ޙައްޤުތައް ނުދީ ޑިޕޯޓްކުރި ބިދޭސީއަކު ކޯޓަށް ދިޔުމުން އިމިގްރޭޝަނުން ފިޔަވަޅުތައް އުވާލައިފި

ޙައްޤުތައް ނުދީ ޑިޕޯޓްކުރި ބިދޭސީއަކު ކޯޓަށް ދިޔުމުން އިމިގްރޭޝަނުން ފިޔަވަޅުތައް އުވާލައިފި

2 hours ago - 08:21
Advertisement
Advertisement

ޤާނޫނުން ކަށަވަރުކޮށްދޭ ޙައްޤުތައް އެންމެ އެކަށީގެންވާ ގޮތެއްގައި ނުދީ ޑިޕޯޓްކުރި ބިދޭސީއަކު ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުމުން، އޭނާއާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް މޯލްޑިވްސް އިމިގްރޭޝަނުން އުވާލައިފިއެވެ.


މި މައްސަލައިގައި އިމިގްރޭޝަނާ ދެކޮޅަށް ޖުޑީޝަލް ރިވިއުއެއް ހޯދުމަށް ސިވިލް ކޯޓަށް މައްސަލަ ހުށަހެޅީ ކަނަކްޕޮން ތަވޮންގްނާ ނަމަކަށް ކިޔާ ބިދޭސީއެކެވެ.


ކަނަކްޕޮން ތަވޮންގްނާގެ ފަރާތުން ކޯޓަށް ހުށަހެޅި މައްސަލައިގައި ބަޔާންކޮށްފައިވާ ގޮތުގައި، އިމިގްރޭޝަނުން ކުރިއަށް ގެންދިޔަ ރެއިޑް އޮޕަރޭޝަނެއްގައި މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އޭނާ ވަނީ ހައްޔަރުކޮށް، ހުޅުމާލޭގެ ޑިޓެންޝަން ސެންޓަރުގައި ބަންދުކޮށްފައެވެ. އޭނާ ހައްޔަރުކުރީ މަސައްކަތްކުރަމުންދިޔަ ސެލޫން މަރާމާތަށް ބަންދުކޮށްފައިވަނިކޮށް، ރައްޓެހިންނާއެކު ކެއްކުމުގެ މަސައްކަތުގައި އުޅެނިކޮށް ކޯޓު އަމުރެއް ނެތި އެ ތަނަށް ވަދެގެން ކަމަށްވެސް ދަޢުވާގައި ފާހަގަކޮށްފައިވެއެވެ.


މީގެ އިތުރުން، އޭނާ އެއްވެސް ކުށެއް ނުކުރަނީސް އަދި ރާއްޖޭގައި ހުރުމުގެ ހުއްދަ ބާޠިލުވެފައި ނުވަނީސް، އިމިގްރޭޝަންގެ ޤާނޫނުގެ ދަށުން ފިޔަވަޅު އަޅާފައިވަނީ ޤާނޫނާ ޚިލާފަށް ކަމަށް އޭނާގެ ފަރާތުން ބުނެފައިވެއެވެ. އަދި އޭނާއަކީ އިނގިރޭސި ބަހުން ލިޔަންކިޔަން އެނގޭ މީހަކަށް ނުވާއިރު، ޑިޓެންޝަން ސެންޓަރަށް ގެންދިއުމަށްފަހު ސްޕޮންސަރުގެ ޣައިރު ޙާޟިރުގައި، ތަރުޖަމާނަކުވެސް ނުބަހައްޓައި ބަޔާނެއްގައި ސޮއިކުރުވާފައިވަނީ ޤާނޫނީ ގޮތުން ލިބިދޭންޖެހޭ ޙައްޤުތަކުން މަޙްރޫމްކޮށްގެން ކަމަށްވެސް ކޯޓުގައި ބުނެފައިވެއެވެ.


މި މައްސަލައިގައި އިމިގްރޭޝަނުން ދަޢުވާއަށް ޖަވާބުދާރީވެ ނިމިފައިވަނިކޮށް، ދަޢުވާކުރާ ކަނަކްޕޮން ތަވޮންގްނާގެ ފަރާތުން ވަނީ މައްސަލަ އަނބުރާ ގެންދިއުމަށް އެދި ހުށަހަޅާފައެވެ. ދަޢުވާ އަނބުރާ ގެންދަން ނިންމީ އިމިގްރޭޝަނުން އޭނާއާ ދެކޮޅަށް އަޅާފައިވާ އެންމެހައި ފިޔަވަޅުތައް އުވާލައި، އޭނާގެ ގެއްލުނު މިނިވަންކަން އަލުން އިޢާދަކޮށްދީފައިވާތީ ކަމަށް އޭނާގެ ފަރާތުން ބަޔާންކުރިއެވެ.


މިކަމާ ގުޅިގެން ސިވިލް ކޯޓުން އިއްޔެ ވަނީ ދަޢުވާކުރާ ފަރާތުން މައްސަލަ އަނބުރާ ގެންގޮސްފައިވާ ކަމަށް ކަނޑައަޅައި، މި މައްސަލައިގެ ޝަރީޢަތް ނިންމާލާފައެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement