މުސާރައިގެ ކަންބޮޑުވުންތަކާ ގުޅިގެން ޕޭ ކޮމިޝަން މާލިއްޔަތު ކޮމިޓީއަށް ހާޒިރުކުރަނީ
ދައުލަތުގެ މުސާރަ އެއްހަމަކުރުމާ ގުޅޭގޮތުން ހުރި ޝަކުވާތަކާއި ކަންބޮޑުވުންތައް ބަލައި، އެކަމާ ގުޅޭ މަޢުލޫމާތު ސާފުކުރުމަށްޓަކައި ނޭޝަނަލް ޕޭ ކޮމިޝަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހާޒިރުކުރުމަށް ނިންމައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިގޮތަށް ނިންމެވީ އެ ކޮމިޓީގެ ބައްދަލުވުމެއްގައެވެ. ޕޭ ކޮމިޝަން ކޮމިޓީއަށް ހާޒިރުކުރުމަށް މި ހުށަހެޅުން ހުށަހަޅުއްވާފައިވަނީ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަޙްމަދު ޝަމްހީދުއެވެ. މި ހުށަހެޅުމަށް ތާއީދުކުރެއްވީ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާއެވެ. މި ނިންމުން ފާސްވެފައިވަނީ އެ ވަގުތު ކޮމިޓީގެ ބައްދަލުވުމަށް ހާޒިރުވެވަޑައިގެން ތިއްބެވި މެންބަރުންގެ އިއްތިފާގުންނެވެ.
މާލިއްޔަތު ކޮމިޓީން މިފަދަ ނިންމުމެއް ނިންމާފައި މިވަނީ، ދައުލަތުގެ ބައެއް އިދާރާތަކާއި މުއައްސަސާތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ފަރާތުން، މުސާރަ އެއްހަމަކުރުމުގެ މަސައްކަތުގެ ތެރޭގައި ދިމާވެފައިވާ ގޮންޖެހުންތަކާއި ޝަކުވާތައް މަޖިލީހަށް ހުށަހަޅަމުންދާތީ، އެކަންކަމާ ގުޅޭގޮތުން ފުރިހަމަ މަޢުލޫމާތު ސާފުކުރުމުގެ ބޭނުމުގައެވެ.
ދައުލަތުގެ އެކި މުއައްސަސާތަކުގެ މުސާރައަށް ހެޔޮ ބަދަލެއް ގެނައުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މުހިންމު ވަޢުދުފުޅެކެވެ. އެގޮތުން އައު ޕޭ ފްރޭމްވޯކަށް އަމަލުކުރަން ފަށާފައިވަނީ 2025 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ. މި ފްރޭމްވޯކަށް އަމަލުކުރަން ފެށިފަހުން އަންނަމުންދާ ބަދަލުތައް މޮނިޓަރކޮށް، ދިމާވާ ގޮންޖެހުންތަކާއި މައްސަލަތައް ހައްލުކުރުމަށް ގުޅުންހުރި މުއައްސަސާތަކާ މަޝްވަރާކޮށްގެން މަސައްކަތް ކުރަމުންދާ ކަމަށް ޕޭ ކޮމިޝަނުން މީގެ ކުރިންވެސް ވަނީ ހާމަކޮށްފައެވެ.
ދައުލަތުގެ މުސާރަތައް އެއްހަމަކޮށް، މުސާރައިގެ ފަރަގު ކުޑަކުރުމަށާއި، މަސައްކަތުގެ ފެންވަރާއި ޒިންމާތަކަށް ބަލައި ހަމަހަމަ އޮނިގަނޑެއްގެ ތެރެއިން އުޖޫރަ ކަނޑައެޅުމަށް ސަރުކާރުން ކުރިއަށްގެންދާ ސިޔާސަތުގެ ދަށުން، މިހާތަނަށް ދައުލަތުގެ ގިނަ އަދަދެއްގެ މުވައްޒަފުންގެ މުސާރައިގެ އޮނިގަނޑު ވަނީ ހާމަނައިޒް ކުރެވިފައެވެ. ނަމަވެސް ބައެއް ދާއިރާތަކުން އަދިވެސް ހުރި ކަންބޮޑުވުންތަކަށް ހައްލެއް ހޯދުމަށް މަޖިލީހުން މިވަނީ މަސައްކަތް ފަށާފައެވެ.
ރިއެކްޝަންސް

