އިންތިޚާބަށް ކުށްވެރިން ދުލެއް ނުކުރަން, ނުވެސް ކުރާނަން- ރައީސް މުއިއްޒު
މިސަރުކާރުން އިންތިޚާބުތަކަށް ކުށްވެރިން ދޫނުކުރައްވާނެ ކަމަށާއި, މިހާތަނަށްވެސް ދޫ ނުކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވީ އއ.އަތޮޅާއި, މާލެ އަތޮޅުގެ ރަށްތަކަށް މިއަދު ފެއްޓެވި ދަތުރުފުޅުގައި ތޮއްޑޫ އަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ސިޔާސީ ފައިދާ ހޯދުމަށްޓަކައި އެކި އިންތިޚާބުތަކާ ދިމާކޮށް ޖަލުތަކުގައި ތިބޭ ކުށްވެރިން ރިހެބިލިޓޭޓް ނުކޮށް ދޫކޮށްލުމުގެ ޘަޤާފަތް، މި ސަރުކާރުން ނައްތާލާފައިވާކަމަށެވެ. އެހެން އަހަރުތަކުގައި، އެކި އިންތިޚާބުތަކާ ދިމާކޮށް ބޮޑެތި ޢަދަދުތަކުން ޤައިދީން މިނިވަންކުރަމުންދިޔަ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެހެންނަމަވެސް މި ނިމުނު އަހަރު ތެރޭ، މުޅި އަހަރަށް ބަހާލައިގެން، ޤާނޫނުގައި އޮންނަ ފުރުޞަތުތަކުގެ ތެރެއިން އަދަބު ލުއިކޮށް، ދޫކޮށްލާފައި ވާނީ ޖުމުލަ 86 މީހުންކަން ކަމަށް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ މި ހިނގާ ޑިސެމްބަރު މަހު ވަޒީރުންގެ މަޖިލީހުން ފާސްކުރި، ޖަލުތަކުގައި ޙުކުމް ތަންފީޛުކުރަމުންދާ ޤައިދީންނަށް ހިންގޭ ރީހެބިލިޓޭޝަން ޕްރޮގްރާމްތަކަށް ބަދަލު ގެނެސް، އެ ޕްރޮގްރާމްތަކާއި ގުޅުވައިގެން ޙުކުމަށް ލުއި ދިނުމާއި، ޙުކުމް މަޢާފުކޮށްދިނުމުގެ ފުރުޞަތު ފަހިކޮށްދިނުމަށް ނިންމެވިކަން ފާހަގަކުރައްވާ ވިދާޅުވީ, މި ސަރުކާރުން އިސްކަންދޭނީ ތަރައްޤީ އާއި ހަމަޖެހުމަށް ކަމަށެވެ.
އެހެންނަމަވެސް މިދިޔަ ސަރުކާރުން އަމަލުކުރެއްވި ގޮތަށް އިޝާރާތްކުރައްވާ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ 2019 ވަނަ އަހަރު އޭރު އޮތް މަޖިލިސް އިންތިޚާބާ ދިމާކޮށް 762 ކުށްވެރިން ދޫކޮށްލި ކަމަށެވެ. އަދި އެންމެ ފަހުން އޮތް ރިޔާސީ އިންތިޚާބާ ދިމާކޮށްވެސް 429 މީހުން ދޫކޮށްލި ކަމަށް ވިދާޅުވިއެވެ. ލޯކަލް ކައުންސިލް ތަކުގެ އިންތިޚާބާ ދިމާކޮށްވެސް 458 މީހުން ދޫކޮށްލި ކަމަށާއި, 2022 ވަނަ އަހަރުގެ ތެރޭގައިވެސް 256 މީހުން ދޫކޮށްލި ކަމަށް ރައީސުލްޖުމްހޫރިއްޔާ މިއަދު ވިދާޅުވިއެވެ.
" މި އަހަރު ވެސް އޮތޭ އިންތިހާބެއް, މަޖިލިސް އިންތިހާބު. އަޅުގަނޑުމެން އިންތިހާބާ ދިމާކޮށް ސިޔާސީ ވިސްނުމެއްގައި ބަޔަކު މަގުމައްޗަކަށް ދުލެއް ނުކޮށްލަން" ރައީސް ވިދާޅުވިއެވެ.
ރައީސް މުއިއްޒު ވިދާޅުވީ ސިޔާސީ ވިސްނުމެއްގައި, ބަދަލުހިފުމުގެ ރޫޙެއްގައި މަސައްކަތް ނުކުރައްވާނޭކަމަށެވެ. އަދި ތަރައްޤީގެ މަޝްރޫއުތައް ހިންގެވުމުގައިވެސް ސިޔާސީ ވިސްނުމަށް ނުބައްލަވާނެ ކަމަށް ވިދާޅުވިއެވެ.
ރިއެކްޝަންސް