ފެނަކައިން އުސޫލުން ބޭރުން ދިން ޕްރޮމޯޝަންތަކުގެ މައްސަލަ އޭސީސީއާއި ފުލުހުންނަށް ހުށަހަޅަން މަޖިލީހުން ފާސްކޮށްފި

ފެނަކައިން އުސޫލުން ބޭރުން ދިން ޕްރޮމޯޝަންތަކުގެ މައްސަލަ އޭސީސީއާއި ފުލުހުންނަށް ހުށަހަޅަން މަޖިލީހުން ފާސްކޮށްފި

2 hours ago - 08:03
Aug 4, 2026 - 08:05
Advertisement
Advertisement

ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގައި، 2022 އަދި 2023 ވަނަ އަހަރުގެ ތެރޭގައި ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މުވައްޒަފުންނަށް ގަވާއިދާ ހިލާފަށް ދީފައިވާ ޕްރޮމޯޝަންތަކުގެ މައްސަލަ ތަހުގީގުކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށާއި ދިވެހި ފުލުހުންގެ ޚިދުމަތަށް ހުށަހެޅުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.


ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މި މައްސަލަ ފާސްކޮށްފައިވަނީ 56 މެމްބަރުންގެ ތާއީދާއެކުގައެވެ. މިއީ ފެނަކައިގެ މުވައްޒަފުން ރެކްރޫޓް ކުރުމާއި، ޕްރޮމޯޝަން ދިނުމާއި، މުސާރައާއި އިނާޔަތްތަކާ ގުޅޭ ގޮތުން އޮޑިޓާ ޖެނެރަލްގެ އޮފީހުން ތައްޔާރުކުރި ހާއްސަ އޮޑިޓް ރިޕޯޓު، މާލިއްޔަތު ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓަށް ބިނާކޮށް ނިންމި ނިންމުމެކެވެ.


އޮޑިޓް ރިޕޯޓުން ހާމަވެފައިވާ ގޮތުގައި، 2021 އިން 2024 އަށް ފެނަކައިގެ އޮޕަރޭޝަންތައް ފުޅާވި މިންވަރަށްވުރެ މާ ބޮޑަށް މުވައްޒަފުންގެ އަދަދު ވަނީ އިތުރުކޮށްފައެވެ. 2020 ވަނަ އަހަރު އެ ކުންފުނީގައި 3,523 މުވައްޒަފުން ތިބިއިރު، 2021 އިން 2024 އަށް ޖުމުލަ 7,228 މުވައްޒަފުން އަލަށް ވަޒީފާއަށް ވައްދާފައިވެއެވެ. މީގެ ތެރޭގައި 4,557 ދާއިމީ މުވައްޒަފުންނާއި 2,671 ވަގުތީ މުވައްޒަފުން ހިމެނެއެވެ.


ކުންފުނީގެ އާމްދަނީއާ ނިސްބަތްކޮށް މުސާރައަށް ކުރާ ހޭދަވެސް ވަނީ ބޮޑުތަނުން އިތުރުވެފައެވެ. އެގޮތުން 2020 ވަނަ އަހަރު އާމްދަނީގެ 23 އިންސައްތަ މުސާރައަށް ހޭދަކުރިއިރު، 2023 ވަނަ އަހަރު އެ އަދަދު ވަނީ 39 އިންސައްތައަށް އުފުލިފައެވެ. އަދި ރަށްރަށުގައި ޚިދުމަތް ދިނުމަށް ތިބޭ މުވައްޒަފުންގެ އަދަދު ސްޓެލްކޯއާ އަޅާބަލާއިރު ފެނަކައިގައި އެވްރެޖްކޮށް 4 މުވައްޒަފުން އިތުރުކަންވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.


މާލިއްޔަތު ކޮމިޓީގެ ނިންމުމުގައިވަނީ، އުސޫލުން ބޭރުން ޕްރޮމޯޝަން ދިނުމުގައި ޒިންމާވާ ފަރާތްތައް ހޯދައި ފިޔަވަޅު އެޅުމަށް އޭސީސީއާއި ފުލުހުންނަށް ހުށަހެޅުމަށެވެ. އަދި މި މައްސަލައިގެ ތަހުގީގު ކުރިއަށްދާ ގޮތުގެ ތަފްސީލު ކޮންމެ މަހަކު އެއްފަހަރު މަޖިލީހަށް ހުށަހެޅުމަށްވެސް ވަނީ އަންގާފައެވެ.


މީގެ އިތުރުން، ފެނަކަ 'ރައިޓްސައިޒް' ކުރުމަށާއި، އާންމުކޮށް އިޢުލާން ނުކޮށް ވަޒީފާއަށް މީހުން ނުނެގޭ ގޮތަށް ގަވާއިދުތައް އިސްލާހުކުރުމަށްވެސް ވަނީ އަންގާފައެވެ. އަދި 2021 އިން 2023 އަށް އިން-ހައުސް ޕްރޮޖެކްޓްތަކުގައި އުޅުނު މުވައްޒަފުންނަށް އިތުރަށް ދީފައިވާ 229,711 ރުފިޔާ އަނބުރާ ހޯދުމަށާއި، މިކަމުގައި ޒިންމާވާ ފަރާތްތައް (ވަޒީފާގައި ނެތް ނަމަވެސް) ޖަވާބުދާރީ ކުރުވުމަށްވެސް ވަނީ ފާސްކޮށްފައެވެ.


މި އިސްލާހީ ފިޔަވަޅުތަކާއި ގަވާއިދުތައް ތިން މަސް ދުވަހުގެ ތެރޭގައި، އަދި އެލަވަންސްތަކާ ގުޅޭ އުސޫލު 45 ދުވަހުގެ ތެރޭގައި މާލިއްޔަތު ކޮމިޓީއަށް ހުށަހެޅުމަށް ފެނަކައަށް ވަނީ މުހުލަތެއް ދީފައެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement