ޕީއެންސީގެ ކޮންގްރެސް ވެގެންދާނީ ރާއްޖޭގައި ބޭއްވޭ އެންމެ ފުރިހަމަ ބައްދަލުވުމަށް: ރައީސް
ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ކުރިއަށް އޮތް ސެޕްޓެންބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ ކޮންގްރެސް ނުވަތަ މަތީ މަޖިލީހުގެ ބައްދަލުވުމަކީ، މިހާތަނަށް ރާއްޖޭގައި ޑިމޮކްރެޓިކް އުސޫލުން ބޭއްވޭ އެންމެ ފުރިހަމަ އަދި އެންމެ ކާމިޔާބު ބައްދަލުވުމަށް ވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އއ. އުކުޅަހުގައި ބޭއްވި ކޮންގްރެސް ޕާޓީގެ ހަރުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވަނީ، ޕާޓީގެ ހުރިހާ މެންބަރުން ވެސް މި ކޮންގްރެސްއަށް ތައްޔާރުވުމަށް އެދިވަޑައިގެންފައެވެ. ރައީސް ވިދާޅުވި ގޮތުގައި މި ބައްދަލުވުމަކީ މުޅި ރާއްޖެ ތަމްސީލުވާނެހެން ބޭއްވޭ ވަރަށް ފުރިހަމަ ބައްދަލުވުމަކަށް ވާނެއެވެ.
"ކުރިއަށް އޮތް ކޮންގްރެސް އަކީ ވަރަށް ލާމަސީލު ވަރަށްވެސް ފުރިހަމަ -- ފުރިހަމަ އޭ މި ދަންނަވަނީ އަޅުގަނޑުމެންގެ އުޅުންތަކާއި އަޅުގަނޑުމެންގެ ގުޅުންތައް އަޅުގަނޑުމެން ކަންކުރާ ގޮތް ވަރަށްވެސް ރީތި ވަރަށްވެސް އަޚްލާޤީ ގޮތުން ފުރިހަމަ ކޮންގްރެސް އަކަށްވާނެ،" ރައީސް ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައި އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މި ކޮންގްރެސްގެ ކޮންމެ ނިންމުމެއް ނިންމާނީ ޑިމޮކްރެޓިކް އުސޫލުތަކުގެ މަތިންނެވެ. އަދި މުޅި ކޮންގްރެސް ވެގެންދާނީ ދިވެހި ސިޔާސީ މައިދާނަށް ދައްކައިދޭ ވަރަށް ރީތި ނަމޫނާއަކަށް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
"މިހާތަނަށް ރާއްޖޭގައި ޑިމޮކްރެޓިކަލީ ބޭއްވޭ އެންމެ ފުރިހަމަ އެންމެ ކާމިޔާބު ބައްދަލްވުމަށް މި އަންނަ މަހުގެ މެދުތެރޭގައި ބޭއްވޭ އަޅުގަނޑުމެންގެ ކޮންގްރެސް ވެގެންދާނެ،" އަންނަ ސެޕްޓެންބަރު މަހުގެ މެދުތެރޭގައި ބޭއްވުމަށް ތައްޔާރުވަމުންދާ ކޮންގްރެސްއާ ގުޅޭގޮތުން ރައީސް ވިދާޅުވިއެވެ.
މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ޕާޓީގެ ވަރުގަދަ ކަމާއި ބަދަހިކަމުގެ މައްޗަށް އަލިއަޅުވާލައްވައި، ކުރިއަށް އޮތް ތަނުގައިވެސް ރައްޔިތުންގެ ލާބަޔާއި މަންފާއަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.
ރިއެކްޝަންސް

