2028 ގެ ރިޔާސީ ޕްރައިމަރީގައި ވާދަނުކުރައްވަން ރައީސް ޞާލިޙް ނިންމަވައިފި؛ ތާއީދު ފައިޞަލް ނަސީމަށް
2028 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި އިދިކޮޅު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ޓިކެޓުގައި ވާދަކުރާނެ ކެންޑިޑޭޓަކު ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީގައި ވާދަނުކުރެއްވުމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ނިންމަވައިފިއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމުގެ ޝައުޤުވެރިކަން ރައީސް ޞާލިޙް މީގެކުރިން ފާޅުކުރައްވައި، އަރިސް ބައެއް ބޭފުޅުންނާ އެކަން ޙިއްޞާކުރައްވާފައިވީ ނަމަވެސް، އިތުބާރުހުރި މަސްދަރުތަކުން މަޢުލޫމާތު ލިބޭގޮތުގައި އެމަނިކުފާނު މިހާރު ވަނީ ޕްރައިމަރީގައި ވާދަނުކުރެއްވުމަށް ނިންމަވާފައެވެ. އަދި އެމަނިކުފާނުގެ ވެރިކަމުގައި ނައިބު ރައީސްކަން ކުރެއްވި ފައިޞަލް ނަސީމަށް ތާއީދުކުރެއްވުމަށް ރައީސް ޞާލިޙް ނިންމަވާފައިވާ ކަމަށްވެސް މަޢުލޫމާތު ލިބެއެވެ. މީގެއިތުރުން، ފައިޞަލްގެ ރަނިންމޭޓެއްގެ ގޮތުގައި ހަމަޖެއްސެވުމަށް ނިންމަވާފައިވަނީ މާލެ ސިޓީގެ މޭޔަރު އާދަމް ޢާޒިމް ކަމަށްވެސް އެނގިފައިވެއެވެ.
ޕްރައިމަރީއާ ގުޅޭގޮތުން ކުރީގެ ނައިބު ރައީސް ފައިޞަލް ނަސީމް މިފަހުން ވަނީ ރައީސް ޞާލިޙާ ބައްދަލުކުރައްވައި މަޝްވަރާ ކުރައްވާފައެވެ. ނަމަވެސް، އެ މަޝްވަރާތަކުގެ ތަފްޞީލެއް ފައިޞަލް ހާމަކުރައްވާފައެއް ނުވެއެވެ. އަދި ރައީސް ޞާލިޙް ޕްރައިމަރީގައި ވާދަނުކުރައްވާކަން އަދި ފައިޞަލަށް ތާއީދުކުރެއްވިކަން ދެ ބޭފުޅުންގެ ފަރާތްޕުޅުންވެސް އަދި ރަސްމީކޮށް އިޢުލާނެއް ނުކުރައްވައެވެ.
ރައީސް ޞާލިޙް، ފައިޞަލް ނަސީމަށް ތާއީދުކުރައްވަން ނިންމެވި ކަމުގެ އަޑުތައް ސޯޝަލް މީޑިއާގައި ފެތުރުމާ ގުޅިގެން ބައެއް ފަރާތްތަކުން ވަނީ ފާޑުކިޔުން އަމާޒުކޮށްފައެވެ. އެގޮތުން ފައިޞަލަކީ ކުރިން ޖުމްހޫރީ ޕާޓީގައި ހުންނެވުމަށްފަހު ފަހުން އެމްޑީޕީއާ ގުޅިވަޑައިގެންނެވި ބޭފުޅެއް ކަމަށް ބުނެ އަޑުއުފުލަމުންދާތީ، އެ ވާހަކަތަކަށް ރައްދު ދެއްވައި ރައީސް ޞާލިޙްގެ ކޮއްކޯފުޅު އަދި ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދާއިރާގެ ކުރީގެ މެންބަރު ޢަލީ ނިޔާޒް ވަނީ 2005 ވަނަ އަހަރު ބޭއްވި އެމްޑީޕީގެ ފުރަތަމަ ކޮންގްރެސްގައި ފައިޞަލް ބައިވެރިވެވަޑައިގެންނެވި މަންޒަރު ފެންނަ ފޮޓޯއެއް ސޯޝަލް މީޑިއާގައި ޙިއްޞާކުރައްވާފައެވެ.
ރިއެކްޝަންސް

