ވޯޓާސް ލިސްޓުގައި ކެންޑިޑޭޓުން ސޮއިކުރުމުގެ ފުރުސަތު އީސީން ހުޅުވާލަނީ

ވޯޓާސް ލިސްޓުގައި ކެންޑިޑޭޓުން ސޮއިކުރުމުގެ ފުރުސަތު އީސީން ހުޅުވާލަނީ

2 hours ago - 11:07

ކުރިއަށް އޮތް އިންތިޚާބުތަކުގައި ބޭނުންކުރާ ރަސްމީ ވޯޓާސް ލިސްޓުގައި ކެންޑިޑޭޓުން ނުވަތަ ކެންޑިޑޭޓުން ކަނޑައަޅާ މަންދޫބުން ސޮއިކުރުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވަރަށް އަވަހަށް ހުޅުވާލާނެކަމަށް އެ ކޮމިޝަނުން ބުނެފިއެވެ. 


އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވާ ގޮތުގައި، މި ފުރުސަތު ހުޅުވާލާނީ ކުރިއަށް އޮތް އަންގާރަ ދުވަހުއެވެ. އަދި ލިސްޓުގައި ސޮއިކުރުމުގެ މަސައްކަތް މި މަހުގެ 19 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ.


މި މުއްދަތުގެ ތެރޭގައި ސޮއިކުރުމުގެ ކަންކަން ކުރިއަށްދާނީ ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން މެންދުރުފަހު 03:00 އަށް، އަދި ރޭގަނޑު 09:30 އިން 12:00 އަށެވެ. ކެންޑިޑޭޓުން ނުވަތަ މަންދޫބުން ސޮއިކުރުމުގެ މަސައްކަތް ކުރިއަށްދާނީ އިލެކްޝަންސް ކޮމިޝަނުގެ އިންތިޚާބާބެހޭ މަރުކަޒުގައެވެ.


ކޮމިޝަނުން ބުނީ ކެންޑިޑޭޓުގެ ބަދަލުގައި އެހެން ފަރާތަކުން ސޮއިކުރަން ވަޑައިގަންނަވާނަމަ، އެކަން ބަޔާންކޮށް ކެންޑިޑޭޓު ސޮއިކޮށްފައިވާ ސިޓީއެއް ހުށަހަޅަންޖެހޭނެ ކަމަށެވެ. އެ ސިޓީގައި ބަދަލުގައި ވަޑައިގަންނަވާ ފަރާތުގެ ފުރިހަމަ ނަމާއި، ދާއިމީ އެޑްރެސް އަދި އައިޑީކާޑު ނަންބަރު ހިމަނަންޖެހެއެވެ.


މީގެ އިތުރުން، ސޮއިކުރަން ވަޑައިގަންނަވާއިރު ކެންޑިޑޭޓުގެ އައިޑީކާޑު ކޮޕީއަކާއި، ސޮއިކުރަން ވަޑައިގަންނަވާ ފަރާތުގެ އައިޑީކާޑުގެ އަސްލު ގެންނަންވާނެ ކަމަށްވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ އަންގާފައެވެ. ވޯޓާސް ލިސްޓުގައި ކެންޑިޑޭޓުން ސޮއިކުރުމަކީ އިންތިޚާބުގެ ސައްހަކަން ކަށަވަރުކުރުމަށާއި، ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ލިސްޓާމެދު ކެންޑިޑޭޓުންގެ އިތުބާރު ހޯދުމަށް ކުރެވޭ މުހިންމު މަސައްކަތެކެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow