އަންނަ ހަފްތާގައި އިތުރު 5 ކަނދުފަތި އަޅަނީ
ރާއްޖޭގެ ކަނޑުފަޅުގެ ވަސީލަތްތަކުން ނަފާ ހޯދުމަށް ކުރާ މަސައްކަތްތަކުގެ ތެރެއިން، އަންނަ ހަފްތާގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އިތުރު 5 ކަނދުފަތި އެޅުމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ނިންމައިފިއެވެ. މީގެ ތެރޭގައި ޒުވާނުންގެ މެދުގައި މަޤްބޫލުވަމުން އަންނަ ސްޕޯޓްސް ފިޝިންއަށް ޚާއްސަ 2 ވަދު ކަނދުފަތިވެސް ހިމެނެއެވެ.
މަސްވެރިކަމާ ބެހޭ ވުޒާރާއިން ހާމަކުރި ގޮތުގައި، އަންނަ ހަފްތާގައި ކަނދުފަތި އެޅުމަށް ހަމަޖެހިފައިވާ ރަށްތަކަކީ:
- ހއ. ފިއްލަދޫ (މަސްކަނދުފަތި)
- ހއ. ދިއްދޫ (މަސްކަނދުފަތި)
- ށ. ފުނަދޫ (މަސްކަނދުފަތި)
- ކ. މާފުށި (ވަދުކަނދުފަތި، މުޅިން އަލަށް)
- ނ. ޅޮހީ (ވަދުކަނދުފަތި، މުޅިން އަލަށް)
ރާއްޖޭގައި އާންމުކޮށް އަޅަމުންދަނީ ދޮށީގެ މަސްވެރިކަމަށް ޚާއްސަ ކަޅުބިލަމަހުގެ ކަނދުފަތިތަކާއި، ސްޕޯޓްސް ފިޝިންއަށް ޚާއްސަ ވަދު ކަނދުފަތިތަކެވެ. މީގެ ތެރެއިން ވަދު ކަނދުފަތިތަކަށް އޮތް ތަރުހީބު ބޮޑުވެ، ރަށްރަށުގެ ޒުވާނުންނާއި ކައުންސިލްތަކުން އެ ބާވަތުގެ ކަނދުފަތި އަޅައިދިނުމަށް ގިނަ ހުށަހެޅުންތަކެއް ވުޒާރާއަށް ލިބެމުންދާކަން އެ ފަރާތުން ފާހަގަކުރެއެވެ. އެހެންކަމުން، ސަރުކާރުން މި މަސައްކަތް ކުރިއަށް ގެންދަނީ ވަކި އުސޫލެއްގެ ދަށުން، އެންމެ ފައިދާވާނެ ގޮތްތަކަށް ބަލައިގެންނެވެ.
މި އަހަރުގެ މިހާތަނަށް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި 15 ކަނދުފަތި އަޅާފައިވާއިރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ މި ސަރުކާރުން މިހާތަނަށް ވަނީ ޖުމްލަ 90 އަށްވުރެ ގިނަ ކަނދުފަތި އަޅާފައެވެ. މަސްވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވި ގޮތުގައި، މިއީ ރާއްޖޭގެ ތާރީޚުގައިވެސް މިހާ ކުރު މުއްދަތެއްގެ ތެރޭގައި އެއްވެސް ސަރުކާރަކުން ކަނދުފަތި ނާޅާ މިންވަރެކެވެ. ކަނދުފަތިތަކަށް އޮތް ބޮޑު ޑިމާންޑާއެކު، ކަނދުފަތިތައް ކަނޑައިގެން ދިއުމުން މަސްވެރިންނަށް ދިމާވާ ދަތިތަކަށް ހައްލު ހޯދުމަށް، އެ ތަކެތި މަރާމާތުކުރުމުގެ މަސައްކަތްވެސް ވުޒާރާއިން ދަނީ އިސްކަންދީގެން ކުރަމުންނެވެ.
މިވަގުތު ކަނދުފަތި ފަރުމާކޮށް ޤާއިމްކުރާ ހަމައެކަނި ސެންޓަރު ހުރީ ހުޅުމާލޭގައެވެ. މިއީ މަސައްކަތް އަވަސްކުރުމަށް ދިމާވާ ގޮންޖެހުމަކަށްވާތީ، ރާއްޖޭގެ އުތުރާއި ދެކުނުގައި އިތުރު ދެ ސެންޓަރު ޤާއިމްކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާކަމަށްވެސް އެ ވުޒާރާއިން މައުލޫމާތު ދެއެވެ. މި ބަދަލާއެކު މަސްވެރިންނަށް ބޭނުންވާ ކަނދުފަތީގެ ޚިދުމަތް މިހާރަށްވުރެ އަވަސްވެ، ފުޅާވެގެންދާނެއެވެ.
ރިއެކްޝަންސް





