ކިހާދޫގެ ގިރާ ސަރަހައްދާއި ކުނީގެ މައްސަލައާ ގުޅޭގޮތުން އެންވަޔަރަންމަންޓް މިނިސްޓްރީއާއެކު މަޝްވަރާކޮށްފި
ބ. ކިހާދޫއަށް ދިމާވެފައިވާ ތިމާވެށީގެ ސީރިއަސް މައްސަލަތަކަށް ހައްލެއް ހޯދުމަށްޓަކައި، އެ ރަށު ކައުންސިލުން މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީއާއެކު މުހިންމު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.
މިނިސްޓްރީގައި ބޭއްވުނު މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކޮށްފައިވަނީ ކިހާދޫގެ ބައެއް ސަރަހައްދުތައް ބޮޑުތަނުން ގިރަމުންދާ މައްސަލައާއި، ރަށުގައި ކުނި މެނޭޖުކުރުމުގައި ކުރިމަތިވަމުންދާ ގޮންޖެހުންތަކާ ގުޅޭގޮތުންނެވެ.
ކިހާދޫ ކައުންސިލުން ވަނީ ރަށުގެ ގިރާ ސަރަހައްދުތަކުގެ މިހާރުގެ ހާލަތު މިނިސްޓްރީއާ ހިއްސާކޮށް، އެކަމުގެ ސަބަބުން ރަށުގެ ތިމާވެއްޓަށާއި އާންމު ހިދުމަތްތަކަށް ކުރަމުންދާ ނޭދެވޭ އަސަރުތަކުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ. މީގެ އިތުރުން، ރަށުގައި އުފެދޭ ކުނި ރައްކާތެރި ގޮތުގައި ނައްތާލުމުގެ ނިޒާމު ހަރުދަނާކުރުމަށް ބޭނުންވާ ފަންނީ އަދި މާލީ އެހީތެރިކަމާ ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި ފުޅާ ދާއިރާއެއްގައި ވާހަކަދެކެވުނެވެ.
މި ބައްދަލުވުމުގައި އެންވަޔަރަންމަންޓް މިނިސްޓްރީގެ ފަރާތުން ވިދާޅުވީ، ރާއްޖޭގެ ރަށްރަށަށް ދިމާވެފައިވާ ތިމާވެށީގެ މައްސަލަތަކަށް ދާއިމީ ހައްލެއް ހޯދައިދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމެއް ކަމަށެވެ. އަދި ކިހާދޫ ކައުންސިލުން ފާހަގަކުރި ކަންތައްތައް ހައްލުކުރުމަށްޓަކައި ފަންނީ ގޮތުންނާއި އިދާރީ ގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ސަރުކާރުން ކުރިއަށް ގެންދާނެ ކަމުގެ ފުރިހަމަ ޔަގީންކަން މިނިސްޓްރީން ވަނީ ދީފައެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިމަތިވަމުންދާ ރަށް ގިރުމުގެ މައްސަލަތަކާއި ކުނީގެ މައްސަލަތައް ހައްލުކުރުމަށްޓަކައި، މި ސަރުކާރުން އަންނަނީ ކައުންސިލްތަކާއެކު ގާތުން މަސައްކަތް ކުރަމުންނެވެ.
ރިއެކްޝަންސް





