ޤާނޫނީ ވެރިކަން ވައްޓާލާނެ ކަމުގެ އިންޒާރު އެމްޑީޕީން ދީފި
ޤާނޫނީ ވެރިކަން ވައްޓާލާނެ ކަމުގެ އިންޒާރު އެމްޑީޕީން ދީފިއެވެ. އެމްޑީޕީން ރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ރައްޔިތުންގެ މަޖިލިހުގެ ކެންދޫ ދާއިރާގެ މެމްބަރު މައުރޫޒް ޱޒާކިރު (މަޓޭ) ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދަކީ ދޮގުވެރިއެއް ކަމަށާއި, އެގޮތަށް ރައްޔިތުން ނިންމުމުން ވެރިކަމުން ބާލަން ޖެހޭ ކަމަށެވެ.
މައުރޫފް ރައްޔިތުން އެގޮތަށް ނިންމައިފިކަމަށް ވިދާޅުވީ ޖަލްސާއަށް ގޮސްތިބި މީހުންނާ ސުވާލުކުރުމަށްފަހު އެވެ. މައުރޫފް ވިދާޅުވީ އެހާލަތުގައި ދައުރު ހަމަވަންދެން މަޑުކުރަން ނުޖެހޭނެ ކަމަށެވެ. އޭނާ ވިދާޅުވީ ދައުރު ހަމަވުމުން ވޯޓްލައިގެން ވެރިކަން ބަދަލުކުރުމަކީ އޮންނަ އުސޫލަށް ވިޔަސް, ދޮގާއި މަކަރު ހެދުން އިންތިހާއަށް ދިއުމުން ރައްޔިތުން ނިކުމެ ވެރިކަން ބަދަލުކުރުމުގެ ފުރުޞަތުވެސް އޮންނާނެ ކަމަށެވެ.
ސަރުކާރުން ރައްޔިތުންގެ މަޖިލިހަށް މިހާރު ހުށަހަޅުއްވާފައިވާ ބޭރުފައިސާއާ ބެހޭ ބިލަށް އިޝާރާތްކުރައްވާވެސް މައުރޫފް ވަނީ ވެރިކަން ވައްޓާލާނެ ކަމުގެ އިންޒާރު ދެއްވާފައެވެ. ވިދާޅުވީ ރިސޯރޓް މުވައްޒަފުންނަށް ޑޮލަރުގެ ބަދަކލުގައި ރުފިޔާއިން ފައިސާ ލިބެން ފަށާ ދުވަހަކީ ވެރިކަން ވައްޓާލާ ދުވަސް ކަމަށެވެ. އެކަމަށް ތައްޔާރުވުމަށްވެސް އޭނާ ރިސޯރޓް މުވައްޒަފުންނަށް ގޮވާލިއެވެ. މައުރޫފަކީ ފަތުރުވެރިކަމުގެ ދާއިރާގެ ވިޔަފާރި ކުރައްވާ ބޭފުޅެކެވެ.
މައުރޫފްގެ އިތުރުން ކެނދިކުޅުދޫ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު އީސާވެސް ވަނީ ވެރިކަން ވައްޓާލާނެ ކަމުގެ އިންޒާރު ދެއްވާފައެވެ. އޭނާ ވިދާޅުވީ ބަގާވާތް ކުރުމަކީ ކުށެއްކަމަށް ޤާނޫނު އަސާސީގައި އޮތަސް އިންޤިލާނެއް ގެނައުމަކީ ކުށެއްގެ ގޮތުގައި ހިމަނާފައި ނެތީ ސަބަބެއް އޮވެގެން ކަމަށެވެ. ދުނިޔޭގެ އެހެން ބައެއް ގައުމުތަކުން މަގުމަތިން ވެރިކަން ވައްޓާލި މިސާލުތައް ނަންގަވަމުން އޭނާ ވިދާޅުވީ ރައްޔިތުން ނުރުހުނީމާ އިންގިލާބު ގެނެވޭނެ ކަމަށެވެ.
އެކަމަކު ޖަލްސާގެ ކުރިން އެމްޑީޕީގެ ޗެއަރޕަސަން ފައްޔާޒު އިސްމާއީލް ވިދާޅުވެފައިވަނީ އެމްޑީޕީއަކީ ވެރިކަން ވައްޓާބައެއް ނޫން ކަމަށެވެ. އޭނާ ވިދާޅުވީ އެމްޑީޕީއަކީ ޤާނޫނީ އިމުގެ ތެރެއިން ސަރުކާރު ޒިންމާދާރު ކުރުވާ ބައެއް ކަމަށެވެ.
އެމްޑީޕީގެ ޖަލްސާގައި ވެރިކަން ވައްޓާ މޭރުމުން ވާހަކަ ދައްކާފައި މިވަނީ އެމްޑީޕީގެ ހަގީގީ ނިޔަތަކީ އެއީ ކަމަށް ސަރުކާރަށް ތާއީދުކުރައްވާ ފަރާތްތަކުން ބުނަމުން ދަނިކޮށެވެ.
ރިއެކްޝަންސް