ތުހުމަތުކުރެވޭ މީހާ ސްޓޭޝަނަށް ހާޒިރުވިއިރު އެތަނުގައި ފުލުހުން ނެތް ސަބަބު ހާމަކޮށްދީފި
ލ. މާވަށުގައި ވަޅިން ހަމަލާދީ ޒުވާނަކު މަރާލި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މީހާ، އެ ރަށު ޕޮލިސް ސްޓޭޝަނަށް ހާޒިރުވިއިރު އެތަނުގައި ފުލުހަކު ނެތް ސަބަބު ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ސާފުކޮށްދީފި އެވެ. 
މި ހާދިސާގައި މަރުވީ މާވަށު، ނަލަހިޔާގޭ، އުމުރުން 29 އަހަރުގެ މޫސާ އިބްރާހީމެވެ. އޭނާއަށް ހަމަލާދީ މަރާލުމުގެ ތުހުމަތު އޮތީ ހދ. ނޮޅިވަރަންފަރު، އަސަރީމަންޒިލް، އުމުރުން 29 އަހަރުގެ މުހައްމަދު އިބްރާހީމްގެ މައްޗަށެވެ. އެ ރަށުގެ ބައެއް މީހުން ބުނާ ގޮތުން، ހަމަލާދިނުމަށް ފަހު މުހައްމަދު އިބްރާހިމް ވަނީ މޫދަށް ގޮސް ވަޅި އެއްލާލާ އަތްފައި ދޮވެގެން ޕޮލިސް ސްޓޭޝަނަށް ހާޒިރުވެފަ އެވެ. 
ނަމަވެސް އެ ވަގުތު ސްޓޭޝަން ހުރީ ހުސްކޮށް ކަމަށް އެ މީހުން ބުނެ އެވެ. މިކަމާ ގުޅިގެން ފުލުހުން ގެ ޚިދުމަތުން މިއަދު ވިދާޅުވީ ތުހުމަތުކުރެވޭ މީހާ ސްޓޭޝަނަށް ހާޒިރުވީ، މައްސަލައިގެ ރިޕޯޓު ލިބުމުން ސްޓޭޝަންގެ ހުރިހާ ފުލުހުން ކުށުގެ ވެއްޓަށް ދިޔަ ވަގުތު ކަމަށެވެ.
މި މައްސަލައާ ގުޅިގެން މުހައްމަދު އިބްރާހިމް ވަނީ ހައްޔަރުކޮށްފަ އެވެ. އޭނާ މުއްދަތު ޖަހަން ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން ބަންދުކުރަން ވަނީ އަމުރުކޮށްފަ އެވެ. 
ފުލުހުން ވިދާޅުވީ މި މައްސަލައިގެ ތަޙްގީގު އެ އިދާރާއިން ކުރިއަށް ގެންދާކަމަށެވެ. 
ރިއެކްޝަންސް
                    
                
                    
                
                    
                
                    
                
                    
                
                    
                
                    
                


        




                                

                                                                                                                                            
                                                                                                                                            
                                                                                                                                            
