ތަކެތީގެ އަގާ ގުޅޭގޮތުން އެމްޑީޕީން ފަތުރަނީ ދޮގު މަޢުލޫމާތު: މިނިސްޓަރ ސަޢީދު
މުޒާހަރާ ކުރުމުގެ ބަހަނާއަކަށް ތަކެތީގެ އަގު ބޮޑުވެއްޖެ ކަމަށް ބުނެ ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި އެމްޑީޕީގެ އިސްވެރިން ފަތުރަމުންދާ މަޢުލޫމާތުތައް އިޤްތިސާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ދޮގުކުރައްވައިފިއެވެ.
އޮގަސްޓް 12 ވަނަ ދުވަހު މުޒާހަރާ ކުރުމަށް ތައްޔާރުވަމުންދާ އެމްޑީޕީން، ތެލާއި އެހެނިހެން ބާވަތްތަކުގެ އަގުތައް ހިމަނައިގެން ނެރުނު ލިސްޓަކީ ރައްޔިތުންނަށް އޮޅުވާލުމަށް އުފައްދާފައިވާ "ދޮގު ލިސްޓެއް" ކަމަށް ވަޒީރު ސިފަކުރެއްވިއެވެ. އިންސްޓަގްރާމް މެދުވެރިކޮށް އާންމުކުރެއްވި ވީޑިއޯއެއްގައި ވަޒީރު ވިދާޅުވީ، އެމްޑީޕީން މަސައްކަތް ކުރަމުންދަނީ ޤައުމުގެ ހަމަޖެހުން ނަގާލައި ސިޔާސީ މަންފާއެއް ހޯދުމަށް ކަމަށެވެ.
ޚާއްޞަކޮށް ތެލުގެ އަގުތަކާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ވަޒީރު ވަނީ އެހެން ޤައުމުތަކާއި ރާއްޖޭގެ އަގުތައް އަޅާކިޔައިދެއްވާފައެވެ. އެގޮތުން ސިންގަޕޫރުގައި ޕެޓްރޯލް ލިޓަރެއް 40.09 ރުފިޔާއަށް ހުރިއިރު، ރާއްޖޭގައި ހުރީ 16.01 ރުފިޔާއަށް ކަމަށް ވިދާޅުވިއެވެ. އަދި ޑީސަލްގެ އަގު ސިންގަޕޫރުގައި 41.63 ރުފިޔާގައި ހުރިއިރު ރާއްޖޭގައި ހުރީ 17.54 ރުފިޔާގައި ކަމަށް ފާހަގަކުރެއްވިއެވެ.
ވަޒީރު ވިދާޅުވީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވި ނަމަވެސް، ރައީސް މުޢިއްޒުގެ ސަރުކާރުން ހަރުދަނާ ފިޔަވަޅުތަކެއް އަޅައިގެން އަގުތައް ހިފަހައްޓަމުންދާ ކަމަށެވެ. އަދި މިހާރުގެ ސަރުކާރުން އިޤްތިސާދު ކޮޅަށް ޖަހަމުންދަނީ ކުރީގެ ސަރުކާރުން އުފައްދާފައިވާ ބޮޑު ދަރަންޏާއި، ބޭކާރު ގޮތުގައި ޗާޕުކުރި 8 ބިލިއަން ރުފިޔާގެ ސަބަބުން ކުރިމަތިވެފައިވާ ގޮންޖެހުންތަކާ އެކުގައި ކަމަށްވެސް ވިދާޅުވިއެވެ.
މީގެ އިތުރުން، އެމްޑީޕީގެ ލިސްޓުގައި ހިމެނޭ ކުޑަކުދިންގެ ހިކިކިރާއި، ބީފް އަދި އޮލިވް އޮއިލް ފަދަ ތަކެތީގެ އަގުތަކަކީވެސް ކަނޑައެޅިގެން ދޮގު މަޢުލޫމާތުކަން ވަޒީރު ވަނީ މިސާލާއެކު ދައްކަވައިދެއްވާފައެވެ. ވަޒީރު ސަޢީދު އިތުރަށް ވިދާޅުވީ، ސަރުކާރުން ކުރިއަށްގެންދާ ބަންކަރިންގެ ޚިދުމަތާއި، އިންވެސްޓްމަންޓްތަކަށް އެމްޑީޕީން ހުރަސްއަޅަމުންދަނީ ގަސްތުގައި ޤައުމަށް ދެރަ ދިނުމުގެ ނިޔަތުގައި ކަމަށެވެ.
ރިއެކްޝަންސް

