ޒިކުރާ މިސްކިތް ހުރި ބިމުގައި ބިނާކުރާ އާ މިސްކިތުގެ ބިންގާ އަޅައިފި
މާލޭގެ ޒިކުރާ މިސްކިތް މިހާރު ހުރި ބިމުގައި ބިނާކުރާ ޒަމާނީ އާ މިސްކިތުގެ ބިންގާ ރަސްމީކޮށް އަޅައިފިއެވެ.
މިކަމަށްޓަކައި މިރޭ ބޭއްވުނު ހާއްސަ ރަސްމިއްޔާތެއްގައި މިސްކިތުގެ ބިންގާ އަޅުއްވައިދެއްވީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުއެވެ.
އިސްލާމިކް މިނިސްޓްރީން މަޢުލޫމާތު ދީފައިވާ ގޮތުގައި، އަމިއްލަ ފަރާތެއްގެ ދީލަތީ އެހީތެރިކަމާއެކު ބިނާކުރާ މި މިސްކިތަކީ ތިން ފަންގިފިލާގެ ބިނާއެކެވެ. މި މިސްކިތަކީ ބޭނުންކުރާ ފަރާތްތަކަށް، ހާއްސަކޮށް އުމުރުން ދުވަސްވީ މީހުންނާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އަރާފޭބުމަށް ފަސޭހަވާނެހެން ލިފްޓު ހަރުކުރެވިގެންދާނެ މިސްކިތެއް ކަމަށްވެސް އެ މިނިސްޓްރީން ހާމަކޮށްފައިވެއެވެ.
ޖުމްލަ 1500 މީހުންގެ ޖާގައިގެ މި މިސްކިތް ވެގެންދާނީ މާލެ ސަރަހައްދުގައި ބިނާކުރާ ޖާގަ ތަނަވަސް އަދި ހިތްފަސޭހަ މިސްކިތަކަށެވެ. މިސްކިތުގެ ބިންގާ އެޅި ނަމަވެސް، އަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ ކުރިއަށް އޮތް ރަމަޟާން މަސް ނިމުމާއެކުގައެވެ.
މި މަޝްރޫއަކީ މާލެ ސަރަހައްދުގައި ހުރި ދުވަސްވީ މިސްކިތްތަކުގެ ބަދަލުގައި، އާބާދީ އިތުރުވަމުންދާ މިންވަރަށް ބަލައި، ޒަމާނީ ވަސީލަތްތަކާއެކު އާ މިސްކިތްތަކެއް ބިނާކުރުމަށް އިސްލާމިކް މިނިސްޓްރީން ކުރިއަށްގެންދާ ހާއްސަ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ މުހިންމު މަޝްރޫއެކެވެ.
ރިއެކްޝަންސް









