ތާރީޚީ ކާމިޔާބު ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް ނިއުޔޯކުން ފުރާވަޑައިގެންފި

ތާރީޚީ ކާމިޔާބު ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް ނިއުޔޯކުން ފުރާވަޑައިގެންފި

ރައީސް ނިއުޔޯކަށް ވަޑައިގަތީ އދ ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ބައިވެރިވެވަޑައިގަތުމަށް

20 days ago - 09:23
Sep 28, 2024 - 09:24
Advertisement

އދގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު، އެމެރިކާގެ ނިއުޔޯކުން ފުރާވަޑައިގެންފިއެވެ.

އދގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަން (ޔޫއެންޖީއޭ 79) ގައި ބައިވެރިވެވަޑައިގަތުމަށް ނިއުޔޯކަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ޑރ.މުޢިއްޒު ފުރާވަޑައިގަތީ މިއަދުގެ ވަގުތެއްގައެވެ.

އެމަނިކުފާނުގެ މި ދަތުރުފުޅުގައި ރައީސް ޑރ މުޢިއްޒު ވަނީ ޔޫއެންޖީއޭ 79 ގެ ޖެނެރަލް ޑިބޭޓް ނުވަތަ ޤައުމުތަކުގެ އެންމެ އިސްވެރިންގެ ބައްދަލުވުމުގައި ތަޤުރީރު ކުރައްވާފައެވެ.

މީގެ އިތުރުން އެމަނިމުފާނު ވަނީ އދގެ ސަލާމަތީ މަޖިލީހުގައިވެސް ތަޤުރީރު ކުރައްވާފައެވެ.

Advertisement

މިއީ މީގެ 59 އަހަރު ކުރިން، އދގެ މެންބަރަކަށް ދިވެހިރާއްޖެ ވީ ފަހުން، ޤައުމުގެ ރައީސް ކަމުގެ މަޤާމުގައި ހުންނެވި ބޭފުޅަކު، އދގެ ސަލާމަތީ މަޖިލީހުގެ ތަޅުމުގައި ތަޤުރީރު ކުރެއްވި ފުރަތަމަ ފަހަރެވެ.

އެމެރިކާއަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ޑރ.މުޢިއްޒު ވަނީ މުހިންމު މައުޟޫޢުތަކަށް އެތައް ތަޤުރީރެއް ދެއްވާފައެވެ.

އަދި ޔޫއެންޖީއޭ 79ވަނަ ސެޝަންގެ ހަވާސާގައި ކުރިއަށް ދިޔަ މުހިންމު އެތައް ބައްދަލުވުމެއްގެ ރިޔާސަތުގައި ކޯ-ޗެއަރއެއްގެ ހައިސިއްޔަތުން އެމަނިކުފާނު ވަނީ އިސް ދައުރެއް އަދާކުރައްވާފައެވެ.

ހަވާސާ ބައްދަލުވުންތަކުގައި ރައީސްގެ ވާހަކަފުޅުތަކާއި، ތަޤުރީރުތައް މައިގަނޑު ގޮތެއްގައި އަމާޒު ކުރެއްވީ މޫސުމީ ނޭދެވޭ ބަދަލުތައް، އިއާދަކުރަނިވި ހަކަތަ، އިޖުތިމާޢީ އަދި އިޤްތިޞާދީ ގޮންޖެހުންތަކާއި ޑިޖިޓަލައިޒް ކުރުން ފަދަ މައުޟޫޢުތަކަށެވެ.

ދުނިޔޭގެ އެންމެ ނުފޫޒުގަދަ އެތައް ލީޑަރުންނެއް އެއްތަނަކުން އެއް ވަގުތެއްގައި ބައްދަލުކުރައްވާ، މި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވުމަށް ކުރެއްވި މި ދަތުރުފުޅުގައި ރައީސް ޑރ.މުޢިއްޒު ވަނީ، ޔޫއެންޖީއޭ 79ވަނަ ސެޝަންގައި ބައިވެރިވެ ވަޑައިގެންނެވުމަށް ނިއުޔޯކަށް ވަޑައިގެންނެވި އެކި ވަފުދުތަކުގެ އެންމެ އިސްވެރިންނާ ބައްދަލު ކުރައްވާ، ދޭދޭ މަޝްވަރާތައް ކުރިއަށް ގެންދަވާފައެވެ. އެގޮތުން ރައީސް ޑރ.މުޢިއްޒު ވަނީ، އދގެ ސެކްރެޓަރީ ޖެނެރަލް، އެންޓޯނިއޯ ގުޓޭރޭޒްއާވެސް ބައްދަލު ކުރައްވާފައެވެ. އަދި ނިއުޔޯކްގައި ދިރިއުޅެމުންދާ ދިވެހިންނާވެސް އެމަނިކުފާނު ވަނީ ބައްދަލު ކުރައްވާފައެވެ.

ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެމެރިކާއިން ފުރާވަޑައިގަތުމުގެ ކުރިން ރައީސް ޑރ.މުޢިއްޒު ވަނީ "ޑީންސް ލީޑަރޝިޕް ސީރީޒް"ގެ ދަށުން، ޕްރިންސްޓަން ޔުނިވަރސިޓީގެ ޕްރިންސްޓަން ސްކޫލް އޮފް ޕަބްލިކް އެންޑް އިންޓަރނޭޝަނަލް އެފެއަރޒްގައި ތަޤުރީރު ކުރައްވާފައެވެ. އޭގެ އިތުރުން، ރައީސް ޑރ.މުޢިއްޒު ވަނީ، ނިއު ޔޯކްގައި ހުންނަ ގޫގްލްގެ މައި އޮފީހަށްވެސް ޒިޔާރަތް ކުރައްވާފައެވެ.

އދ.ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ބައިވެރިވެވަޑައިގަތުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ޑރ.މުޢިއްޒު އެމެރިކާގެ ނިއުޔޯކަށް ފުރާވަޑައިގަތީ މިހިނގާ ސެޕްޓެމްބަރ މަހުގެ 20 ވަނަ ދުވަހުގެ ރޭ، އިރާކޮޅުގެ ވަގުތެއްގައެވެ.

މިއީ ޑރ.މުޢިއްޒު އދ.ގެ އާންމު މަޖިލީހުގައި ބައިވެރިވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement