުތައް ތައްޔާރުކުރުމާއި، އޮފިޝަލުން ތަމްރީނުކުރުމުގެ މަސައްކަތްތައްވެސް ބާރުމިނުގައި ކުރިއަށްދާކަން އެ ކޮމިޝަނުން ފާހަގަކުރެއެވެ.
މި އިންތިޚާބަކީ ހިތަދޫ އުތުރު ދާއިރާ ތަމްސީލުކުރެއްވުމަށް އައު މެންބަރަކު އިންތިޚާބު ކުރުމަށް ބާއްވާ މުހިންމު އިންތިޚާބެކެވެ. އިންތިޚާބުގެ ކަންކަން އަމާންކަމާއި އިންސާފުވެރިކަމާއެކު ކުރިއަށް ގެންދިއުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރަމުންދާ ކަމުގެ ޔަޤީންކަން އިލެކްޝަންސް ކޮމިޝަނުން ވަނީ ދީފައެވެ.
ރިއެކްޝަންސް

