ރަސްމާލޭގެ މަޝްރޫޢަށް ދިވެހި ކުންފުނިތަކަށް އިންވެސްޓްކުރުމުގެ ފުރުސަތު އޮންނާނެ: އަލްއައްބާރު

ރަސްމާލޭގެ މަޝްރޫޢަށް ދިވެހި ކުންފުނިތަކަށް އިންވެސްޓްކުރުމުގެ ފުރުސަތު އޮންނާނެ: އަލްއައްބާރު

1 hour ago - 21:25

"މޯލްޑިވްސް ވޯޓާފްރޮންޓް އެންޑް މެރީނާ" ގެ ނަމުގައި ރަސްމާލޭގައި ހިންގަން ތައްޔާރުވަމުން އަންނަ ބިޔަ މަޝްރޫއުގެ ހުރިހާ މަސައްކަތެއް ހަވާލުކުރާނީ ދިވެހި ކުންފުނިތަކަށް ކަމަށާއި، މި މަޝްރޫއުގައި ދިވެހި ވިޔަފާރިވެރިންނަށް އިންވެސްޓް ކުރުމުގެ ފުރުސަތު ވެސް އޮންނާނެ ކަމަށް އީގަލް ހިލްސް ކުންފުނިން ކަމަށް އެ ކުންފުނީގެ ޗެއާމަން މުހައްމަދު އަލައްބާރު ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި މިހާތަނަށް ހިންގާ އެންމެ ބޮޑު އެއް އުމްރާނީ މަޝްރޫއުގެ އެންމެ އިސް ފަރާތް، މުހައްމަދު އަލްއައްބާރު ރޭގެ ވަގުތެއްގައި ރާއްޖެ ވަޑައިގެން، މިއަދު ވަނީ ޑުސިޓްތާނީ މޯލްޑިވްސް ރިސޯޓުގައި ރާއްޖޭގެ ވިޔަފާރިވެރިންނާއި މީޑިއާތަކާ ބައްދަލުކުރައްވައިފަ އެވެ.

މި ބައްދަލުވުމުގެ ތެރެއިން ވިޔަފާރިވެރިންނާ އެކު ބޭއްވެވި މެންދުރުގެ ފަރިއްކޮޅުގައި ވާހަކަދައްކަވަމުން އަލްއައްބާރު ވިދާޅުވީ، ދިވެހި މުޖުތަމައަށް ފައިދާ ނުކުރާ އެއްވެސް މަޝްރޫއެއް ހިންގުމުގެ ޝައުގުވެރިކަން އެ ކުންފުނީގެ ނެތް ކަމަށެވެ. އަދި ރާއްޖޭގައި ހިންގާ މަޝްރޫއަކުން ދިވެހިންނަށް ފައިދާއެއް ނުލިބޭ ނަމަ، އެއީ ނާކާމިޔާބު މަޝްރޫއެއްގެ ގޮތުގައި އޭނާ ސިފަކުރެއްވި އެވެ.


އަލްއައްބާރު ފާހަގަކުރެއްވި ގޮތުގައި، ދުނިޔޭގެ އެކި ގައުމުތަކުގައި އީގަލް ހިލްސް އިން ހިންގާފައިވާ މަޝްރޫއުތަކުގައި އަބަދުވެސް އިސްކަންދެނީ އެ ގައުމެއްގެ ރައްޔިތުންނާއި ކުންފުނިތަކުގެ ބައިވެރިވުން އެންމެ ފުޅާ ދާއިރާއެއްގައި ހިމެނުމަށެވެ. އެގޮތުން އެ ކުންފުނީގެ ހުރިހާ ކޮންޓްރެކްޓަރުންނާއި، ސަޕްލަޔަރުން އަދި އާކިޓެކްޓުންނަކީ ވެސް މަޝްރޫއު ކުރިއަށްދާ ގައުމެއްގެ ބައެއް ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތަށް އަމަލުކުރަނީ ގައުމެއްގެ މާހައުލާއި، ސަގާފަތާއި އަދި ތިމާވެށީގެ ހާލަތު އެންމެ ރަނގަޅަށް ދެނެގަނެވޭނީ އެ ގައުމެއްގެ އަހުލުވެރިންނަށް ކަމަށް ވާތީ ކަމަށްވެސް އޭނާ ބަޔާންކުރެއްވި އެވެ.


މީގެއިތުރުން، އީގަލް ހިލްސް އިން ޕްރޮޕަޓީތައް ތަރައްގީކޮށް ހިންގާ ހުރިހާ ގައުމެއްގައިވެސް މުވައްޒަފުންގެ 100 ޕަސެންޓަކީ އެ ގައުމެއްގެ ރައްޔިތުންކަން ފާހަގަކުރައްވަމުން އަލްއައްބާރު ވިދާޅުވީ، ރަސްމާލޭގެ މަޝްރޫއުގައިވެސް ދިވެހިންގެ ދައުރު އޮންނާނީ ހަމައެކަނި ވަޒީފާއާއި ކޮންޓްރެކްޓްތަކުގެ އިތުރުން ސަޕްލައި ކުރުމުގައި އެކަނި ނޫން ކަމަށެވެ. މި މަޝްރޫއުގައި ދިވެހި ވިޔަފާރިވެރިންނަށް ސީދާ އިންވެސްޓްކުރުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.


އަލްއައްބާރު އިތުރަށް ވިދާޅުވީ، ދިވެހި ވިޔަފާރިވެރިންނަށް މި އިންވެސްޓްމަންޓުގެ ފުރުސަތު ދެނީ އީގަލް ހިލްސްއަށް ރައުސްމާލު (ކެޕިޓަލް) ބޭނުންވެގެން ނޫން ކަމަށާއި، އޭގެ ބަދަލުގައި އެކަމުގެ މައިގަނޑު މަގުސަދަކީ މަޝްރޫއުން ލިބޭ މާލީ ފައިދާގައި ދިވެހި ވިޔަފާރިތަކުގެ ބައިވެރިވުން ކަށަވަރުކުރުން ކަމަށެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow