ޣައްޒާ އާއި ލުބުނާނުގައި ހަމަލާތައް ހުއްޓާނުލާ ކުރިއަށްގެންދާނެކަމަށް އދ ގައި ނަތަންޔާހޫ ބުނެފި
އިޒްރާއިލްއަށް ކާމިޔާބު ލިބެންދެން ހަނގުރާމަ ކުރިއަށް ގެންދާނެކަމަށް އިޒްރާއިލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނެފިއެވެ. އޭނާ ހަނގުރާމަ ކުރިއަށް ގެންދާނެކަން ތަކުރާރުކުރީ އދ.ގެ 79 ވަނަ ސެޝަންގައި ވާހަކަ ދައްކަމުންނެވެ.
އިޒްރާއިލްއިން ޣައްޒާއަށް ހަމަލާދޭތާ އަހަރެއްވާން ހަފުތާއެއްހާ ދުވަހަށް ވެފައިވާއިރު, މީގެ ހަފުތާއެއްކުރިން ލުބުނާނަށްވެސް ވަނީ ހަމަލާދޭން ފަށާފައެވެ. ހަމަލާތައް ހުއްޓާލުމާ ގުޅޭ ވާހަކަތައް ކޮޅެއްގައި ނުޖެހި ހުއްޓިފައިވާއިރު މެދުއިރުމަތީގެ މަޞްރަޙް ވަނީ ގޯހުން ގޯހަށް ދާންފަށާފައެވެ.
އދ ގައި ނަތަންޔާހު ހަނގުރާމަ ހުއްޓާނުލާނެކަމަށް ވަމުންދާ ވައުދު ތަކުރާރުކުރަމުން ދިޔައިރު އެހެން ޤައުމުތަކުގެ ގިނަ ވަފުދުތައް ވަނީ ދަރުބާރު ދޫކޮށް ގޮސްފައެވެ. ނަމަވެސް ނަތަންޔާހޫގެ ސަޕޯޓަރުން އެނާގެ ވާހަކައަށް ތަރުހީބުދެމުން ދިޔައެވެ.
"އަހަރެން މިއަހަރު ހުރީ މިތަނަށް އަންނާކަށްނޫން. އަހަރެންގެ ގައުމުގެ މީހުން ތިބީ ހަނގުރާމައިގަ. ބަޔަކު މިތާނގަ އަހަރެންގެ ގައުމު ބަދުނާމުކޮށް ދޮގުވާހަކަތައް ދެއްކީމަ އަހަރެން ގަސްތުކުރީ މިތަނަށް އައިސް ހަގީގަތް ހާމަކޮށްދޭން" ހުކުރު ދުވަހު އދ ގައި ވާހަކަދައްކަމުން ނަތަންޔާހޫ ބުނެފައި ވެއެވެ.
އިޒްރާއިލްއިން ޣައްޒާގައި ކުރިއަށްގެންގާ ޤަތުލްއާންމުގައި މިހާތަނަށް 41,500 މީހުން މަރާލާފައިވާ ކަމަށް ރަސްމީ ރެކޯޑްތައް ދައްކައެވެ. ފަލަޞްޠީނުގެ ހެލްތު މިނިސްޓްރީން މަޢުލޫމާތު ދޭގޮތުގައި ހަމަލާތަކުގައި މިހާތަނަށް 96,000 މީހުން ވަނީ ޒަހަމްވެފައެވެ.
މަރާލާފައިވާ މީހުންގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ. އޭގެ ތެރޭގައި ދެ އަހަރުން ދަށުގެ 1300 ކުދިންވެސް ހިމެނެއެވެ.
އދ ގައި ވެސް ނަތަންޔާހޫ ބުނެފައިވަނީ ހަމާސްއިން އަމާން ދިނުމުންނޫނީ ހަނގުރާމަ ހުއްޓާނުލާނެ ކަމުގައެވެ. އަދި ހަނގުރާމައިން ހާޞިލްކުރަންބޭނުންވާ ނަތީޖާ ހާޞިލްވަންދެން ކުރަންޖެހުނު ކޮންމެ ކަމެއް ކުރާނެ ކަމަށްވެސް ނަތަންޔާހު ވަނީ ބުނެފައެވެ.
ނިއު ޔޯކުގައި ނަތަންޔާހޫ ހުންނަ ހޮޓެލް ކައިރިއަށް އެތައްބަޔަކު އެއްވެ އޭނާ ދަތުރުކުރި މޮޓޯކޭޑަށް ހުރަސް އެޅުމުގެ ގޮތުން ބޮޑު ބެނާއެއްވެސް ދަމާފައިވެއެވެ. އޭގައި ލިޔެފައިވަނީ ނިއު ޔޯކު ސިޓީއިން ހަނގުރާމައިގެ ޖަރީމާހިންގާ މީހުންނަށް މަރުޙަބާ ނުކިޔާނެ ކަމަށާއި, ޤަތުލްއާންމު ހުއްޓާލުމަށެވެ.
ރިއެކްޝަންސް