ޓެމޫ ފަދަ ޕްލެޓްފޯމްތަކުން ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވެއްޖެ
ޓެމޫ ފަދަ އޮންލައިން ޕްލެޓްފޯމްތައް މެދުވެރިކޮށް ވިޔަފާރިކުރުމުގައި އާންމުންނަށް ކުރިމަތިވަމުންދާ ދަތިތައް ހައްލުކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، ރައްޔިތުންގެ ކަންބޮޑުވުންތައް ސީދާ އެމަނިކުފާނާ ހިއްސާކުރުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ކުރިއަށްގެންދަވާ "ރައްޔިތުންގެ އަޑު" ސިލްސިލާގެ މި ހަފުތާގެ ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުންނެވެ.
މި ސިލްސިލާގެ 9 ވަނަ ޕްރޮގްރާމުގައި، "ޓެމޫ" މެދުވެރިކޮށް އޮންލައިންކޮށް ވިޔަފާރިކުރުމުގައި ދިމާވާ ދަތިތަކާ ގުޅޭގޮތުން އާންމު ރައްޔިތަކު ވަނީ ރައީސުލްޖުމްހޫރިއްޔާއަށް ކަންބޮޑުވުން ހުށަހަޅާފައެވެ. އެކަމާ ގުޅިގެން ރައީސް ވިދާޅުވީ، ޓެމޫ ފަދަ އޮންލައިން ޕްލެޓްފޯމްތަކުން ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކުރުމަށްޓަކައި ސަރުކާރުން މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި، އިރާދަކުރެއްވިއްޔާ އެ މައްސަލައަށް އަވަސް ހައްލެއް ހޯއްދަވައިދެއްވާނެ ކަމަށެވެ.
މީގެއިތުރުން، މި ބައްދަލުވުމުގައި ބައިވެރިވި ލޯފަން ފަރާތަކުން ވަނީ އެފަދަ ފަރާތްތަކަށް ދިމާވާ ދަތިތަކާއި ގޮންޖެހުންތައް ވެސް ރައީސުލްޖުމްހޫރިއްޔާގެ ސަމާލުކަމަށް ގެނެސްފައެވެ. އެގޮތުން، މިސްކިތްތަކުގައި ނަމާދުކުރާއިރު ގިބުލައާއި ސަފުތައް ފަސޭހައިން ދެނެގަނެވޭނެ އިންތިޒާމު ނެތުމުގެ ކަންބޮޑުވުމުގެ އިތުރުން، އާރްޓީއެލް ބަހުގެ ޚިދުމަތް ހޯދާއިރު ބަސް ހުއްޓާ ސަރަޙައްދުތައް ދެނެގަތުމުގައި ހުރި ދަތިތައް އެފަރާތުން ވަނީ ހިއްސާކޮށްފައެވެ.
ރިއެކްޝަންސް





