ދިވެހި ރުފިޔާގެ އަގު ހިފަހައްޓަން އެމްއެމްއޭއިން ވަރުގަދަ ފިޔަވަޅުތަކެއް އަޅަން ނިންމައިފި
ބޭންކުތަކުން މަރުކަޒީ ބޭންކުގައި ބަހައްޓަންޖެހޭ ދިވެހި ރުފިޔާގެ 'މިނިމަމް ރިޒާވް ރިކުއާމެންޓް' (އެމްއާރުއާރު) އިތުރުކުރުމެވެ. މިހާރު ލާޒިމުކުރާ 10.5 އިންސައްތަ، އަންނަ ސެޕްޓެމްބަރު މަހުން ފެށިގެން 11.0 އިންސައްތައަށް ބޮޑުކުރުމަށް ވަނީ ނިންމާފައެވެ. އަދި 2027 ވަނަ އަހަރާ ހަމައަށް ކޮންމެ ތިން މަހަކުން މި އަދަދު މުރާޖައާކޮށް، 2027 ގެ ޑިސެމްބަރުގެ ނިޔަލަށް އެ އަދަދު 13 އިންސައްތައަށް އިތުރުކުރުމަށް ބޯޑުން ވަނީ ކަނޑައަޅާފައެވެ.
މީގެ އިތުރުން، އެމްއެމްއޭގެ 'އޯޕަން މާކެޓް އޮޕަރޭޝަންސް' (އޯއެމްއޯ) 10 ބޭސިސް ޕޮއިންޓަށް އިތުރުކޮށް، އިގުތިސާދުގައި ދައުރުވާ އިތުރު ފައިސާ ނުވަތަ އެކްސެސް ލިކުއިޑިޓީ މަދުކުރުމަށް ވެސް ވަނީ ނިންމާފައެވެ. 2025 ވަނަ އަހަރުގެ ޖުލައި މަހު އޯއެމްއޯ އަލުން ފެށި ފަހުން، 2026 ޖުލައިގެ ނިޔަލަށް އެވްރެޖްކޮށް 2.7 ބިލިއަން ރުފިޔާ ބޭންކިންގ ނިޒާމުން ވަނީ ނެގިފައެވެ. މީގެ ސަބަބުން ކުރު މުއްދަތުގެ ލިކުއިޑިޓީ 6.5 ބިލިއަން ރުފިޔާއިން 3.7 ބިލިއަން ރުފިޔާއަށް ވަނީ ތިރިވެފައެވެ.
ދިވެހި ރުފިޔާގެ އަގު ދަށްވެ، ޑޮލަރުގެ އަގު އުފުލުމަށް ދިމާވި މައިގަނޑު ސަބަބެއްގެ ގޮތުގައި ފާހަގަކުރެވެނީ 2019 އިން ފެށިގެން 2023 ނޮވެމްބަރު 17 އާ ހަމައަށް އަށް ބިލިއަން ރުފިޔާ ޗާޕުކުރުމެވެ. ކޮވިޑް-19 އާ ގުޅިގެން ދައުލަތުގެ ބަޖެޓަށް ދިމާވި ދަތިތަކާއެކު، އޭރުގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރުގެ އެދިވަޑައިގަތުމަށް 19 ވަނަ ރައްޔިތުންގެ މަޖިލީހުން ވަނީ ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ ބައެއް މާއްދާތައް ސަސްޕެންޑްކޮށް، ފައިސާ ޗާޕުކުރުމުގެ ފުރުސަތު ދީފައެވެ.
މިގޮތަށް ޗާޕުކުރި ފައިސާ ކުރު މުއްދަތެއްގެ ތެރޭގައި ބާޒާރުން ނެގުމުގެ ބަދަލުގައި، ދިގު މުއްދަތުގެ ސެކިއުރިޓީސްއަށް ބަދަލުކޮށް އިގުތިސާދުގައި ދައުރުވުމަށް ދޫކޮށްލުމުން ރުފިޔާގެ އަގު ވަނީ ބަލިކަށިވެފައެވެ. ނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ވަނީ ފައިސާ ޗާޕުކުރުމުގެ ސިލްސިލާ އެއްކޮށް ހުއްޓާލައްވާފައެވެ. އެމްއެމްއޭގެ މި އާ ފިޔަވަޅުތަކަކީ އިގުތިސާދީ ހަމަޖެހުން ގާއިމުކުރުމަށް އެޅޭ މުހިއްމު ފިޔަވަޅުތަކެއްގެ ގޮތުގައި ބެލެވެއެވެ.
ރިއެކްޝަންސް





