ގިރިފުށީ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢު ބާރުމިނުގައި ކުރިއަށް

ގިރިފުށީ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢު ބާރުމިނުގައި ކުރިއަށް

1 hour ago - 15:28
Advertisement
Advertisement

ކ. ގިރިފުށީ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.


އެމްޓީސީސީން ހާމަކޮށްފައިވާ ގޮތުގައި، މި މަޝްރޫޢުގެ ދަށުން މިހާތަނަށް ޖުމްލަ 143,000 ކިއުބިކް މީޓަރުގެ ސަރަހައްދެއް ވަނީ ހިއްކައި ނިންމާފައެވެ. އަދި ބިން ހިއްކުމަށް ބޭނުންވާ ވެލި ބަންޑް އެޅުމުގެ މަސައްކަތްވެސް މެދުނުކެނޑި ބާރުމިނުގައި ކުރިއަށްދާ ކަމަށް އެ ކުންފުނިން މަޢުލޫމާތު ދެއެވެ.


މި މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދިވެހި އަސްކަރިއްޔާގެ ޤާބިލްކަން އިތުރުކުރުމަށްޓަކައި އެކަށައަޅުއްވާފައިވާ އިސްތިރާޖީ ލަނޑުދަނޑިތަކުގެ ތެރެއިން، ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރަށް ބޭނުންވާ ތަމްރީންގެ ވަސީލަތްތައް ޤާއިމްކުރުމަށް ފައްޓަވާފައިވާ މުހިންމު މަސައްކަތެކެވެ. ސިފައިންގެ ހުނަރާއި ޤާބިލްކަން އިތުރުކޮށްދެއްވުމަށް ސަރުކާރުން ކުރިއަށްގެންދާ މި މަޝްރޫޢަކީ މި ދާއިރާއިން ހިންގޭ އެންމެ ބޮޑު އެއް މަޝްރޫޢެވެ.


މި މަޝްރޫޢުގެ ދަށުން ބިން ހިއްކުމާއި، ގޮނޑުދޮށް ހިމާޔަތްކުރުމުގެ އިތުރުން ބަނދަރު އަޕްގްރޭޑްކުރުމުގެ މަސައްކަތްތައް ނިމުމުން، ގިރިފުށީގައި ހުރިހާ ވަސީލަތްތަކާ އެކު ޒަމާނީ ތަމްރީން މަރުކަޒެއް ޤާއިމްކުރުމަށް ވަނީ ރޭވިފައެވެ.


މީގެ އިތުރުން، މި ރަށް ވެގެންދާނީ ޒުވާނުންނަކީ ހަރުދަނާ ޒިންމާދާރު ބަޔަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ފައްޓަވާފައިވާ "ދިވެހި ވަޠަނީ ޚިދުމަތް" ޕްރޮގްރާމްގެ މައި މަރުކަޒަށެވެ. މި ޕްރޮގްރާމަކީ ޤައުމީ ލޯބި އިތުރުކޮށް، އަސްކަރީ ތަމްރީނާއި އަޚްލާޤީ ސިފަތައް އަށަގަންނުވައި، ޤައުމަށް ފައިދާހުރި ޒުވާނުންތަކެއް ބިނާކުރުމަށް ހިންގޭ ޕްރޮގްރާމެކެވެ.


ސިފައިން ތަމްރީނު ހަދާ މައި މަރުކަޒު ކަމަށްވާ ގިރިފުށީގެ މި ބިޔަ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 8.3 މިލިއަން ރުފިޔާއަށެވެ. މި މަޝްރޫޢު ނިމުމުން ރާއްޖޭގެ ދިފާޢީ ބާރުގެ ތަމްރީނުތަކަށް އިންގިލާބީ ބަދަލުތަކެއް އަންނާނެ ކަމަށް ބެލެވެއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement