ޤާނޫނުއަސާސީ އިޞްލާޙުކުރުމަށްޓަކައި މުހިންމު ތިން ބަދަލެއް މަޖިލީހަށް ހުށަހަޅުއްވަނީ: ބަންޑާރަނާއިބު

ޤާނޫނުއަސާސީ އިޞްލާޙުކުރުމަށްޓަކައި މުހިންމު ތިން ބަދަލެއް މަޖިލީހަށް ހުށަހަޅުއްވަނީ: ބަންޑާރަނާއިބު

2 hours ago - 16:56

މިހާރު ޢަމަލުކުރަމުންދާ ޤާނޫނުއަސާސީގައި ހުރި މައްސަލަތައް ހައްލުކުރުމަށްޓަކައި، ޤާނޫނުއަސާސީއަށް މުހިންމު ތިން އިޞްލާޙެއް ހުށަހެޅުމަށް ސަރުކާރުން ނިންމަވާފައިވާކަން ބަންޑާރަ ނައިބު އަޙްމަދު އުޝާމް ހާމަކުރައްވައިފިއެވެ.

ބަންޑާރަ ނައިބު މިއަދު ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ، ޤާނޫނުއަސާސީގައި އިޞްލާޙު ކުރަންޖެހޭ ކަންތައްތަކެއް ހުރިކަމީ އެންމެންވެސް ޤަބޫލުކުރާ ހަޤީޤަތެއް ކަމަށެވެ. އެގޮތުން ސަރުކާރުން މަޖިލީހަށް ހުށަހެޅުމަށް ނިންމާފައިވާ ތިން އިޞްލާޙަކީ:

  • ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެކުގައި ބޭއްވުން.
  • ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވިގެންވާ ގޮތް ބަދަލުކުރުން.
  • ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ޢަދަދު އިތުރުވަމުންދާ މައްސަލައަށް ދާއިމީ ހައްލެއް ގެނައުން.

މި އިސްލާހުތަކުގެ ތެރެއިން ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެކުގައި ބޭއްވުމުގެ އިސްލާހުގެ މަސައްކަތް މިވަގުތު ކުރިއަށްގެންދާ ސަބަބު ބަންޑާރަ ނައިބު ވަނީ ތަފްޞީލުކޮށްދެއްވާފައެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި، މިއީ ޢަމަލުކުރަން ފެށުމުގެ ކުރިން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ޤާނޫނުއަސާސީން ސީދާ ލާޒިމްކުރާ އިޞްލާޙެކެވެ. ނަމަވެސް ދެން ހުރި އިޞްލާޙުތަކަކީ އެފަދަ ވޯޓެއް ބޭނުންވާ ކަންކަމެއް ނޫނެވެ.


އުޝާމް އިތުރަށް ވިދާޅުވީ، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާ ދިމާކޮށް މި ފެންނަ ނުފެންނަ ވޯޓު ކުރިއަށް ގެންދިއުމަކީ ދައުލަތުގެ ބަޖެޓުން ބޮޑު ޚަރަދެއް ސަލާމަތްކުރެވޭނެ ކަމެއް ކަމަށެވެ. "މުޅި ރާއްޖޭގައި މިފަދަ ވޯޓެއް ވަކިން ބާއްވާނަމަ އެންމެ ކުޑަމިނުން 80 ވަރަކަށް މިލިއަން ރުފިޔާ ހޭދަވާނެ. ކައުންސިލް އިންތިޚާބާއެކު މިވޯޓު ބާއްވާނަމަ އެތައް ގުނައެއް ޚަރަދު ކުޑަވެ، ދައުލަތުގެ ބަޖެޓަށް ލުއިވާނެ،" ބަންޑާރަ ނައިބު ވިދާޅުވިއެވެ.


ސަރުކާރުން ހުށަހަޅަން ނިންމާފައިވާ އަނެއް ދެ އިޞްލާޙުގެ އެންމެ ފަހުގެ މަޝްވަރާތައް މިހާރު ކުރިއަށްދާ ކަމަށާއި، މާލަސްތަކެއް ނުވެ އެ ކަންކަންވެސް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނެ ކަމަށް ބަންޑާރަ ނައިބު ވިދާޅުވިއެވެ. މި އިޞްލާޙުތަކަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ރާއްޖޭގެ ދިމިޤްރާޠީ ނިޒާމު ހަރުދަނާކުރުމަށް އަޅުއްވާ މުހިންމު ފިޔަވަޅުތަކެއްގެ ގޮތުގައި ބެލެވެއެވެ.                 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow