ކުރީގެ ރައީސް ނަޝީދާއި ރައީސް ސޯލިހުވެސް އިންޑިއާގެ ނިއު ދިއްލީގައި
އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަށް ނިސްބަތްވެވަޑައިގަންނަވާ ދިވެހިރާއްޖޭގެ ކުރީގެ ދެ ރައީސުން ކަމަށްވާ ރައީސް މުހައްމަދު ނަޝީދާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިވަގުތު އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި އެބަތިއްބެވި އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދު ދިއްލީއަށް ފުރާވަޑައިގަތީ މި މަހުގެ 6 ވަނަ ދުވަހު އެވެ. އެމަނިކުފާނުގެ މި ދަތުރުފުޅަކީ އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ބޭއްވި ހާއްސަ ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅެކެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދިއްލީއަށް ވަޑައިގެންފައިވަނީ އިއްޔެގެ ވަގުތެއްގަ އެވެ. އެމަނިކުފާނުގެ މި ދަތުރުފުޅުގެ ރަސްމީ ބޭނުމެއް ސަރުކާރުން ނުވަތަ އެމްޑީޕީން އަދި ހާމަކޮށްފައެއް ނުވެ އެވެ. ނަމަވެސް، ސޯލިހުގެ ބައެއް ސަޕޯޓަރުން ސޯޝަލް މީޑިއާގައި ބުނަމުންދަނީ އެމަނިކުފާނު ދިއްލީއަށް ވަޑައިގަތީ ރަސްމީ ދަތުރުފުޅެއްގައި ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް ނަޝީދު މިއަދު މެންދުރު 11:45 އެހާކަންހާއިރު މާލެ ވަޑައިގަންނަވާނެ އެވެ. އަދި އެއާޕޯޓުން ނޫސްވެރިންނާ ބައްދަލު ކުރައްވައި ދަތުރުފުޅުގެ ތަފްސީލު ހިއްސާ ކުރައްވާނެ ކަމަށް ބެލެވެ އެވެ. ނަމަވެސް ރައީސް ސޯލިހު އެނބުރި ވަޑައިގަންނަވާނެ ތާރީހެއް އަދި އެނގިފައެއް ނުވެ އެވެ.
ނަޝީދާއި ސޯލިހުގެ ވެރިކަމުގައި އިންޑިއާއާއެކު ވަރަށް ގާތް ގުޅުމެއް ބާއްވާފައިވާއިރު، މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ވަނީ އިންޑިއާއާ ދުރަށް ޖެހުމުގެ ސިޔާސަތެއް ގެންގުޅުއްވާފަ އެވެ. ނަމަވެސް ރާއްޖޭގެ އިގްތިސާދީ އަދި މާލީ ހާލަތު ދަށަށް ދިއުމުގެ ސަބަބުން، އިންޑިއާއާއެކު އޮތް ގުޅުން އެއްކޮށް ކަނޑާނުލައި ކުރިއަށް ގެންދިއުމަށް ސަރުކާރަށް ވަނީ މަޖުބޫރުވެފަ އެވެ.
ޒަމާންވީ ދެ ރަހުމަތްތެރިންގެ ގޮތުގައި ތިއްބެވި ނަޝީދާއި ސޯލިހުގެ މެދުގައި މިހާރު ވަނީ ސިޔާސީ ގޮތުން ބޮޑެތި ހިޔާލުތަފާތުވުންތަކެއް އުފެދިފަ އެވެ. ހާއްސަކޮށް އެމްޑީޕީގެ ހުސްވެފައިވާ ޗެއާޕާސަންގެ މަގާމަށް ނަޝީދު ޝައުގުވެރިކަން ފާޅުކުރައްވާފައިވާއިރު، ރައީސް ސޯލިހު ތާއީދު ކުރައްވަނީ މީކާއީލް އަހުމަދު ނަސީމް އެ މަގާމަށް ގެނައުމަށެވެ.
ރިއެކްޝަންސް

