ދައުލަތުން ލިބެންޖެހޭ ފައިސާ ޓެކުހުން ކެނޑޭ ގޮތް ހަދައިފި
ދައުލަތުގެ އިދާރާއަކުން ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏަކުން ލިބެންޖެހި ނުލިބިވާ ފައިސާ، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދައްކަންޖެހޭ ޓެކުހާ އަޅައިކެނޑޭނެ ޚާއްޞަ ނިޒާމެއް މިނިސްޓްރީ އޮފް ފިނޭންސް އިން ހަމަޖައްސައިފިއެވެ.
ފިނޭންސް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ވިދާޅުވީ، ސަރުކާރުން ދައްކަންޖެހޭ ފައިސާއާއި މީރާއަށް ދައްކަންޖެހޭ ޓެކުހުގެ ފައިސާ އަޅައިކެނޑުމަށް ބޭނުންވާ ފަރާތްތަކުން އެކަމަށް އެދި މީރާއަށް ހުށަހެޅުމުން އެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށެވެ.
މި ނިޒާމު ހަމަޖައްސާފައިވާ ގޮތުގެ ތަފްސީލު ހާމަކުރަމުން މިނިސްޓްރީން ވިދާޅުވީ، އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން ހުށަހަޅާ ބިލްތަކުގެ ތެރެއިން މިހާތަނަށް ފައިސާ ނުލިބި ހުރި ބިލްތަކަށް ބަލާއިރު:
މީރާއަށް ދައްކަންޖެހޭ ޓެކްސް ފައިސާގެ އަދަދު ސަރުކާރުން އެ ފަރާތަކަށް ދައްކަންޖެހޭ ފައިސާއަށްވުރެ ބޮޑުވާނަމަ، ސަރުކާރުން ދައްކަންޖެހޭ ފައިސާ އުނިކުރުމަށްފަހު، ބާކީވާ އަދަދު ޓެކްސްގެ ގޮތުގައި މީރާއަށް ދައްކަން ޖެހޭނެއެވެ.
އަދި މީރާއަށް ދައްކަންޖެހޭ ޓެކްސް ފައިސާއަށްވުރެ ސަރުކާރުން އެ ފަރާތަށް ދައްކަންޖެހޭ ފައިސާގެ އަދަދު ބޮޑުވާނަމަ (ޓެކްސް ފައިސާ ކުޑަނަމަ)، ދައްކަންޖެހޭ ޓެކްސް އަޅައިކެނޑުމަށްފަހު ބާކީވާ އަދަދު ސަރުކާރުން އެ ވިޔަފާރިއަކަށް ދައްކައި ޚަލާޞްކުރާނެއެވެ.
ފިނޭންސް މިނިސްޓްރީން އިތުރަށް ވިދާޅުވީ، މި އިންތިޒާމުގެ ދަށުން ޓެކުހުގެ ފައިސާ އަޅައިކެނޑުމަށް އެދި މީރާއަށް ހުށަހަޅާއިރު، ފައިސާގެ ތަފްސީލުތަކާއެކު އެ އޮތޯރިޓީން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް ލިޔެކިޔުންތައް ހުށަހަޅަންޖެހޭނެ ކަމަށެވެ. މި ނިންމުމަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް މާލީ ގޮތުން ބޮޑު ލުޔެއް ލިބިގެންދާނެ ކަމެކެވެ.
ރިއެކްޝަންސް





