މަތީ ތަޢުލީމުގެ ލޯނަށް އެދުމުގެ ފުރުޞަތު ހުޅުވާލައިފި

މަތީ ތަޢުލީމުގެ ލޯނަށް އެދުމުގެ ފުރުޞަތު ހުޅުވާލައިފި

2 hours ago - 14:20
Advertisement
Advertisement

ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތަޢުލީމާއި ތަމްރީނު ހޯދުމަށް ބޭނުންވާ ދަރިވަރުންނަށް ލޯނަށް އެދި ހުށަހެޅުމުގެ ފުރުޞަތު، މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްގީކުރުމާ ބެހޭ ވުޒާރާއިން މިއަދު ހުޅުވާލައިފިއެވެ.


މި ފަހަރުގެ ލޯނު ފުރުޞަތުތަކުގެ ދަށުން، ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ފެންވަރު 5 އިން ފެށިގެން 10 އާ ހަމައަށް ހުރި ޕްރޮގްރާމްތަކުގެ އިތުރުން، ޕްރޮފެޝަނަލް ލައިސަންސް، މެޑިކަލް ސްޕެޝަލައިޒޭޝަން އަދި މެޑިކަލް ފެލޯޝިޕް ޕްރޮގްރާމްތަކަށް ވެސް ވަނީ ފުރުޞަތު ހުޅުވާލާފައެވެ. މީގެ އިތުރުން، ކިޔަވަމުންދާ ދަރިވަރުންނަށް ދިމާވާ މާލީ ދަތިތަކަށް އެހީވުމަށް "ޓޮޕްއަޕް" ލޯނާއި، މަސައްކަތުގެ ދާއިރާއަށް ވަނުމަށް ބޭނުންވާ އިންޓާންޝިޕް ފުރިހަމަކުރުމަށް ބޭނުންވާ ލޯނަށް އެދުމުގެ ފުރުޞަތު ވެސް ވަނީ ހިމަނާފައެވެ.


މި އަހަރުގެ ލޯނު ސްކީމަށް ގެނެވުނު އެންމެ ބޮޑު ބަދަލަކީ، ލޯނަށް އެދުމަށް ވަކި ސުންގަޑިއެއް ނެތި، މުޅި އަހަރު ދުވަހު ފޯމު ހުށަހެޅޭ ގޮތަށް ހަމަޖެއްސުމެވެ. އަދި ކުރީ އަހަރުތަކާ ޚިލާފަށް، ވަކިވަކި ދާއިރާތަކުން ލޯނު ދޭނެ ސްލޮޓްތަކުގެ އަދަދު ކަނޑަނާޅައި، ގިނަ ދާއިރާތަކަކުން ފުރުޞަތު ވަނީ ފަހިކޮށްދީފައެވެ.
ދަރިވަރުންނަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ނިންމެވުމާ އެއްގޮތަށް، ލޯނުން ނަގަމުން އައި އެޑްމިނިސްޓްރޭޓިވް ޗާޖު ވަނީ އެއްކޮށް ކަނޑާލާފައެވެ. މީގެ ސަބަބުން މި ލޯނުތަކަކީ މިހާރު ފުރިހަމައަށް "ޝަރީޢާ ކޮންޕްލައަންޓް" ނުވަތަ އިސްލާމީ އުޞޫލުތަކަށް ފެތޭ ލޯނުތަކެކެވެ.


ވުޒާރާއިން މަޢުލޫމާތު ދޭ ގޮތުގައި، މިހާރު ކިޔަވަމުންދާ ދަރިވަރުންނާއި އަލަށް ކިޔަވަން ފަށާ ދަރިވަރުން ވެސް ހުށަހަޅަން ޖެހޭނީ އެއް ކެޓެގަރީއަކަށެވެ. އަލަށް ކިޔަވަން ފަށާ ދަރިވަރުން ލޯނަށް އެދޭއިރު، ޕްލޭސްމަންޓާއި ފީގެ ތަފްސީލް ހުށަހަޅަން ޖެހޭނެއެވެ. މިއީ ވީހާވެސް އަވަހަކަށް އެޕްލިކޭޝަންތައް ވަޒަންކޮށް، ފައިސާ ދޫކުރުމުގެ ކަންކަން އަވަސްކުރުމަށް ގެނައި ބަދަލެކެވެ.

Advertisement
Advertisement


ލޯނަށް އެދެން ބޭނުންވާ ފަރާތްތަކުން https://kuri.gov.mv ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް ފޯމު ހުށަހެޅޭނެއެވެ. ލޯނު ދޫކުރާނެ ޤައުމުތަކާއި އެހެނިހެން ތަފްސީލުތައް ވެސް މި ޕޯޓަލްއިން ލިބެން ހުންނާނެ ކަމަށް މަތީ ތަޢުލީމާ ބެހޭ ވުޒާރާއިން ބުނެއެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement