ކަނޑުދަތުރުފަތުރުގެ ދާއިރާގައި 30 އަހަރަށްވުރެ ގިނަ ދުވަސްވީ، ތަޖުރިބާކާރު ކެޕްޓަން ޢަބްދުލްޢަޒީޒް މުޙައްމަދު އަވަހާރަވެއްޖެ
ފުވައްމުލައް ސިޓީއަށާއި މުޅި ރާއްޖެއަށް ގިނަގުނަ ޚިދުމަތްތަކެއް ކުރެއްވި، ފުވައްމުލަކު ފުނާޑު، ރިޔާޒް (ހުސްނުހީނާގެ)، އަލްމަރްޙޫމް ޢަބްދުލްޢަޒީޒް މުޙައްމަދު އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.
މަރްޙޫމް ޢަބްދުލްޢަޒީޒް މުޙައްމަދަކީ ރާއްޖޭގެ ތަޢުލީމީ އަދި ކަނޑުދަތުރުފަތުރުގެ ދާއިރާގައި ފާހަގަކޮށްލެވޭ ފަދަ ބޮޑެތި ޚިދުމަތްތަކެއް ކުރެއްވި ބޭފުޅެކެވެ. އެގޮތުން 1970 ގެ އަހަރުތަކުގައި އައްޑޫ ނޫރާނީ ސްކޫލުގެ އިނގިރޭސި މުދައްރިސެއްގެ ގޮތުގައި ގިނަ ދަރިވަރުންތަކަކަށް އުނގަންނައިދެއްވުމުގެ އިތުރުން، ކަނޑުދަތުރުފަތުރުގެ ދާއިރާގައި 30 އަހަރަށްވުރެ ދިގު މުއްދަތެއްގައި އެބޭފުޅާ ވަނީ ޚިދުމަތް ކުރައްވާފައެވެ. ދުނިޔޭގެ އެކި ޤައުމުތަކަށް ދަތުރުކުރި ކާގޯ ބޯޓުފަހަރުގެ ކެޕްޓަނެއްގެ ގޮތުގައި އެބޭފުޅާ ކުރެއްވި މަސައްކަތަކީ ދިވެހި ދަތުރުވެރިންގެ މެދުގައި އިޙްތިރާމް ލިބިގެންވީ މަސައްކަތްތަކެކެވެ.
މީގެ އިތުރުން، މަރްޙޫމް ޢަބްދުލްޢަޒީޒަކީ ފުވައްމުލަކުގެ އިޖްތިމާޢީ އަދި ކުޅިވަރުގެ ދާއިރާ ކުރިއެރުވުމަށް ނުހަނު އިޚްލާޞްތެރި މަސައްކަތްތަކެއް ކުރެއްވި ބޭފުޅެކެވެ. ވަކިން ޚާއްޞަކޮށް، ފުވައްމުލަކަށް ފުޓްބޯޅަ ތަޢާރަފްކުރައްވައި، ރަށު ފެންވަރުގައި މުބާރާތްތައް ރާވައި ހިންގެވުމުގައި އެބޭފުޅާ އިސްދައުރެއް އަދާކުރެއްވިއެވެ. އަދި ފުވައްމުލަކު ރައްޔިތުންގެ މެދުގައި އެއްބައިވަންތަކަން ޤާއިމުކުރުމަށް އެބޭފުޅާ ކުރެއްވި މަސައްކަތްތައް ގިނަ ބަޔަކު ފާހަގަކުރެއެވެ.
މި ހިތާމަވެރި ޚަބަރާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މަރްޙޫމް ޢަބްދުލްޢަޒީޒް މުޙައްމަދު އަޅުގަނޑުމެންނާ ވަކިވެވަޑައިގަތުމަކީ، ތަޖުރިބާކާރު ހަރުދަނާ ޝަޚްޞިއްޔަތެއް ގެއްލިދިޔުން ކަމަށެވެ. އަދި މި ހިތާމައިގެ ދަނޑިވަޅުގައި މަރްޙޫމްގެ ޢާއިލާއަށް އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ދަންނަވާކަމަށް ރައީސް ވިދާޅުވިއެވެ.
https://x.com/mmuizzu/status/2060630352365039967?s=48&t=UxZzuJqlctD3ZpexDgk1VQ
ރައީސްގެ މެސެޖު ނިންމަވާލައްވާފައިވަނީ، މާތްﷲގެ ރުއްސެވުމާއި ރަޙްމަތުގައި، ސުވަރުގޭގެ ދާއިމީ ނިޢުމަތުގައި މަރްޙޫމް ލަހައްޓަވައި، އެ ޢާއިލާއަށް ކެތްތެރިކަން ދެއްވުން އެދި ދުޢާ ކުރައްވަމުންނެވެ.
މަރްޙޫމް ޢަބްދުލްޢަޒީޒް މުޙައްމަދަކީ ޚިދުމަތްތެރި ތަޢުލީމީ ޢާއިލާއަކަށް ނިސްބަތްވެވަޑައިގަންނަވާ، ހުރިހާ ދާއިރާއަކުންވެސް ހުނަރުވެރި، ކުޅަދާނަ ބޭފުޅެއްގެ ގޮތުގައި ގިނަ ބަޔަކު ޤަބޫލުކުރެއެވެ.
ރިއެކްޝަންސް





