ތިލަފުށީގައި ވިޔަފާރި ބަނދަރު ތަރައްގީކުރުމަށްޓަކައި ފަޅުތެރޭގައި ހުރި އުޅަނދުތައް ހުސްކުރަން އަންގައިފި

ތިލަފުށީގައި ވިޔަފާރި ބަނދަރު ތަރައްގީކުރުމަށްޓަކައި ފަޅުތެރޭގައި ހުރި އުޅަނދުތައް ހުސްކުރަން އަންގައިފި

1 hour ago - 10:26
Advertisement
Advertisement

މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ ބިޔަ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި، ތިލަފުށީ ފަޅުގެ ވަކި ސަރަހައްދެއްގައި ހުރި އުޅަނދުތައް ނެގުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އަންގައިފިއެވެ.


އެޗްޑީސީން ބުދަ ދުވަހު ނެރުނު އިއުލާނެއްގައި ބުނެފައިވަނީ، ތިލަފުށީ މެދު ފަޅުގެ ހުޅަނގު ފަރާތުން ކަނޑައެޅިފައިވާ ސަރަހައްދުގައި އަޅާފައިވާ އުޅަނދުތަކާއި، އަޑިއަށް ގޮސްފައިވާ އުޅަނދުތަކުގެ އިތުރުން ދޫކޮށްލާފައިވާ އެކި ބާވަތުގެ ތަކެތި ނެގުމަށް އަންގާ ކަމަށެވެ. މި ތަކެތި ނެގުމަށް އުޅަނދުތަކުގެ ވެރިފަރާތްތަކަށް ބުދަ ދުވަހުން ފެށިގެން ހަތް ދުވަހުގެ މުއްދަތެއް ވަނީ ދީފައެވެ.


އެޗްޑީސީން ބުނި ގޮތުގައި، ދީފައިވާ މުއްދަތުގައި ނުނަގާ ހުންނަ އުޅަނދުތަކާއި ތަކެއްޗާމެދު، އެފަދަ ހާލަތްތަކުގައި އަމަލުކުރުމަށް ކަނޑައެޅިފައިވާ އުސޫލުތަކުގެ ދަށުން ފިޔަވަޅު އަޅާނެއެވެ.


މި މަޝްރޫއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން ކުރިއަށްގެންދާ މަޝްރޫއެކެވެ. ރައީސް މުޢިއްޒު މީގެކުރިން އިއުލާނު ކުރައްވާފައިވާ ގޮތުގައި، އަންނަ އަހަރުގެ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް މާލޭ ވިޔަފާރި ބަނދަރުގެ އޮޕަރޭޝަންތައް ތިލަފުއްޓަށް ބަދަލުކުރެވޭނެއެވެ. ސަރުކާރުގެ އަމާޒަކީ ބަނދަރުގެ 80 އިންސައްތަ މަސައްކަތް ތިލަފުއްޓަށް ބަދަލުކުރުމެވެ. ބާކީ ހުރި 20 އިންސައްތަ މަސައްކަތްތައް ބަދަލުކުރުމަށް ހަމަޖެހިފައިވަނީ ތިލަމާލެ ބްރިޖާ ގުޅޭ އިންޑަސްޓްރިއަލް ޒޯން ސަރަހައްދަށެވެ.


މި މަޝްރޫއުގެ ތެރެއިން ބައިނަލްއަގްވާމީ އަދި ޑޮމެސްޓިކް ކީ-ވޯލް ހެދުމުގެ މަސައްކަތް މިދިޔަ މަހު ވަނީ ޗައިނާ ހާބަރ އިންޖިނިއަރިންގ ކޮމްޕެނީ (ސީއެޗްއީސީ) އާ ހަވާލުކޮށްފައެވެ. މި އެއްބަސްވުމުގެ ދަށުން ބައިނަލްއަގްވާމީ ބޯޓުފަހަރަށް ހާއްސަ 375 މީޓަރުގެ ކީ-ވޯލްއަކާއި، އެތެރޭގެ ދަތުރުފަތުރަށް ހާއްސަ 820 މީޓަރުގެ ޑޮމެސްޓިކް ކީ-ވޯލްއެއް ތަރައްގީކުރާނެއެވެ.


މީގެ އިތުރުން، އެމްޓީސީސީއާ ހަވާލުކޮށްގެން ވެސް ބަނދަރުގެ ބައެއް މަސައްކަތްތައް ދަނީ ކުރިއަށެވެ. މުޅި މަޝްރޫއު ނިމޭއިރު ތިލަފުށީގައި 1,000 މީޓަރަށްވުރެ ދިގު ބައިނަލްއަގްވާމީ ކީ-ވޯލްއަކާއި 2,000 މީޓަރަށްވުރެ ދިގު ޑޮމެސްޓިކް ޓާމިނަލްއެއް ގާއިމުކުރެވި، ރާއްޖޭގެ ވިޔަފާރި ބަނދަރުގެ ހިދުމަތްތައް އިންގިލާބީ ގޮތެއްގައި ތަރައްގީވެގެންދާނެއެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement