
ކެޔޮދޫ ބިން ހިއްކުން އަންނަ އަހަރަށް
ވ.ކެޔޮދޫ ކެޔޮދޫ ބިން ހިއްކަން އަންނަ އަހަރުގެ ކުރީކޮޅު ފައްޓަވާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު ދެއްވައިފިއެވެ. ވ.އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ކެޔޮދޫ އަށް ވަޑައިގެން އެޔަގީންކަން ރައީސް ދެއްވީ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
ކެޔޮދީ ބިންހިއްކުމަކީ ރިޔާސީ އިންތިޚާބުގައި އެރަށުގެ ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންނެވި ވައުދެކެވެ. ކެޔޮދޫގެ ތަރައްޤީއާއި ކުރިއެރުމަށް ބިމުގެޖާގަ ބޭނުންވާތީ ބިން ހިއްކަން ޖެހޭކަމަށް ރައީސް ވިދާޅުވިއެވެ. އެހެންކަމުން އަންނަ އަހަރުގެ ބަޖެޓްގައި ހިމަނައިގެން، އަހަރުގެ ކުރީކޮޅު އެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށުމަށް ނިންމަވާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން ކެޔޮދޫ ޞިއްޙީ މަރުކަޒުގެ އައު އިމާރާތް ޤާއިމްކުރުމުގެ އެއްބަސްވުމާއި ކެޔޮދޫގައި ހަތަރު ބުރީގެ ސްކޫލް އިމާރާތެއް އެޅުމުގެ އެއްބަސްވުމުގައި ރައީސްގެ މިދަތުރުފުޅުގެ ތެރެއިން ވަނީ ސޮއިކުރައްވާފައެވެ. މި މަޝަރޫޢުތަކަށް އިޝާރާތްކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އަލަށް ޤާއިމުކުރައްވާ ޞިއްޙީ މަރުކަޒުގައި ވަސީލަތްތައް އިތުރުވާނެކަމަށާއި އެތަން ނިމޭއިރު ވިހި އެނދު ހުންނާނެކަމަށެވެ.
ސްކޫލްގެ މަސައްކަތް ނިމޭއިރު ޖާގައާއި ހޯލާއި އެހެނިހެން ވަސީލަތްތައް ފުރިހަމަވާނެކަމަށް ވިދާޅުވިއެވެ. ހަތަރު ބުރީގެ ސްކޫލްގެ މަސައްކަތް ނިމުމުގެ ކުރިން މިހާރު ހުރި ސްކޫލަށް ދިމާވެފައިވާ ކަރަންޓްގެ މައްސަލަ ހައްލުކޮށް، ކްލާސްރޫމް އޭސީ ކުރުމުގެ މަސައްކަތްވެސް ކުރިއަށް ގެންދަވާނެކަމަށް ރައީސް ވިދާޅުވިއެވެ.
ކެޔޮދޫ އަކީ ލޯކަލް ޓޫރިޒަމް ކުރިއަރަމުން އަންނަ ރަށެއްކަން ފާހަގަކުރައްވައި ރައީސް ވަނީ އަންނަ އަހަރުގެ މާރިޗް މަހުގެ ކުރިން ކެޔޮދޫގައި ވެސް ޑޮލަރު އޭޓީއެމެއް ބަހައްޓަވައިދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގެ ތެރެއިން ކެޔޮދޫ އެރަށު ކައުންސިލް އިދާރާގެ ބިންގާވެސް މިއަދު ވަނީ އަޅުއްވާފައެވެ.
ރިއެކްޝަންސް






