ތ. ހިރިލަންދޫގައި 200 ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ޤާއިމުކުރުމުގެ މަޝްރޫޢު އެސްޖޭ ކޮންސްޓްރަކްޝަނާ ޙަވާލުކޮށްފި

ތ. ހިރިލަންދޫގައި 200 ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ޤާއިމުކުރުމުގެ މަޝްރޫޢު އެސްޖޭ ކޮންސްޓްރަކްޝަނާ ޙަވާލުކޮށްފި

1 hour ago - 08:03
Advertisement
Advertisement

ތ. ހިރިލަންދޫގައި 200 ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ޤާއިމުކުރުމުގެ މަޝްރޫޢު މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން އެސްޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ ޙަވާލުކޮށް، އެއްބަސްވުމުގައި ރަސްމީކޮށް ސޮއިކޮށްފިއެވެ.


ހިރިލަންދޫގައި މަސް ފިނިކޮށް ރައްކާކުރެވޭނެ ނިޒާމެއް ޤާއިމުކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ. ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތް ތަރައްޤީކޮށް، މަސްވެރިން ބާނާ މަހަށް އެކަށީގެންވާ ހަމަ އަގު ހޯދައިދިނުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ތެރެއިން މި މަޝްރޫޢު ކުރިއަށްގެންދަނީ "ޕްރައިވެޓް ސެކްޓަރ އިނީޝިއޭޓިވް މޮޑެލް" ގެ ދަށުންނެވެ. އެގޮތުން މި މަސައްކަތަށް ޝައުޤުވެރިކަން ފާޅުކޮށްފައިވާ ފަރާތާއެކު ކޮމާޝަލް މަޝްވަރާތައް ކުރިއަށް ގެންދިއުމުގެ ހުއްދައަށް އެދި މިހާރު ހުށަހަޅާފައިވާ ކަމަށްވެސް އެ ވުޒާރާއިން ވިދާޅުވިއެވެ.


މި މަޝްރޫޢުގެ ދަށުން ހިރިލަންދޫގައި 200 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖަކާއި، 10 މެޓްރިކް ޓަނުގެ ބްލާސްޓް ފްރީޒަރެއް އަދި 0 ޑިގްރީ ސެލްސިއަސްގެ އެންޓޭ ރޫމެއްގެ އިތުރުން މަސް ޕްރޮސެސްކުރާނެ ޚާއްޞަ ސަރަޙައްދެއް ޤާއިމުކުރެވޭނެއެވެ. މީގެ އިތުރުން ކޮމްޕްރެސަރ ރޫމަކާއި، ކަރަންޓު ވިއުގައާއި ބެކަޕް ޖަނަރޭޓަރާއި، އަލިފާނުން ރައްކާތެރިވުމުގެ ނިޒާމާއި، އީއެލް.ވީ ނިޒާމުތައް އެޅުމާއެކު، ޢިމާރާތުގެ ބޭރުގެ އެންމެހައި މަސައްކަތްތައްކޮށް ސައިޓް އެއްކޮށް ތަރައްޤީކޮށް ނިންމުމަށް ވަނީ ހަމަޖެހިފައެވެ.


އާބާދީގައި 1,146 މީހުން ދިރިއުޅޭ ހިރިލަންދޫއަކީ މަސްވެރިކަމަށް ވަރަށް ބޮޑަށް ބަރޯސާވެފައިވާ ރަށެކެވެ. ތަފާސްހިސާބުތަކުން ދައްކާގޮތުގައި އެވްރެޖްކޮށް ދުވާލަކު 30 ޓަނުގެ މަސް އެ ރަށަށް ބާލާއިރު، މަސްވެރިކަން ރަނގަޅު މޫސުމުގައި މި ޢަދަދު 50 ޓަނަށްވުރެ މައްޗަށް އަރައެވެ. އަދި މިހާރުވެސް އެ ރަށުގެ 10 އަށްވުރެ ގިނަ ފަރާތަކުން އަންނަނީ މަސް ކެއްކުމާއި، ހިއްކުމާއި، އަދި މަހުގެ އެކި އުފެއްދުންތައް ތައްޔާރުކުރުމުގެ މަސައްކަތް ޢަމަލީގޮތުން ކުރަމުންނެވެ. މަސްވެރިކަމާ ބެހޭ ވުޒާރާއިން ފާހަގަކުރެއްވި ގޮތުގައި، ދުވާލެއްގެ މައްޗަށް 30 ޓަނުގެ މަސް ގަނެގެން އެކި އުފެއްދުންތައް ތައްޔާރުކުރާ މި ރަށުގައި، ބާނާ މަސް ގިނަ ދުވަހަށް ތާޒާކަންމަތީ ރައްކާކުރެވޭނެ އިންތިޒާމެއް ހަމަޖެހުމަކީ މިހާރު ނުހަނު ބޭނުންތެރިވެފައިވާ ކަމެކެވެ.


މި ކޯލްޑް ސްޓޯރޭޖް ޤާއިމުކުރެވިގެން ދިއުމަކީ ރަށުގެ އިޤްތިޞާދަށާއި މަސްވެރިންނަށް ލިބިގެންދާނެ ބޮޑު ކުރިއެރުމެކެވެ. އެގޮތުން މަސް ބާނާ ވަގުތުން ފެށިގެން އޭގެ ތާޒާކަން ނުގެއްލި ރައްކާކުރެވޭނެތީ، މަސް ކައްކައި ހިއްކާ ފަރާތްތަކަށް މެދުކެނޑުމެއްނެތި މަސް ލިބި، އުފެއްދުންތެރިކަން އިތުރުކުރުމަށް ފަސޭހަވެގެންދާނެއެވެ. އަދި ބާނާ މަސް ބޭކާރުވެ އުކާލަން ނުޖެހި، މަސްވެރިންނަށް ލިބޭ އާމްދަނީ އިތުރުވެ، މަސްވެރިކަމުގެ ނަފާ އެންމެ ފުރިހަމަ ގޮތުގައި ހޯދުމަށް މަގުފަހިވެގެންދާނެއެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement