ބީއެމްއެލްގެ ކާޑުތަކަށް ގެނައި ބަދަލަކީ ރައްޔިތުންގެ ޒަރޫރީ ބޭނުންތަކަށް ޑޮލަރު އިސްކަންދިނުމަށް ނިންމި ނިންމުމެއް: ސްޕޯކްސްޕަރސަން
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ރުފިޔާ ކާޑުތަކުން ރާއްޖެއިން ބޭރުގެ އީކޮމާސް އަދި އޮންލައިން ރީޓެއިލް ސައިޓްތަކުން މުއާމަލާތްކުރެވޭ އުސޫލަށް ގެނައި ބަދަލަކީ، ބޭންކުގައި ހުރި ޑޮލަރު ރައްޔިތުންގެ ޒަރޫރީ ބޭނުންތަކަށް ލިބޭނެ މަގު ފަހިކޮށްދިނުމަށް ގެނައި ބަދަލެއް ކަމަށް ޗީފް ގަވަމަންޓް ސްޕޯކްސްޕަރސަން މުޙައްމަދު ޙުސައިން ޝަރީފް ވިދާޅުވެއްޖެއެވެ.
"ޕްރެސަރ ވިތު ދަ ސްޕޯކްސް" ސިލްސިލާގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ސްޕޯކްސްޕަރސަން ވިދާޅުވީ، މުޅި ރާއްޖެއަށް ބޭނުންވާ ކާބޯތަކެއްޗާއި، ބޭހާއި، ތެލުގެ އިތުރުން ރާއްޖެއިން ބޭރުގައި ކިޔަވާ ކުދިންގެ ބޭނުންތަކަށް ޑޮލަރު ހޯދުމުގައި ދިވެހިން އެންމެ ބޮޑަށް ބަރޯސާވަނީ ބޭންކް އޮފް މޯލްޑިވްސްއަށް ކަމަށެވެ. އެހެންކަމުން، ބޭންކަށް ލިބޭ ޑޮލަރު މިފަދަ ޒަރޫރީ ބޭނުންތަކަށް ބޭނުންކުރެވޭ މިންވަރު އިތުރުކުރުމަށާއި، ކާޑުތަކުން ކުރާ ނަހަމަ މުއާމަލާތްތައް ހުއްޓުވުމަށް ފިޔަވަޅު އެޅުން ނޫން އިތުރު އެހެން ނިންމުމެއް ނިންމާފައި ނުވާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ބީއެމްއެލް އިން މިހާރު ވަނީ ރުފިޔާ އެކައުންޓް ބޭނުންކޮށްގެން ބޭރުގެ ބައެއް އީކޮމާސް ސައިޓުތަކުން ދުވާލަކަށް ޑޮލަރު ވިއްކާނެ ވަކި އަދަދެއް ކަނޑައަޅާފައެވެ. އަދި ޓީޓީ ހަދަން ބޭނުންވާ ފަރާތްތަކުން ބޭންކުގެ ރަސްމީ ގަޑީގައި އެކަން ކުރަންޖެހޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ.
މީގެ އިތުރުން، 2026 އޭޕްރީލްގައި ދެއްކި 524 މިލިޔަން ޑޮލަރުގެ ސުކޫކާއި، އިންޑިއާއަށް ދެއްކި 400 މިލިޔަން ޑޮލަރުގެ ކަރަންސީ ސްވޮޕާ، ބޭންކުން މި ގެނައި ބަދަލާ އެއްވެސް ގުޅުމެއް ނެތް ކަމަށް ޝަރީފް ކަށަވަރުކޮށްދެއްވިއެވެ.
މި ބައްދަލުވުމުގައި ސްޕޯކްސްޕަރސަން ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު 2025 ވަނަ އަހަރު ރާއްޖެއިން ބޭރަށް ކުރެއްވި ފަސް ރަސްމީ ދަތުރުފުޅެއްގެ ޚަރަދުތަކުގެ ތަފްޞީލް ވެސް ހާމަކުރައްވާފައެވެ. އޭގެ ތެރޭގައި މެލޭޝިއާ، ސިންގަޕޯރ، ޤަތަރު އަދި އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުފުޅުތައް ހިމެނެއެވެ. އަދި ރައީސް އޮފީހަށް ލިބިފައިވާ އާރު.ޓީ.އައި (މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ) ހުށަހެޅުންތަކަށް ޖަވާބުދީފައިވާ މިންވަރުގެ ތަފްޞީލް ވެސް މިއަދުގެ ބައްދަލުވުމުގައި ވަނީ ހިއްސާކުރައްވާފައެވެ.
ރިއެކްޝަންސް





