ރައީސް މުޢިއްޒު ދެވަނަ ދައުރަކަށް އިންތިޚާބުކުރަން މަސައްކަތް ކުރަންވީ ވަގުތު މިއީ: ޢަބްދުއްރަޙީމް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަކީ ޤައުމަށް ހެޔޮއެދިވަޑައިގަންނަވާ، ރައްޔިތުން އެދޭގޮތަށް ވެރިކަން ކުރައްވަމުން ގެންދަވާ ރައީސެއް ކަމަށާއި، މިއީ އެމަނިކުފާނު ދެވަނަ ދައުރަކަށް އިންތިޚާބުކުރުމަށް މަސައްކަތް ކުރަންވީ ވަގުތު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
ޢަބްދުއްރަޙީމް މިހެން ވިދާޅުވީ ނިމިދިޔަ ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި އއ. ހިމަންދޫއިން ޕީޕީއެމް/ޕީއެންސީ ކޮންގްރެސް ކޯލިޝަނަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށް މިރޭ ޕީއެންސީގެ މައި ހަރުގޭގައި ބޭއްވި ޚާއްޞަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް މުޢިއްޒުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ތަޢުރީފު ކުރައްވަމުން ޢަބްދުއްރަޙީމް ވިދާޅުވީ، މިއަދު ދިވެހި ރައްޔިތުން އަޒުމް ކަނޑައަޅަންވީ މި ޤައުމު އިތުރަށް ހަލަބޮލިކުރަން އެއްވެސް ފުރުޞަތެއް ނުދިނުމަށް ކަމަށެވެ. އަދި މި ސަރުކާރު ވެރިކަމާ ހަވާލުވުމާއެކު ޤައުމު ބަނގުރޫޓްވާނެ ކަމަށާއި، ދެތިން މަސްދުވަސް ތެރޭގައި ސަރުކާރު ވެއްޓޭނެ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނަމުންދިޔަ ނަމަވެސް، ވޭތުވެދިޔަ ކުރު މުއްދަތެއްގެ ތެރޭގައި ސަރުކާރުން ވަނީ އެއް ބިލިއަން ރުފިޔާގެ ދަރަނި ދައްކާފައިކަން އޭނާ ފާހަގަކުރެއްވިއެވެ.
"އަޅުގަނޑުމެން މިތިބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒާއެކު ރައްޔިތުންގެ ފަޅީގައި ގަދަކޮށް، ބޮޑުކޮށް ވަރުގަދައަށް. ރައްޔިތުންގެ ފަޅި ބައްޔެއް ނުކުރެވޭނެ،" މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.
ޢަބްދުއްރަޙީމް އިތުރަށް ވިދާޅުވީ، ކޮންގްރެސް ޕާޓީ ބައިބައިކުރުމަށް އިދިކޮޅު ފަރާތްތަކުން ކިތަންމެ މަސައްކަތެއް ކުރި ނަމަވެސް އެކަން ކާމިޔާބު ނުވާނެ ކަމަށެވެ. ރައީސް މުޢިއްޒުގެ ހިތްވަރުފުޅު ބަލިކޮށްނުލެވުމުން، މިއަދު ފެންނަނީ ޒާތީގޮތުން ދިމާކޮށް އަބުރު ކަތިލުމަށް މަސައްކަތް ކުރަމުންދާ މަންޒަރު ކަމަށާއި، ނަމަވެސް ރައީސަކީ އެފަދަ ކަންކަމަށް ރައްދު ދެއްވާނެ ބޭފުޅެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.
"އެމަނިކުފާނު ރައްދު ދެއްވާނީ އަމަލީ ގޮތުން ނަތީޖާ ނެރުއްވައިގެން. އިރާދަކުރެއްވިއްޔާ 2028 ވަނަ އަހަރު ބޭއްވޭ ރިޔާސީ އިންތިޚާބު ބޮޑުތަނުން ކާމިޔާބު ކުރައްވާނީ ރައީސް މުޢިއްޒު. އެއީ ދެވަނަ ދައުރެއް ފުރިހަމަކުރައްވާނެ ފުރަތަމަ ރައީސަށް ވާނެ،" ޢަބްދުއްރަޙީމް ޔަޤީންކަމާއެކު ވިދާޅުވިއެވެ.
މި ޖަލްސާގައި ޢަބްދުއްރަޙީމް ވަނީ ސަރުކާރުގެ ތަރައްޤީގެ މަޝްރޫޢުތައް ހުއްޓުމެއްނެތި ކުރިއަށްދާކަން ފާހަގަކުރައްވައި، ރައްޔިތުން ތިބީ ރައީސް މުޢިއްޒުގެ ސިޔާސަތުތަކަށް ފުރިހަމައަށް ތާއީދުކޮށްގެންކަން ހާމަކުރައްވާފައެވެ.
ރިއެކްޝަންސް

