ރަސްމާލޭގެ 5،000 ހައުސިން ޔުނިޓަށް ފުރަތަމަ ފަންޑުކުރާނީ އީގަލް ހިލްސްއިން: އަލައްބާރު
ރަސްމާލެ ތަރައްގީކުރުމުގެ ބޮޑު މަޝްރޫއުގެ ދަށުން ރާއްޖޭގައި އިމާރާތްކުރުމަށް ހުށަހަޅާފައިވާ 5،000 ހައުސިން ޔުނިޓަށް ފުރަތަމަ މާލީ އެހީތެރިކަން ދީ ފަންޑުކުރާނީ އެމިރޭޓްސްގެ މަޝްހޫރު އީގަލް ހިލްސް ކުންފުނިން ކަމަށް އެ ކުންފުނީގެ ޗެއާމަން މުހައްމަދު އަލައްބާރު ވިދާޅުވެއްޖެއެވެ.
"ސަން" އޮންލައިނަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ވާހަކަދައްކަވަމުން އަލައްބާރު ވިދާޅުވީ، ރަސްމާލޭގެ ބޯހިޔާވަހިކަމުގެ މި ބަޔަކީ ގާތްގަނޑަކަށް 500 މިލިއަން އެމެރިކާ ޑޮލަރުގެ ބޮޑު އިންވެސްޓްމަންޓެއް ކަމަށެވެ. އަދި މި މަޝްރޫއަށް ފުރަތަމަ އީގަލް ހިލްސްގެ އަމިއްލަ ފައިސާ ޚަރަދުކުރި ނަމަވެސް، ފަހުން މުޅި ތަރައްގީގެ މަޝްރޫއުގެ ތެރެއިން އެ ފައިސާ އަނބުރާ ހޯދާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
"މިއީ އަހަރެމެންގެ ފަރާތުން ހުށަހަޅާ އިންސާފުވެރި ހުށަހެޅުމެއް. އަހަރެމެން މިހާރު ފައިސާ ލާނަން، އެކަމަކު ފަހުން އެ ފައިސާ އަނބުރާ ހޯދާނަން،" މި ފައިނޭންސިން އޮނިގަނޑު އެކުލެވިގެންވަނީ އިކުއިޓީއާއި، ދަރަންޏާއި، އަދި ރިއަލް އެސްޓޭޓް ވިޔަފާރިން ލިބޭ އާމްދަނީގެ މައްޗަށްކަން ހާމަކުރައްވަމުން އަލައްބާރު ވިދާޅުވިއެވެ.
މި ބިޔަ މަޝްރޫއުގެ ސަބަބުން ރާއްޖޭގެ އިގުތިސާދަށް އިންގިލާބީ ބޮޑެތި ފައިދާތަކެއް ކުރާނެ ކަމަށް އީގަލް ހިލްސްއިން ލަފާކުރެއެވެ. އެގޮތުން، މަޝްރޫއުގެ މުއްދަތުގެ ތެރޭގައި ސަރުކާރަށް ޓެކްސްގެ ގޮތުގައި އެކަނިވެސް ދެ ބިލިއަން ޑޮލަރާ ގާތްކުރާ އަދަދެއް ލިބޭނެ ކަމަށް އަލައްބާރު އަންދާޒާކުރެއްވިއެވެ. މީގެއިތުރުން، އިމާރާތްކުރުމުގެ މަރުހަލާގައި 40،000 ވަޒީފާ އަދި މަޝްރޫއު ނިމުމުން 15،000 އާއި 18،000 އާ ދެމެދުގެ އަދަދަކަށް ދާއިމީ ވަޒީފާ ރާއްޖޭގައި އުފެދިގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.
ރާއްޖެއަށް އެހީތެރިކަން ދިނުމުގައި ބޯހިޔާވަހިކަމަކީ އެންމެ މުހިންމު ދާއިރާކަން ފާހަގަކުރައްވަމުން އަލައްބާރު ވިދާޅުވީ، އިންވެސްޓްމަންޓް އަނބުރާ ހޯދަން ވަގުތު ނެގި ނަމަވެސް، ރައްޔިތުންނަށް އެންމެ ބޮޑަށް ބޭނުންވެފައިވާ ބޯހިޔާވަހިކަމުގެ ބަޔަށް އެ ކުންފުނިން އިސްކަންދޭނެ ކަމަށެވެ.
ރަސްމާލެ ތަރައްގީކުރުމާ ގުޅޭގޮތުން ދިވެހި ސަރުކާރާއެކު އީގަލް ހިލްސްއިން އަދި ފައިނަލް އެއްބަސްވުމެއްގައި ސޮއިކޮށްފައި ނުވި ނަމަވެސް، މާ ލަސްތަކެއް ނުވެ އެއްބަސްވުމުގައި ސޮއިކުރެވޭނެ ކަމަށް އުންމީދުކުރައްވާ ކަމަށް އަލައްބާރު ވިދާޅުވިއެވެ. އަދި އެއްބަސްވުމަށްފަހު، ޑިޒައިންކުރުމާއި ތިމާވެށީގެ ދިރާސާތަކާއި އެހެނިހެން ތައްޔާރީ މަރުހަލާތަކަށް ގާތްގަނޑަކަށް އަހަރެއްހާ ދުވަސް ހޭދަވުމަށްފަހު، މަޝްރޫއުގެ އަމަލީ މަސައްކަތް ފެށޭނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި ހުރިހާ ކަމެއް ފައިނަލްވުމުން މުޅި މަޝްރޫއުގެ ތަފުސީލުތައް ރައްޔިތުންނަށް ހާމަކުރައްވާނެ ކަމަށްވެސް އަލައްބާރު ވަނީ ވިދާޅުވެފައެވެ.
ރިއެކްޝަންސް





