މާލޭ ސަރަހައްދުގެ ކަރަންޓުގެ ޚިދުމަތް ހަރުދަނާކުރުމަށް ހުޅުމާލޭގައި 70 މެގަވޮޓްގެ އިންޖީނުގެއެއް އަޅަނީ
މާލޭ ސަރަހައްދުގެ އާބާދީ ހަލުވިކަމާއެކު އިތުރުވަމުންދާތީ، ކަރަންޓުގެ ޚިދުމަތް އިތުރަށް ހަރުދަނާކޮށް ފުޅާކުރުމުގެ ގޮތުން ހުޅުމާލޭގައި 70 މެގަވޮޓްގެ "ނިއު މީޑިއަމް ސްޕީޑް" އިންޖީނުގެއެއް އެޅުމުގެ އަމަލީ މަސައްކަތް މި އަހަރުގެ ތެރޭގައި ފެށުމަށް ސަރުކާރުން ނިންމައިފިއެވެ.
މި މަޝްރޫޢާ ގުޅޭގޮތުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ޑރ. ޢަލީ އަޒުވަރު ވިދާޅުވީ، މީގެ ކުރިން އާބާދީ އިތުރުވާ ވަގުތުތަކުގައި ކަރަންޓުގެ ޑިމާންޑަށް ވާސިލްވުމަށް ބޭނުންކުރީ ހައި ސްޕީޑް ޖެންސެޓުތަކެއް ކަމަށެވެ. ނަމަވެސް، ކުރިއަށް އޮތް އަހަރާއި 2028 ވަނަ އަހަރުގެ "ޕީކް ސީޒަން" ނުވަތަ ކަރަންޓު އެންމެ ގިނައިން ބޭނުންކުރާ ދުވަސްވަރަށް ތައްޔާރުވުމުގެ ގޮތުން، ހުޅުމާލެ ދެވަނަ ފިޔަވަހީގައި މީޑިއަމް ސްޕީޑް ޕަވަ ހައުސްއެއް ތަރައްގީކުރުމަށް މިހާރު ވަނީ ޕްލޭންކުރެވިފައެވެ.
ޑރ. އަޒުވަރު ހާމަކުރެއްވި ގޮތުގައި، މި އާ އިންޖީނުގޭގެ އަމަލީ މަސައްކަތް މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ފެށުމަށް ވަނީ ތާވަލުކުރެވިފައެވެ.
މި ބޮޑު މަޝްރޫޢުގެ އިތުރުން، ހުޅުމާލެ ދެވަނަ ފިޔަވަހީގެ ކަރަންޓުގެ ބޭނުންތަކަށް ވަގުތީ ހައްލެއް ހޯދުމުގެ ގޮތުން 20 މެގަވޮޓުގެ ވަގުތީ އިންޖީނުގެއެއް އެޅުމުގެ މަސައްކަތްވެސް ސަރުކާރުން މިހާރު އަންނަނީ ކުރަމުންނެވެ. ފާހަގަކޮށްލެވޭ ގޮތުގައި ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި މިހާރު ބޭނުންކުރަމުންދަނީ 50 މެގަވޮޓްގެ ކެޕޭސިޓީ ހުރި އިންޖީނުގެއެކެވެ.
މާލެ ސަރަހައްދުގެ ތެރެއިން އާބާދީ އެންމެ ބާރަށް އިތުރުވަމުން އަންނަނީ ހުޅުމާލޭގައެވެ. ވަކިން ހާއްސަކޮށް، ސަރުކާރުން މިހާރު ތަރައްގީކުރަމުންދާ ފްލެޓްތަކުގެ މަސައްކަތް ނިމި، މީހުން ދިރިއުޅެން ފެށުމާއެކު ހުޅުމާލޭގެ އާބާދީ މިހާރަށްވުރެ ބޮޑުތަނުން އިތުރުވާނެއެވެ. އެހެންކަމުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ވަނީ ދުރުރާސްތާގެ ޕްލޭނެއްގެ ދަށުން ކަރަންޓު ކެޕޭސިޓީ އިތުރުކުރުމުގެ މަޝްރޫޢުތައް ހިންގުމަށް އިސްކަންދީފައެވެ.
ރިއެކްޝަންސް





