10 ރަށެއްގެ މެޖިސްޓްރޭޓް ކޯޓަށް މެޖިސްޓްރޭޓުން ހޯދުމަށް ޖޭއެސްސީން ހުޅުވާލައިފި
ރާއްޖޭގެ އެކި އަތޮޅުތަކުގެ 10 މެޖިސްޓްރޭޓް ކޯޓަކަށް މެޖިސްޓްރޭޓުން އައްޔަންކުރުމަށްޓަކައި އެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ހުޅުވާލައިފިއެވެ.
ޖޭއެސްސީން މިއަދު ކުރި އިޢުލާނެއްގައި ބަޔާންކޮށްފައިވާ ގޮތުގައި މެޖިސްޓްރޭޓުން ބޭނުންވަނީ ހޯރަފުށީ، އޭދަފުށީ، ގޮއިދޫ، ހިންނަވަރު، ހިންމަފުށީ، މާމިގިލީ، ނިލަންދޫ، ގައްދޫ، ފުވައްމުލަކު އަދި އައްޑޫ ފޭދޫ މެޖިސްޓްރޭޓް ކޯޓަށެވެ. މީގެ ތެރެއިން ބ. ގޮއިދޫ އަދި ކ. ހިންމަފުށީ މެޖިސްޓްރޭޓް ކޯޓަށް ހޯދުމަށް ހަމަޖެހިފައިވަނީ އިސް މެޖިސްޓްރޭޓުންނެވެ.
މެޖިސްޓްރޭޓުންގެ މުސާރައާއި އިނާޔަތްތަކުގެ ތަފްޞީލު ހާމަކުރަމުން ޖޭއެސްސީން ބުނީ، އަސާސީ މުސާރައިގެ ގޮތުގައި 26,350 ރުފިޔާ، ލިވިންގ އެލަވަންސްގެ ގޮތުގައި 12,000 ރުފިޔާ އަދި ރިސްކް އެލަވަންސްގެ ގޮތުގައި 1,650 ރުފިޔާ ލިބޭނެ ކަމަށެވެ. މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާ ގޮތުގެ މަތިން ފޯނު އެލަވަންސާއި މެޑިކަލް އިންޝުއަރެންސްވެސް ލިބިގެންދާނެއެވެ.
މި މަޤާމުތަކަށް ކުރިމަތިލާ ފަރާތްތަކަކީ އުމުރުން 25 އަހަރު ފުރިފައިވާ މީހުންނަށް ވާންޖެހެއެވެ. މީގެ އިތުރުން ފުރިހަމަވާންޖެހޭ ތަޢުލީމީ ޝަރުޠުތަކާއި އެހެނިހެން ޝަރުޠުތައް ޖޭއެސްސީގެ އިޢުލާނުގައި ވަނީ ތަފްޞީލުކޮށް ބަޔާންކޮށްފައެވެ.
މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން ހުށަހަޅަންޖެހޭ ތަކެއްޗާއި، ފޯމު ހުށަހަޅަންޖެހޭނެ ގޮތުގެ އިރުޝާދުތައްވެސް އެ ކޮމިޝަނުން މިހާރު ވަނީ އާންމުކޮށްފައެވެ. މިއީ ރަށްރަށުގެ މެޖިސްޓްރޭޓް ކޯޓުތަކުގެ ހިންގުން ހަރުދަނާކޮށް، އަދުލު އިންސާފު ގާއިމުކުރުމުގެ މަސައްކަތް އަވަސްކުރުމަށްޓަކައި އެޅުނު މުހިންމު ފިޔަވަޅެކެވެ.
ރިއެކްޝަންސް





