ތިލަމާލެ ބްރިޖުގެ %72 މަސައްކަތް ނިމިއްޖެ، 2027 އަށް އެއްކޮށް ނިންމާލެވޭނެ: މިނިސްޓަރު މުއްޠަލިބު
ފޮޓޯ- ޕީއެސްއެމް ނިއުސް

ތިލަމާލެ ބްރިޖުގެ %72 މަސައްކަތް ނިމިއްޖެ، 2027 އަށް އެއްކޮށް ނިންމާލެވޭނެ: މިނިސްޓަރު މުއްޠަލިބު

5 hours ago - 10:28
May 8, 2026 - 10:29
Advertisement
Advertisement

މާލެ ސަރަޙައްދުގައި ކުރިއަށްގެންދާ ޢުމްރާނީ ތަރައްޤީގެ އެންމެ ބޮޑު މަޝްރޫޢު ކަމަށްވާ "ތިލަމާލެ ބްރިޖު" ގެ 72 އިންސައްތައަށްވުރެ ގިނަ މަސައްކަތް ނިމިފައިވާ ކަމަށާއި، ބްރިޖުގެ ކޮލިޓީގެ އެއްވެސް މައްސަލައެއް ނޫޅޭނެ ކަމުގެ ޔަޤީންކަން ބިނާރާ، ގެދޮރުވެރިކަމާއި ޢުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ދެއްވައިފިއެވެ.


މި މަޝްރޫޢުގެ މަސައްކަތްތައް ކުރިއަށްދާ ގޮތާއި ފެންވަރު ބައްލަވާލެއްވުމަށްޓަކައި، މި މަހުގެ 5 ވަނަ ދުވަހު ވަޒީރު ޑރ. މުއްޠަލިބާއި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖީ. ބާލަސުބްރަމާނިއަން ވަނީ ބްރިޖު ސައިޓަށް ޒިޔާރަތް ކުރައްވާފައެވެ. އިންޑިއާގެ އެފްކޮންސް ކުންފުންޏާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި ބިޔަ މަޝްރޫޢުގެ ޖުމްލަ %72.17 މަސައްކަތް މިހާރު ވަނީ އެއްކޮށް ނިމިފައެވެ.


ބިނާރާ ވުޒާރާއިން ހާމަކުރެއްވި ގޮތުގައި، މިހާރު އެންމެ ބާރަށް ކުރިއަށްދަނީ ބްރިޖު ޑެކަށް ބޭނުންވާ ސެގްމަންޓުތައް ކާސްޓްކުރުމާއި އިންސްޓޯލް ކުރުމުގެ މަސައްކަތެވެ. ބްރިޖު ޑެކަށް ބޭނުންވާ ޖުމްލަ 1,222 ސެގްމަންޓުގެ ތެރެއިން %86 ސެގްމަންޓު ކާސްޓުކޮށް ނިމިފައިވާއިރު، އޭގެ ތެރެއިން %60 ސެގްމަންޓު މިހާރު ވަނީ އިންސްޓޯލްކޮށް ނިންމާފައެވެ. މީގެ އިތުރުން، ގުޅިފަޅުގައި ބްރިޖާ ގުޅޭ މަގުތައް ހެދުމާއި، ތިލަފުށީގައި ރިވެޓްމަންޓް ޖެހުމާއި ކަލްވާޓްތައް ހަރުކުރުމުގެ މަސައްކަތްވެސް ބާރުސްޕީޑުގައި ދަނީ ކުރިއަށެވެ.


ވަޒީރު ޑރ. މުއްޠަލިބު ދެއްވި ޚާއްޞަ އިންޓަވިއުއެއްގައި ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ އިންޑިއާ ސަރުކާރާއި ކޮންޓްރެކްޓަރާ ގުޅިގެން މަސައްކަތްކޮށް، 2027 ވަނަ އަހަރުގެ ނިޔަލަށް ބްރިޖުގެ މަސައްކަތް އެއްކޮށް ނިންމާ އާންމުންނަށް ހުޅުވާލުން ކަމަށެވެ.


"މިގޮތުން ބަލާކަމުގައި ވަންޏާ އަޅުގަނޑުމެން މި މަސައްކަތްކުރަނީ އެންމެ ލަސްވެގެން 2027 ވަނަ އަހަރުގެ ނިޔަލަށް ތިލަފުއްޓާ ހަމައަށް ގުޅާ ބުރިޖުގެ މަސައްކަތް ނިންމާލުން. މިހާރުވެސް ފެނިވަޑައިގަންނަވާނެ، ބުރިޖުގެ ބޮޑު ބުރަ މަސައްކަތުގެ ބޮޑުބައި މިހާރުމިވަނީ ނިމިފައި،" ވަޒީރު ވިދާޅުވިއެވެ.


ބްރިޖުގެ މަސައްކަތް ނިމުމުން ގްރޭޓަރ މާލެ ސަރަޙައްދުގެ ދަތުރުފަތުރުގެ ނިޒާމަށް އިންގިލާބީ ބަދަލެއް އަންނާނެ ކަމަށް ސަރުކާރުން ދެކެއެވެ. ޚާއްޞަކޮށް މާލޭގެ ޕޯޓް ތިލަފުއްޓަށް ބަދަލުކުރުމުން އިޤްތިޞާދީ ގޮތުން ބޮޑެތި ފައިދާތަކެއް ލިބި، ވިލިމާލެ އާއި ގުޅީފަޅު ހިމެނޭހެން މުޅި ސަރަޙައްދު އެއް އާބާދީއެއްގެ ގޮތުގައި ތަރައްޤީވެ، އިޖުތިމާޢީ އަދި އިޤްތިޞާދީ ގިނަ ފުރުޞަތުތަކެއް ރައްޔިތުންނަށް ހުޅުވިގެންދާނެއެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement