ޒަމާނީ ވަސީލަތްތަކާއި ޚާއްޞަ ތަޖުރިބާކާރުންގެ އެހީގައި ބަލި ދެނެގަތުމުގެ ޤާބިލުކަން އިތުރުކުރުން މުހިއްމު: މެޑަމް ސާޖިދާ
ޒަމާނީ ވަސީލަތްތަކާއި ޚާއްޞަ ތަޖުރިބާކާރުންގެ އެހީގައި ބަލި ދެނެގަތުމުގެ ޤާބިލުކަން އިތުރުކުރުމުގެ މުހިންމުކަން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ފާހަގަކުރައްވައިފިއެވެ. އުރަމަތީގެ ކެންސަރު ކުރީކޮޅުގައި ދެނެގަނެވިއްޖެނަމަ، ފަރުވާ ހޯދުމަށް ފަހި ފުރުޞަތުތަކެއް ލިބި، ބަލިން ފަސޭހަވުމުގެ އުންމީދު ބޮޑުވެގެންދާކަން ފާހަގަކުރައްވައި، ޑޮކްޓަރީ ލަފާ ހޯދުމަށާއި ސްކްރީނިންގ ހެދުމަށް ލަސްނުކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު އިލްތިމާސްކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މިހެން ވިދާޅުވީ، "ފްރޮމް ޑިޓެކްޝަން ޓު ރިކަވަރީ: އޮޕްޓިމައިޒިންގ ބްރެސްޓް ކެންސަރ ކެއަރ" މި ޝިޢާރުގެ ދަށުން މިއަދު ބޭއްވި، އުރަމަތީގެ ކެންސަރަށް ހޭލުންތެރިކުރުމުގެ 7 ވަނަ އަހަރީ ސިމްޕޯޒިއަމް އިފްތިތާޙުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން، އުރަމަތީގެ ކެންސަރަކީ ދިވެހިރާއްޖޭގެ ޞިއްޙީ ދާއިރާއިން ޚާއްޞަ އިސްކަމެއް ދޭންޖެހިފައިވާ މުހިންމު މައްސަލައެއްކަން އެކަމަނާ ފާހަގަކުރެއްވިއެވެ. އަދި އަންހެނުންގެ އުރަމައްޗަށް އަންނަ ބަދަލުތަކަށް ސަމާލުވެ، އެފަދަ ބަދަލެއް ފާހަގަކުރެވިއްޖެނަމަ ލަސްނުކޮށް ޞިއްޙީ އެހީތެރިކަން ހޯދުމަށް އެކަމަނާ ބާރުއެޅުއްވިއެވެ. ބަލި ކުރީކޮޅުގައި ދެނެގަނެވިއްޖެނަމަ، އެކަށީގެންވާ ފަރުވާ ދިނުމުގެ ފުރުޞަތުތައް އިތުރުވެ، ބަލިން ފަސޭހަވުމުގެ ފުރުޞަތު ބޮޑު މަރުޙަލާއެއްގައި ފަރުވާ ފެށުމަށް މަގުފަހިވާނެކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
ޒަމާނީ ވަސީލަތްތަކާއި ޚާއްޞަ ތަޖުރިބާކާރުންގެ އެހީގައި ބަލި ދެނެގަތުމުގެ ޤާބިލުކަން އިތުރުކުރުމުގެ މުހިންމުކަން ފާހަގަކުރައްވަމުން، ބަލީގެ ކުރީކޮޅު ފެންނަ ކުދިކުދި ބަދަލުތައް ދެނެގަތުމުގައި އާޓިފިޝަލް އިންޓެލިޖެންސްގެ ބޭނުން ހިފިދާނެ ގޮތްތަކުގެ މައްޗަށް އެކަމަނާ އަލިއަޅުއްވާލެއްވިއެވެ. އަދި މިފަދަ ޓެކްނޮލޮޖީގެ ތެރެއިން ލިބިފައިވާ ފަސޭހައިގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ހިފުމަށްޓަކައި، ޞިއްޙީ ދާއިރާގައި އިންސާނީ ވަސީލަތް ތަރައްޤީކުރުން މެދުކެނޑުމެއްނެތި ކުރިއަށް ގެންދަންޖެހޭކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ ވާހަކަފުޅުގައި، އެންމެން ގުޅިގެން، ވަގުތުން ވަގުތަށް، އަދި ބަލިމީހާއަށް އިސްކަންދީގެން ފޯރުކޮށްދޭ ފަރުވާގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ. އެގޮތުން ސައްޙަ މަޢުލޫމާތު ދީ، ބަލިމީހުންގެ އަބުރުވެރިކަމާއެކު މުޢާމަލާތް ކުރުމާއި އޯގާތެރިކަން އިސްކޮށް، އެމީހުންނަށް ބޭނުންވާ ނަފްސާނީ އެހީތެރިކަން ފޯރުކޮށްދެވެންޖެހޭނެ ކަމުގައި ވިދާޅުވިއެވެ.
