
ކޮރަޕްޝަން ނައްތާލަން މަސައްކަތެއް ފަށާއިރަށް ސިޔާސީ އިދިކޮޅު ފަރާތްތަކުން ދެކޮޅު ހަދަނީ ކީއްވެ!
ކޮރަޕްޝަން ނައްތާލަން މަސައްކަތެއް ފަށާއިރަށް ސިޔާސީ އިދިކޮޅު ފަރާތްތަކުން އެކަމާ ދެކޮޅު ހަދަނީ ކީއްވެތޯ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު ސުވާލު އުފައްދަވައިފިއެވެ. އެކްސްގައި އެމަނިކުފާނު މިސުވާލު އުފެއްދެވީ މޯލްޑިވްސް 2.0 ގެ ނަމުގައި ރާއްޖެ ޑިޖިޓަލައިޒް ކުރުމުގެ މަސައްކަތެއް ފެއްޓެވުމާ ގުޅިގެން އިދިކޮޅު ފަރާތްތަކުން އަމާޒުކުރަމުންދާ ފާޑުކިއުންތަކަށް ރައްދު ދެއްވުމުގެ ގޮތުންނެވެ.
'ދިވެހިރާއްޖެ 2.0 ޑިޖިޓަލް ޓްރާންސްފޮމޭޝަން ސަމިޓް' އިފްތިތާހުކުރުމާ ގުޅިގެން އިދިކޮޅު ބައެއް ފަރާތްތަކުން ވިދާޅުވަމުން ގެންދަވަނީ އެއީ އީވޯޓިންގ ތަޢާރަފްކޮށް, ވޯޓް އޮޅުވާލުމުގެ މަސައްކަތުގެ ފެށުމެއް ކަމަށެވެ. އެކަމަށް ރައްދުދެއްވާ ރައީސް މުއިއްޒު ވިދާޅުވީ ރާއްޖެ ޑިޖިޓަލް ކުރުމުގެ މަސައްކަތަކީ ދައުލަތުގެ ނިޒާމުގެ ތެރެއިން ކޮރަޕްޝަން ނައްތާލަން އެޅޭ އެންމެ ބޮޑު ފިޔަވަޅު ކަމަށެވެ. އެއީ ކޮންމެ ރައްޔިތަކަށް އެ ރައްޔިތެއްގެ މަޢުލޫމާތު (ޑޭޓާ) ގެ ފުރިހަމަ ކޮންޓްރޯލާއި ބާރުވެރިކަން ލިއްބައިދޭ ނިޒާމު ކަމަށް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ އެއީ ދެ ފުށް ފެންނަ، އަވަސް، ލުއި ފަސޭހަ، ޚިދުމަތުގެ ފެންވަރު މަތީ ނިޒާމް ކަމަށެވެ.
އެނިޒާމް ސަރުކާރުން ޕްރޮމޯޓް ކުރައްވަމުން ގެންދަވަނީ ކޮރަޕްޝަން މަދުކޮށް, ނައްތާލުމުގެ ނިޒާމެއްގެ ގޮތުގައެވެ. ރައީސުލްޖުމްހޫރިއްޔާވެސް ވިދާޅުވީ އެއީ ކޮރަޕްޝަން މަދު ޤައުމުތަކުގެ ލިސްޓުގައި ރާއްޖެ އެތައް ދަރަޖައެއް މަތިވެގެންދާނޭ ނިޒާމްކަމަށެވެ. އަދި އެއީ ޕްރެސް ފްރީޑަމް އިންޑެކްސްގައި ވެސް ރާއްޖެ އެތައް ދަރަޖައެއް މަތިވެގެންދާނޭ ނިޒާމް ކަމަށް ވިދާޅުވިއެވެ.
" މީ ރައްޔިތުން އެދޭ އަމާޒު. މި އަމާޒަށް ވާސިލް ވުމަށް ކުރާ ދަތުރުގައި، އަޅުގަނޑުމެން ކުރިޔަށް ދާނީ ރައްޔިތުންނާ ގާތުން، ރައްޔިތުންނާ އެކު. މި ދަތުރުގައި ޒިންމާދާރުކަމާއެކު ބައިވެރިވުމަށް ސިޔާސީ އިދިކޮޅު ފަރާތްތަކަށްވެސް ގޮވާލަން." ރައީސް ވިދާޅުވިއެވެ.
އިދިކޮޅު ބައެއް ފަރާތްތަކުގެ އެފާޑުކިއުމަށް ސޯޝަލް މީޑިޔާގެ މަންސަ ތަކުގައި ސަރުކާރުގެ ވަޒީރުންނާއި, ޕީއެންސީގެ މަޖިލިސް މެމްބަރުންވެސް ގެންދަވަނީ ރައްދު ދެއްވަމުންނެވެ.
ރިއެކްޝަންސް






