
ދިވެހި ސިފައިންނަށް ހޯދައިދޭ ކުރިއެރުންތަކަށް ފަޚުރުވެރިވާން ޖެހޭނެ- ރައީސުލްޖުމްހޫރިއްޔާ
މިއަދާއި މާދަމާވެސް އެންމެ އިސް ވާޖިބަކީ ދިވެހި ޤައުމުގެ މިނިވަންކަން ދެމެހެއްޓުން
ދިވެހި ސިފައިންނަށް ހޯދައިދޭ ކޮންމެ ކުރިއެރުމަކާ މެދު ފަޚުރުވެރިވާން ޖެހޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، 133 ވަނަ ސިފައިންގެ ދުވަސް ފާހަގަކުރުމަށް، ރޭ ކަޅުތުއްކަލާ ކޮށީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ޤައުމީ ލޯބި ހުންނަ ކޮންމެ މީހަކު ސިފައިންނަށް ހޯދައިދޭ ކުރިއެރުންތަކަށް ފަޚުރުވެރިވާން ވާނޭކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ ސިފައިންގެ އަސްކަރީ ޤާބިލްކަން އިތުރުކުރުމަށް ބޮޑު ހޭދައެއް ކުރައްވާ, ވަސީލަތްތައް ހޯދައިދެމުންދާ ދިއުމަށް އިދިކޮޅު ފަރާތްތަކުގެ ފާޑުކިއުން އަމާޒުވަމުން ދަނިކޮށެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދިވެހި ސިފައިންގެ ފެންވަރު މަތިކުރުމާއި، ސިފައިންނަށް ހޯދައިދޭންޖެހޭ ވަޞީލަތްތައް ހޯދައިދިނުމާއި، ސިފައިންނަށް ދޭންޖެހޭ ތަމްރީނު ދިނުމާއި، ސިފައިންގެ ބާރު އިތުރުކުރުމަކީ އަޅުގަނޑުމެން ފަޚުރުވެރި ވާންޖެހޭނެ ކަންކަންކަމަށެވެ. ޤައުމީ ދިފާޢީ ބާރު ވަރުގަދަކުރުމަށްޓަކައި ކުރެވޭ ކޮންމެ ޤައުމީ މަސައްކަތަކީ މި މިނިވަން މުސްތަޤިއްލު ޤައުމުގެ ހިމާޔަތާއި ރައްކާތެރިކަމާއި މިނިވަންކަމަށްޓަކައި، އަދި އެ މިނިވަންކަން އަންނާން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށްޓަކައި ފަޚުރުވެރިކަމާއެކީ ކުރަންޖެހޭ މަސައްކަތްތަކެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެކަމާ މަލާމާތްކުރާ މީހުންނަކީ، ޤައުމިއްޔަތުކަމެއް ނެތް، ޤައުމީ ލޯތްބެއް ނެތް، މަވެތިކަމުގެ އިންތިހާއަށް ގޮސްފައިވާ އަދި ސިޔާސީ ގޮތުންގޮސް ޤައުމު ކޮންމެ ފަދަ ގޮތަކަށް ވެގެންދިޔަޔަސް ވަރިހަމަވާ ވިސްނުމުގެ މީހުން ކަމަށެވެ. އެ ވިސްނުމުން ޤައުމު ސަލާމަތްކުރުމަކީ ޤައުމު ދެކެ ލޯބިވާ ކޮންމެ ދިވެހި ރައްޔިތެއްގެ ވާޖިބެއްކަމަށާއި، މި ޤައުމަށް އުފަން، ކޮންމެ މައް ދިވެއްސެއްގެ ހިތުގައި ޤައުމީ ލޯބި ހުންނަންޖެހޭނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
" މިޤައުމަށް އުފަންވި މައް ދިވެއްސެއް ވެއްޖިއްޔާ ޤައުމީ ލޯބި ހުންނަން ޖެހޭނެ. އެޤައުމީ ލޯބި ހުންނަ ކޮންމެ މީހަކު ފަޚުރުވެރިވާން ޖެހޭނެ ފަޚުރުވެރި ދިވެހި ސިފައިންނަށް ސަރުކާރުން ހޯދައިދޭ ކޮންމެ ކުރިއެރުމަކަށް" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
17 ނޮވެންބަރު 2023 ގައި ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރުވެސް، އަދި މިއަދާއި މާދަމާވެސް އެމަނިކުފާނުގެ އެންމެ އިސް ވާޖިބެއްކަމުގައި ދެކެވަޑައިގަންނަވާނީ ދިވެހި ޤައުމުގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިޤުލާލު ހިމާޔަތްކޮށް، ރައްކާތެރިކޮށް، ކަށަވަރުކަމާއެކީގައި ކުރިއަށްއޮތް ޖީލުތަކަށް ފޯރުކޮށްދެއްވުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެ ވާޖިބު އަދާކުރެއްވުމުގައި އެންމެ މުހިންމު ބައިވެރިންނަކީ ދިވެހި ސިފައިންކަން ފާހަގަކުރައްވާ ވިދާޅުވީ ދިވެހި ޤައުމު ހިމާޔަތްކުރާނީ ހުރިހައި މާނައެއްގައިވެސް މިނިވަންކަން ކަށަވަރުކުރަމުންކަމަށެވެ. އޭގެ ތެރޭގައި އިޤްތިޞާދީ މިނިވަންކަމާއި އަސްކަރީ މިނިވަންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދިވެހި ރާއްޖެއަކީ ކުޑަ އާބާދީއެއް ވީނަމަވެސް، ސަރަޙައްދުގެ ގޮތުން ބިޔަ ޤައުމެއް ކަމަށެވެ. ރާއްޖޭގެ 99 އިންސައްތަ ކަމުގައިވާ ކަނޑުގެ ސަރަޙައްދަކީވެސް ދިވެހި ޤައުމުގެ ބައެއް ކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގައި ހިކިފައި އޮތް ސަރަހައްދަކީ ޤައުމުގެ އެކެއް އިންސައްތަ ކަމުގައި ވުމަކީ، މިނިވަންކަމަށް ފަރުވާކުޑަކޮށް ޤައުމު ހިމާޔަތް ނުކުރާންވީ ސަބަބެއް ނޫންކަމަށް ވިދާޅުވިއެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހި ޤައުމީ ދިފާޢީ ބާރުން އަލަށް ތަޢާރަފުކުރެއްވި ޝަރަފުގެ ނިޝާން "ހަށިހެޔޮކަމުގެ ކުލަ" ރަސްމީކޮށް އިފްތިތާޙުކޮށްދެއްވާފައެވެ. މީގެ އިތުރުން އެމަނިކުފާނު ވަނީ، ރައީސުލްޖުމްހޫރިއްޔާގެ މެޑެލް ހާސިލުކުރި ފަރާތްތަކަށާއި، ފާއިތުވި އަހަރުގެ އެންމެ ހަށިހެޔޮ އަންހެން އަދި ފިރިހެން ސިފައިންނަށް މެޑެލި ހަވާލުކޮށްދެއްވައި، ޕާކިސްތާނު އާމީ ޓީމްސް ސްޕްރިޓް (ޕެޓްސް)ގައި ކާމިޔާބު ހޯދި އަދި އެންމެ ހަށިހެޔޮ ޔުނިޓުގެ ގޮތުގައި ހޮވުނު ޔުނިޓަށް ފިލާ ހަވާލުކޮށްދެއްވާފައެވެ. އަދި އެމަނިކުފާނު ވަނީ، އަސާސީ ތަމްރީން ކޯހުގެ ދަސްވެނިން ހުވާކުރުމުން، އެ ސިފައިންނާ ރަމްޒީގޮތުން ބަޑިހަވާލުކުރައްވާފައެވެ.
ރިއެކްޝަންސް






