ތިލަފުށީ ބަނދަރު މަޝްރޫޢާ ގުޅޭގޮތުން އެމްޕީއެލް އިން ވިޔަފާރިވެރިންނާ މަޝްވަރާކޮށްފި
މާލެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫޢޫއާ ގުޅޭގޮތުން ވިޔަފާރިވެރިންނާއެކު މޯލްޑިވްސް ޕޯޓްސް ލިމިޓަޑް އެމްޕީއެލް އިން މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.
މިއަދު މީރުމާގައި ބޭއްވި މި މަޝްވަރާ ބައްދަލުވުމުގައި ވިޔަފާރިވެރިންގެ މަންދޫބުންގެ އިތުރުން، އެމްޕީއެލްގެ ފަރާތުން ކުންފުނީގެ ސީއީއޯ ކެޕްޓަން ހުސައިން ޝަފީޤް އަދި އިސް މެނޭޖްމަންޓުގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
އެމްޕީއެލުން ވިދާޅުވީ މި ބައްދަލުވުމުގެ މައިގަނޑު މަޤްސަދަކީ ދިވެހިރާއްޖޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫޢުގެ މަސައްކަތާ ގުޅޭ އެންމެ ފަހުގެ މަޢުލޫމާތުތައް، މަޝްރޫޢުގެ އެންމެ މުހިންމު އެއް ހިއްސާދާރުން ކަމުގައިވާ ވިޔަފާރިވެރިންނާ ހިއްސާކުރުން ކަމަށެވެ. މި ބައްދަލުވުމުގައި ވިޔަފާރިވެރިން ވަނީ ތިލަފުށީގެ އޮޕަރޭޝަންތައް ވީހާވެސް ފަސޭހަ އަދި 'އެފިޝިއަންޓް' ނިޒާމެއްގެ ދަށުން ކުރިއަށް ގެންދެވޭނެ ގޮތްތަކާ ބެހޭ މުހިއްމު ކަންކަން ހިއްސާކޮށްފައިވެއެވެ.
މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުުރުމާއި ގުޅިގެން، އެމްޕީއެލް އިން ދަނީ ސިލްސިލާކޮށް ކަމާބެހޭ ފަރާތްތަކާ ބައްދަލުކޮށް މަޝްވަރާކުރަމުންނެވެ. އެގޮތުން މިހާތަނަށް ސަރުކާރުގެ ކަމާގުޅޭ ވުޒާރާތަކާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިތުރުން، މީޑިއާ އަދި މަޖޫރީންނާ ވެސް ވަނީ ބައްދަލުކޮށްފައެވެ. އަދި ކުރިއަށް އޮތް ތަނުގައި މި މަޝްރޫޢުގެ އެހެނިހެން ސްޓޭކްހޯލްޑަރުންނާ ބައްދަލުކުރުމަށް ވެސް ވަނީ ރޭވިފައެވެ.
މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަކީ މިހާރުގެ ބަނދަރަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމުގެ އިތުރުން، މާލޭގެ ޓްރެފިކް ތޮއްޖެހުމަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިއްމު މަސައްކަތެކެވެ. ތިލަފުށީގައި ތަރައްގީކުރާ ބަނދަރަކީ މާލޭ ބަނދަރަށްވުރެ 12 ގުނަ ބޮޑު ސަރަހައްދެކެވެ. އެގޮތުން، މި ބަނދަރު ވެގެންދާނީ ޒަމާނީ ވަސީލަތްތަކާއެކު، މިހާރު ބަނދަރަށް ދިމާވެފައި މައްސަލަތައް ހައްލުކުރެވޭނެ މުހިންމު ތަނަކަށެވެ.
މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ މުހިންމު އިޤްތިޞާދީ ވައުދުފުޅެކެވެ. ސަރުކާރުގެ އަމާޒަކީ ތިލަފުށީގައި އެންމެ ޒަމާނީ ވަސީލަތްތަކާއެކު "ސްޓޭޓް-އޮފް-ދި-އާޓް" މަލްޓި-ޕާޕަސް ބަނދަރެއް ޤާއިމުކުރުމެވެ. މި ބަނދަރު ވެގެންދާނީ ވިޔަފާރިވެރިންނާއި މި ކުންފުނީގެ އެހެނިހެން ސްޓޭކްހޯލްޑަރުންނަށް 24 ގަޑިއިރު ޚިދުމަތް ދެވޭނެ ފުރިހަމަ ނިޒާމެއް ގާއިމުވެފައިވާ ތަނަކަށެވެ.
މި ބަނދަރު އަންނަ އަހަރުގެ ނޮވެންބަރު މަހުގެ 11 ވަނަ ދުވަހު ޚިދުމަތަށް ހުޅުވާނެކަމުގެ ފުރިހަމަ ޔަޤީންކަން ރަައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީީ ދެއްވާފައެވެ. ތިލަފުއްޓަށް ބަނދަރު ބަދަލުކުރެވުމުން، މި ވަގުތު ބަނދަރުގައި ދިމާވެފައިވާ ދަތިތައް ހައްލުވެ، އިގްތިސާދީ ގޮތުން އިތުރު ކުރިއެރުންތަކަށް މަގު ފަހިވެގެންދާނެއެވެ.
ރިއެކްޝަންސް