ޖޯގްރަފީ ގޮތުން ރާއްޖެ އުފެދިފައިވާ ގޮތުގެ ސަބަބުން، ދިމާވާ ގޮންޖެހުންތަކަށް އަލިއަޅުއްވާލައްވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވީ، ރަށްތައް އެކަހެރިކޮށް އޮތުމަކީ ޚިދުމަތް ލިބުމަށް އޮތް ހުރަހަކަށް، ނުވަތަ ދެވޭ ފަރުވާގެ ފެންވަރާއި، ފަރުވާ ލިބިދިނުމުގެ އަވަސްމިން ކަނޑައެޅޭ ސަބަބަކަށް ވެގެން ނުވާނެ ކަމުގައެވެ. އަދި އުރަމަތީގެ ކެންސަރުގެ ޚިދުމަތް މުޅި ރާއްޖޭގައި ހަރުދަނާކޮށް، ފަރުވާއަށް ފޮނުވުމުގެ ނިޒާމު (ރިފަރަލް ޕާތުވޭސް) ރަނގަޅުކޮށް، ޚާއްޞަ ފަރުވާ، ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ކުރަމުންދާ މަސައްކަތްތައް މެދުނުކެނޑި ކުރިއަށް ގެންދިއުމަށް އެކަމަނާ ގޮވާލެއްވިއެވެ.
މި ބައްޔަށް ފަރުވާ ހޯދާފައިވާ އަދި މިހާރުވެސް ފަރުވާ ހޯދަމުންދާ އަންހެނުންނާއި، އުރަމަތީގެ ކެންސަރުގެ ސަބަބުން، ދުނިޔެއާ ވަކިވެ ގޮސްފައިވާ ލޮބުވެތި ފަރުދުން ހިމެނޭ ޢާއިލާތަކުގެ އިޙްސާސްތައް، ދެނެވަޑައިގަންނަވާ ކަންވެސް އެކަމަނާ ހާމަކުރެއްވިއެވެ. އަދި، އުރަމަތީގެ ކެންސަރަށް ފަރުވާ ހޯދަމުންދާ އަންހެނުންނަށް އިސްކަންދިނުމަށާއި، އެފަރާތްތަކަށް އަބުރުވެރި ދިރިއުޅުމެއް ޔަޤީންކޮށްދިނުމަކީ މުހިންމުކަމެއް ކަމުގައިވެސް، އެކަމަނާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ ވާހަކަފުޅު ނިންމަވާލައްވަމުން، ކެންސަރު ބަލީގެ ނުރައްކަލުގެ ބިރުހީވެ، ޑޮކްޓަރީ ލަފާ ހޯދުމާއި ބައްޔަށް ސްކްރީން ކުރުން ލަސްނުކުރުމަށް ކަނބަލުންނަށް އެކަމަނާ އިލްތިމާސްކުރެއްވިއެވެ. އަދި ބަލި އަވަހަށް ދެނެގަނެވުމަކީ، ފަރުވާގެ ފުރުޞަތުތައް ފުޅާވެ، ބަލިން ފަސޭހަވުމުގެ އުންމީދު ބޮޑުކޮށްދޭނެ ކަމެއްކަންވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.
ރިއެކްޝަންސް





